ފެނަކަ ކޯޕްރޭޝަން

ތަހުގީގު ނިމިއްޖެ، އިހުމާލުވާ މީހުނަށް ދައުވާކުރާނެ: ފެނަކަ

ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސްއަށް ދޫކުރި 17 މިލިއަން ރުފިޔާއަށް ޑޮލަރު ނުލިބި، އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއްވެފައިވާތީ، އެކަން ހިނގައިދިޔަ ގޮތް ބެލުމަށް އެތެރޭގައި ކުރި ތަހުގީގު ނިމިއްޖެ އެވެ. އެ ތަހުގީގު ކޮށްފައިވަނީ ފެނަކައިގެ ބޯޑު ދެ މެންބަރުންނާއި ގާނޫނީ ވަކީލަކު ގުޅިގެންނެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މިއަދު އަވަސްއަށް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ ތަހުގީގަކީ ވަރަށް ކޮންފިޑެންޝަލް ތަހުގީގެއްގެ ގޮތުގައި ކުރިޔަށް ގެންގޮސް މިހާރު ތަހުގީގު ނިންމާލާފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގު ރިޕޯޓް އަދި ބޯޑަށް ހުށަހަޅައި އެއަށް މަޝްވަރާނުކުރާ ކަމަށެވެ.

"ބޯޑުން އިސް ނަގައިގެން އިންޓާނަލީ އޭގެ ޒިންމާ ވަނީ ކޮން ބައެއްތޯ ބެލުމަށް ކުރި ތަހުގީގު ނިމިފައިވަނީ، އެކަމަކު އަދި އެ ތަހުގީގު ރިޕޯޓް ބޯޑަކަށް ހުށައެއް ނާޅާ" ޝަރީފު ވިދާޅުވި އެވެ.

އެތެރޭގެ ތަހުގީގު ނިމިފައިވާއިރު، ފެނަކައިގެ ބޯޑުން ވަނީ 17 މިލިއަން ރުފިޔާ ގެއްލުމުގެ ސަބަބުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ތަފްސީލު ހޯދުމަށް ފައިނޭންޝަލް ލޮސް އެސެސްމެންޓެއް ހެދުމަށް ނިންމާފަ އެވެ. ޝަރީފު ވިދާޅުވީ، އެ އެސެސްމެންޓަށްފަހު ގެއްލުމުގެ ތަފްސީލު ހޯދޭނެ ކަމަށާއި އޭގެ ބަދަލު ހޯދުމަށް އިހުމާލުވާ މީހުން ގޮވައިގެން ކޯޓަށް ވެސް ދާނެ ކަމަށެވެ.

"ބޯޑުން ނިންމާފައި އެބަ އޮތް، އަޅުގަނޑުމެންނަށް ގެއްލުނު 17 މިލިއަން ރުފިޔާ މިހާ ދުވަހު ކޭސް ފްލޯއިން ގެއްލިފައިވާތީވެ އޭގެ ފައިނޭޝަލް ލޮސް އެސެސްމެންޓް ހެދުމަށް، ފައިނޭންޝަލް ލޮސް ހެދުމަށްފަހު އެކަމުގައި އިހުމާލުވާ ފަރާތްތަކަށް އަޅުގަނޑުމެން ދައުވާ ކުރާނަން އޭގެ ބަދަލު ހޯދުމަށް، ފައިނޭންޝަލް ލޮސް އެސެސްމެންޓް ހެދީމަ އޭގެ ސަބަބުން ކުންފުންޏަށްވީ ގެއްލުމުގެ ތަފްސީލް ލިބޭނީ،" ޝަރީފު ވިދާޅުވި އެވެ.

ޝަރޫ ލޯންޗް ސާވިސްއަށް ޑޮލަރު ގަންނަން ދިން 17 މިލިއަން ރުފިޔާ ގެއްލިފައިވާތީ، ފެނަކައިން މިހާރު ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މައްސަލަ މިހާރު ވަނީ ޝަރީއަތަށް ފޮނުވާފަ އެވެ.

މި މައްސަލާގައި ޝަރޫ ލޯންޗް ސާވިސްގެ އިސް މުވައްޒަފަކާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)ގެ އިސް މުވައްޒަފަކު ހައްޔަރުކުރި އެވެ. ނަމަވެސް ދެ މީހުން ވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ.