ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ފުއާދު ތައުފީގު އައްޔަންކުރައްވައިފި އެވެ.
ފުއާދު މި މަގާމަށް އައްޔަންކުރެއްވި ނަމަވެސް ސަރުކާރުން އެ މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެ އެވެ. އެހެންވެ މި މަގާމަށް ފުއާދު އައްޔަންކުރެއްވި ވަކި ދުވަހެއް އަދި އެނގިފައެއް ނުވެ އެވެ.
ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ފުއާދު އައްޔަންކުރައްވާފައި މިވަނީ ތައިލެންޑްގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އޭނާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ހުށަހަޅާފައި ވަނިކޮށެވެ.
ސަފީރު ކަމަށް ފުއާދު އައްޔަންކުރުމަށް ރުހުން ދިނުމަށް އެ މައްސަލަ ދިރާސާ ކުރި މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ މިމަހުގެ ތިންވަނަ ދުވަހު ފާސްކޮށްފަ އެވެ.
ފުއާދު ތައުފީގު އެންމެ ފަހުން ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ގޮތުގައެވެ. ކޮމިޝަންގައި އޭނާގެ ދައުރު ހަމަވީ މިދިޔަ ނޮވެމްބަރު 23 ވަނަ ދުވަހު އެވެ.
ފުއާދު، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވާތާ 35 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އެއް އިދާރާ އަކީވެސް އިލެކްޝަންސް ކޮމިޝަން އެވެ.
ތަފާސްހިސާބުގެ މަސައްކަތުގައި ރާއްޖޭގައި އެންމެ ފާހަަގަކުރެވޭ ބޭފުޅުންގެ ތެރޭގައި ފުއާދު ހިމެނޭއިރު އޭނާ އަކީ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު ހޯއްދަވާފައިވާ ބޭފުޅެކެވެ.