ޓެކްނޯލޮޖީ

އަލިފާން ނިވި ހިމަނައިގެން ފޯނުގެ ބެޓެރި އުފައްދައިފި

Jan 17, 2017

އެހެންވީމަ ނޯޓް ސެވަންއެއް ނުވަތަ އެހެން ވައްތަރެއްގެ ފޯނެއްގެ ބެޓެރީ ވެސް ހޫނުވެގެން ޖީބަށް ގޮވައިފާނެ ކަމުގެ ބިރަށް ޓާޓާ ކިޔާލެވޭނެ ދުވަސްތަކެއް އަންނަނީ އެވެ. އެމެރިކާގެ ސްޓެންފޯޑް ޔުނިވާސިޓީގެ ދިރާސާ ޓީމަކުން މި ވަނީ، އަލިފާން ނިވި ޓެކްނޮލޮޖީ ހިމަނައިގެން އުފެއްދި ލިތިއަމް އަޔަން ބެޓެރިއެއް ކާމިޔާބުކަމާ އެކު ތަޖުރިބާކޮށްފަ އެވެ.

މި ޓެކްނޮލޮޖީ ފޯނުގެ ބެޓެރި އަށް ދީފައި ވަނީ އޭގެ އިލެކްޓްރޯލައިޓް ފްލުއިޑްގެ ތޮށިގަނޑުގެ އެތެރޭގައި ވަކިން ހަރުކޮށްފައިވާ "އަލިފާން ނިވި" މާއްދާތަކެއް ބޭނުންކޮށްގެންނެވެ. ބެޓެރީ އާދަޔާހިލާފަށް ހޫނުވެ، 150 ސެލްސިއަސް އަށް އަރައިފި ނަމަ މި ކެމިކަލް މާއްދާ އޭގެ އަމިއްލަ ޒާތުގައި ފަޅައިގެން ގޮސް ބެޓެރި މައިތިރިކޮށްލަ އެވެ.

ޓެސްޓްތަކުގައި ބެޓެރިތައް ހޫނުކޮށް، ގޮއްވާލުމުން މި ކެމިކަލް މާއްދާގެ އެހީގައި 0.4 ސިކުންތުގެ ތެރޭގައި ވަނީ އަލިފާންގަނޑު ނިންވާލައިފަ އެވެ. ސްޓެންފޯޑް ޔުނިވާސިޓީގެ މި ދިރާސާގެ އިތުރު ތަފްސީލް ސައިންސް އެޑްވާންސަސް ޖާނަލްގައި ޝާއިއުކޮށްފައިވެ އެވެ.

މިފަދަ ޓެސްޓެއް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފައިވާއިރު ފޯނުތަކެއް ބެޓެރިތައް ގޮވާ މައްސަލަ ވަނީ ބައިނަލްއަގުވާމީ ގޮތުން އެތައް ބަޔަކު ކަންބޮޑުވާ މިންވަރަކަށް އުފުލިފަ އެވެ. މި މައްސަލަ އިތުރަށް ބޮޑުވެގެން ގޮސްފައި ވަނީ ސެމްސަންގުން މިދިޔަ އަހަރު ނެރުނު އާ ފޯނު ނޯޓު ސެވަންގެ ބެޓެރި ހޫނުވެ ގޮވަން ފެށުމުންނެވެ.

އެ މައްސަލަ ދިމާވެގެން ސެމްސަންގުން ވަނީ އެމީހުން ބާޒާރަށް ނެރުނު އެތައް މިލިއަން ފޯނެއް އަނބުރާ ގެންގޮސް ނައްތާލައިފަ އެވެ.