ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ އަރަބި ތައުލީމުގެ ފެންވަރު މަތި ކުރުމަށް ސައޫދީ ސަރުކާރުން ރާއްޖެއަށް ހިލޭ ޓީޗަރުން ފޮނުވައިފި އެވެ. ސައޫދީ ސަރުކާރުން ވަނީ އެގައުމުގެ 17 ޓީޗަރަކު މި މަހު ރާއްޖެއަށް ފޮނުވާފަ އެވެ.
ރާއްޖޭގައި އިސްލާމީ ތައުލީމް ފުޅާކުރަން ސައޫދީ ސަރުކާރާ ގުޅިގެން ފެށި މަސައްކަތުގެ ދަށުން ސައޫދީ ރަސްގެފާނު، ހާދިމުލް ހަރަމައިން އަލް ޝަރީފް ކިންގް ސަލްމާން ދެއްވި އެހީ ބަލައިގަތުމަށް އިސްކަންދަރު ސްކޫލުގައި މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ސައޫދީން ރާއްޖެއަށް ޓީޗަރުން ފޮނުވައި ވެދެއްވި އެހީ ރަސްމީކޮށް ބައްލަވައިގެންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އެވެ.
ސައޫދީ ސަރުކާރުން ވެދެއްވި އެހީއަށް ޝުކުރު އަދާކުރައްވަމުން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ، ފާއިތުވި 38 އަހަރުގެ ތެރޭގައި ރާއްޖޭގެ އަރަބި ތައުލީމު ކިޔަވައި ދިނުމުގެ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މީގެ އަހަރުތަކެއް ކުރިން އަރަބި އިސްލާމް ތައުލީމު ކިޔަވައިދިނުމަށް އުފެއްދި މައުހަދުލް ދިރާސާތުލް އިސްލާމިއްޔާ ޔުނިވަސިޓީއަކަށް ބަދަލުވެ، ސްކޫލް ފެންވަރުގައި ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އަރަބި ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ.
އެކަމަނާ ވިދާޅުވީ، ރާއްޖޭގައި އަރަބި ތައުލީމް ފުޅާކޮށް ދަރިވަރުންގެ އަގީދާ ވަރުގަދަ ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސް ކަންދޭ ކަމެއް ކަމަށެވެ. މި ސަރުކާރު އައި ފަހުން އަރަބި ތައުލީމު ކުރިއެރުވުމަށް ރާއްޖޭގެ 41 ސްކޫލެއްގައި އަރަބި ބަސް ކިޔަވައިދޭން ފަށައި، އަތޮޅުތަކުގެ ދެ ރަށެއްގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ދެ ސްކޫލް ގާއިމްކޮށްފައިވާ ކަމަށެވެ.
ސައޫދީން މިއަދު ރާއްޖެއަށް ހަދިޔާކުރެއްވި ޓީޗަރުން އައްޑޫ އާއި ކުޅުދުއްފުށީގައި ހުންނަ އަރަބި މީޑިއަމަށް ކިޔަވައިދޭ ދެ ސްކޫލާއި މާލޭގައި ހުންނަ އަރަބިއްޔާގައި ކިޔަވައިދޭނެ އެވެ. އަދި އެ ޓީޗަރުންގެ އެހީތެރިކަމާއެކު އިސްލާމިކް ޔުނިވަސިޓީއާއި ގުރުއާނާބެހޭ މަރުކަޒުގައި ދިވެހި ޓީޗަރުން އަރަބި ބަހަށް ތަމްރީންކުރުން ކުރިއަށްގެންދަން ވަނީ ހަމަޖައްސާފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ރާއްޖޭގައި އަރަބި ތައުލީމް ފުޅާކުރުމަށް ސައޫދީން ވެދޭ އެހީތަކުގެ ތެރެއިން ދަށް ގްރޭޑްތަކުގެ ކުދިންނަށް އަރަބި ދަސްކުރަން ބޭނުންވާ ފޮތާއި ޑިކްޝަނަރީފަދަ ތަކެތި ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭ ރާއްޖެއަށް ލިބޭނެ ކަމަށެވެ.