ހޮލީވުޑް

"ބްރޭކިން ބޭޑް" ގެ ފޭނުންނަށް އުފާވެރި ހަބަރެއް

Jan 17, 2017
1

އޭއެމްސީގެ ހިޓް ޑްރާމާ ސިލްސިލާ، "ބްރޭކިން ބޭޑް" ގެ ކާމިޔާބީ އަށް ފަހު މިހާރު ކުރިއަށް ދާ އޭގެ ސްޕިން އޮފް ސިލްސިލާ "ބެޓާ ކޯލް ސޯލް" އަށް ތައުރީފު އޮހުނު ނަމަވެސް ދެ ސީޒަން ނިމިގެންދިޔައިރު "ބްރޭކިން ބޭޑް" ގެ ހަގީގީ ފޭނުންނަށް ހަގީގީ ހިތްހަމަޖެހުމެއް ނުލިބޭކަން ޔަގީނެވެ.

ނަމަވެސް ތިން ވަނަ ސީޒަން ފެށުމަށް ތައްޔާރުވަމުން އަންނަ "ބެޓާ ކޯލް ސޯލް" ގައި ސީދާ "ބްރޭކިން ބޭޑް" ގެ ފޭނުންނަށް ވަރަށް ބޮޑު ސަޕްރައިޒެއް އެބައޮތެވެ. އެއީ މި ތިން ވަނަ ސީޒަނާ އެކު "ބެޓާ ކޯލް ސޯލް" އަށް "ބްރޭކިން ބޭޑް" ގެ އެންމެ ނުރައްކާތެރި އެހެން ނަމަވެސް ބެލުންތެރިންގެ ފެވަރިޓަކަށް އިސާހިތަކު ބަދަލުވެގެން ދިޔަ ގުސްޓާވޯ ފްރިންގް އެނބުރި އަންނާތީ އެވެ.

"ބްރޭކިން ބޭޑް" ގައި ގުސް ފްރިންގަކީ "ލޮސް ޕޮޔޮސް" ނަމަކަށް ކިޔާ ފާސްޓް ފުޑް ފްރައިޑް ޗިކަން ރެސްޓޯރަންޓެއްގެ ވިޔަފާރީގެ ނިވަލުގައި މެތަފެޓަމިން (މެތު) ގެ ބޮޑު ވިޔަފާރިއެއް ކުރިއަށް ގެންދާ ޑްރަގް ލޯޑެވެ. "ބްރޭކިން ބޭޑް" ގެ މި ކެރެކްޓާ "ބެޓާ ކޯލް ސޯލް" އަށް އެނބުރި އަންނައިރު މިފަހަރު ވެސް މި ކެރެކްޓާގެ މޫނަކީ އެކްޓަރު ގިއަންކާލޯ އެސްޕޮސީޓޯ އެވެ.

އޭއެމްސީ އިން މިކަން ކަށަވަރުކޮށްފައިވާއިރު "ބެޓާ ކޯލް ސޯލް" ގެ ޕްރޮމޯޝަނެއްގެ ގޮތުގައި މިހާތަނަށް "ލޮސް ޕޮޔޮސް" ގެ އިޝްތިހާރެއްގައި ވެސް ގުސް ފްރިންގް ދައްކާލާފައިވެ އެވެ. "ބްރޭކިން ބޭޑް" ގެ ސީޒަން ހަތަރެއްގައި ވޯލްޓާ ވައިޓްގެ ހަމަލާއަކުން ގުސް ފްރިންގް ވަނީ މަރާލައިފަ އެވެ.

ނަމަވެސް "ބެޓާ ކޯލް ސޯލް" އަކީ "ބްރޭކިން ބޭޑް" ގެ ސީކުއެލްއަކަށްވުމުން ނުވަތަ އޭގައި ދައްކުވައިދިން މަންޒަރުތަކުގެ ކުރިން ހިނގާފައިވާ ކަންކަމަކާ ގުޅޭ ސިލްސިލާއަކަށްވުމުން ފްރިންގް ކެރެކްޓާ އަށް ބޮޑު ރޯލެއް ލިބޭނެ ކަމަށް ބެލެވެ އެވެ. "ބެޓާ ކޯލް ސޯލް" ގައި ދައްކުވައި ދޭނީ ފާސްޓް ފުޑްގެ ވިޔަފާރީގެ ނަމުގައި ގުސް ފްރިންގް މެތަފެޓަމިންގެ ވިޔަފާރި ހިންގައި މަސްތުވާތަކެތީގެ ވިޔަފާރީގެ އަތްގަދަކުރާ ގޮތެވެ.

"ބެޓާ ކޯލް ސޯލް" ގެ ސީޒަން ތިނެއް އެނބުރި އަންނާނީ މި އަހަރުގެ އެޕްރީލް 10ގަ އެވެ.