ބޭރު ކުޅިވަރު

އުމުރުން 44 އަދިވެސް މިވަރެއް ނެތް!

Jan 18, 2017

މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންގައި، ރޭ މާލީއާ ދެކޮޅާށް ކުޅުނު މެޗްގައި، ބަދަލުގައި ނިކުމެ މިސްރުގެ ގޯލް ބެލެހެއްޓި އުމުރުން 44 އަހަރުގެ އީސަމް އަލް ހާދަރީ އަށް ތައުރީފް އޮހިއްޖެ އެވެ.

މިސްރުގެ ގައުމީ ޓީމުގެ މިހާރުގެ އެއް ވަނަ ކީޕަރު، އަހްމަދު އަލް ޝެނަވީ އަށް މެޗްގެ ފުރަތަމަ ހާފުގައި ލިބުނު އަނިޔާ އެއްގެ ސަބަބުން، އޭނާގެ ބަދަލުގައި ކުޅެން އަރައި އީސަމް ވަނީ މެޗް މިސްރަށް އެއްވަރު ކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

މިދިޔަ އާދިއްތަ ދުވަހު އުމުރުން 44 އަހަރު އަހަރު ފުރުނު އީސަމް އަކީ އެފްރިކާ ބައްރުގައި އުފެދުނު މޮޅު ކީޕަރުންގެ ތެރެއިން ފާހަގަ ކޮށްލެވޭ ކީޕަރެކެވެ.

ރޭ ގެ މެޗުގައި އޭނަ އަށް ނުރައްކާ ތެރި ބޯޅަތަކެއް ސޭވް ކުރަން ނުޖެހުނަސް ، މާލީގެ ފޯވަޑް މަރެގާ އުފެއްދި ހަމަލާ ދިފާއު ކުރުމުގައި އީޝަމް ވަނީ އޭނަގެ ހަލުވި ކަމުގެ ބޭނުން ކޮށް ބޯޅަ ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.

މިއަހަރުގެ އެފްރިކަން ކަޕް އޮފް ނޭޗަން އަކީ އީސަމްގެ ހަތް ވަނަ މުބާރާތެވެ.

ރޭގެ މެޗުގައި މިސްރުގެ އާސެނަލްގެ މިޑްފީލްޑާ މުހައްމަދު އެލްނެނޭ އަށް ގޯލް ޖަހަން ދެ ފުރުސަތެއް ލިބިގެން ދިޔަ އެވެ. ނަމަވެސް އޭނާ އަށް ނަތިޖާ އެއް ނެރޭވޭ ގޮތެއް ނުވި އެވެ.