ބޮލީވުޑް

"އޯކޭ ޖާނޫ" ގެ ފެށުން އޯކޭ!

Jan 15, 2017

މި އަހަރުގެ ފުރަތަމަ ބޮލީވުޑް ފިލްމުގެ ގޮތުގައި އަދިތްޔަ ރޯއި ކަޕޫރާއި ޝްރަދާ ކަޕޫރުގެ "އޯކޭ ޖާނޫ" ވަނީ ހުކުރު ދުވަހު ރިލީޒްކޮށްފަ އެވެ.

"އާޝިގީ 2" އިން ވިދާލި ދެތަރިން ކަމަށްވާ އަދިތްޔަ އާއި ޝްރަދާ ލީޑްރޯލުން ފެނިގެން ގޮސްފައިވާ "އޯކޭ ޖާނޫ" އަކީ މަނީ ރަތުނަމް ޑައިރެކްޓް ކޮށްފައިވާ "އޯކޭ ކަންމަނީ" ކިޔާ ތަމަޅަ ފިލްމެއްގެ ރިމޭކް އެކެވެ.ޝާދް އަލީ ޑައިރެކްޓްކޮށް، ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސް ކޮށްފައިވާ "އޯކޭ ޖާނޫ" އަކީ ވަރަށް ޒަމާނީ ދެ ލޯބިވެރިންގެ ލޯބީގެ ވާހަކަ އެވެ.

އިންޑިއާގެ އެކި ކަންކޮޅުތަކުގެ 1400 ސްކްރީންގައި ދައްކަން ފެށި މި ފިލްމު ރިލީޒްކުރި ދުވަހުގެ ހެނދުނު ގަޑީގެ ޝޯތަކުން ފުލްވެފައިވަނީ 25 ޕަސެންޓް ކަމަށްވެ އެވެ.

މި ފިލްމަކީ ޒުވާން ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމަކަށް ވުމުން މި ފިލްމު ބަލަން ޒުވާނުންނާއި ލޯބީގެ ފިލްމުތަކަށް ލޯބިކުރާ ފަރާތަތްކުން ދާނެ ކަމަށް ބެލެވުނު ނަމަވެސް ފުރަތަމަ ދުވަހު މި ފިލްމަށް ލިބުނު ތަރުހީބު އެހާ ރަނގަޅެއް ނޫނެވެ. އެގޮތުން ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.08 ކްރޯޑް (ގާތްގަނޑަކަށް 408 މިލިއަން) ރުޕީޒް އެވެ.

ޝާދް އަލީ ޑައިރެކްޓްކޮށްފައިވާ "އޯކޭ ޖާނޫ" އަކީ 32 ކްރޯޑުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. ފުރަތަމަ ދުވަހު މި ފިލްމަށް ލިބުނު އާމްދަނީ އަށް ބަަލައި، ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ފިލްމަށް ކުރި ހަރަދު ފޫބެދޭ ވަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެ އެވެ.

"އޯކޭ ޖާނޫ" އާ ބެހޭގޮތުން ފާޑިކިޔުންތެރިން ކިޔާފައިވަނީ މަސްހުނި ހިޔާލުތައް ނަމަވެސް ފިލްމު ބެލި ބައެއް ފަރާތްތަކުން ވަނީ މިހާރުގެ ޒަމާނީ ޒުވާނުން ލޯބީގެ ގޮތުން މީހުންނާ ގުޅިގެން އުޅޭއިރު ޖެހޭ ކޫސަނި މައްސަލަތަކުގެ މައްޗަށް މި ފިލްމުގައި ވަރަށް ބޮޑަށް އަލިއަޅުވާލާފައިވާ ކަމަށް ބުނެ ފިލްމަށް ތައުރީފު ކޮށްފަ އެވެ. ނަމަވެސް ފިލްމަށް ފާޑުކިޔާފައިވާ ފަރާތްތަކުން ވަނީ ފިލްމުގައި ހަމައެކަނި ކަމުދަނީ އަދިތްޔަ އާއި ޝްރަދާގެ ކެމިސްޓްރީ ކަމަށާއި އެދެތަރިންގެ އެކްޓިން ވެސް ފިލްމުގައި އެއްވަރެއްގައި ނުހިފެހެއްޓޭ ކަމަށެވެ.

ބޮކްސް އޮފީހުގައި މި ފިލްމަށް ކުރި ހޯދަން އޮތް އެންމެބޮޑު އެއް ހުރަހަކީ މިދިޔަ މަހުގެ ފަހުކޮޅު ރިލީޒްވި އާމިރް ޚާންގެ "ޑަންގާލް" ހުއްޓުމެއްނެތި އަދިވެސް ބޮކްސް އޮފީހުގެ ރޭހުގައި ކުރިއަށް ދިއުމެވެ. އަދި ދިޕިކާގެ ފިލްމު އިންޑިއާގައި ރިލީޒް ކުރުމާ އެކު ވެސް އޭނާގެ ފޭނުން ކެކި އަރަމުން އަންނައިރު، ހަފްތާ ބަންދުގައި އެ ފިލްމުގެ ވިޔާފަރި ރަނގަޅުވެދާނެ ކަމަށް އަންނަނީ ބުނަމުންނެވެ. އެގޮތުން ދިޕިކާގެ ފިލްމަށް ވަނީ ހުކުރު ދުވަހު 1.80 ކްރޯޑް (ގާތްގަނޑަކަށް 180 މިލިއަން) ރުޕީޒް ލިބިފަ އެވެ. މި ފިލްމު ރިލީޒް ވެސް ކޮށްފައިވަނީ ވަރަށް މަދު ސިނަމާތަކެއްގަ އެވެ. އިރިލީޒްކޮށްފައިވަނީ އިރުއޮއްސި ހައެއް ޖެހިއިރު އެވެ.

"އޯކޭ ޖާނޫ" އާއެކު ނަވާޒުއްދީން ސިއްދީގީގެ ފިލްމު "ހަރާމްކޯރް" އާއި ދިޕިކާ ޕަދުކޯންގެ ފުރަތަމަ ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް" ވެސް ވަނީ ރިލީޒްވެފަ އެވެ.

"އޯކޭ ޖާނޫ" ބޮކްސް އޮފީހުގައި ކާމިޔާބު ވާނެކަން ނުވަތަ ނޫންކަން ފުރަތަމަ ހާފްތާ ބަންދު ނިމޭއިރު ފިލްމަށް ލިބޭ އާމްދަނީއިން އެނގިގެންދާނެ އެވެ.

ޝަރްދާ އާއި އަދިތްޔަގެ އެންމެފަހުން ރިލީޒްވި ދެ ފިލްމު، "ރޮކް އޮން 2" އާއި "ފިތޫރް" ފްލޮޕްވެފައިވާތީ މިފިލްމު ކާމިޔާބުވުން އެ ދެތަރިންނަށް ވަރަށް މުހިންމެވެ.