ތިމާވެށި

އދ. ގެ 22 ވަނަ މޫސުމީ ޖަލްސާ ދިޔައީ ޓްރަމްޕްގެ ހިޔަނީގެ ދަށަށް

Jan 18, 2017

އދ. ގެ މޫސުމީ މުއާހަދާގެ ދަށުން ބޭއްވި 22 ވަނަ އަހަރީ ޖަލްސާ އޮތީ މިދިއަ ޑިސެމްބަރު މަހުގެ 7 އިން 18 އަށް މޮރޮކޯގެ ބޮޑު ރަށެއް ކަމަށްވާ މަރައްކޭޝްގައެވެ. ބާބް އިޣުލީ ނުވަތަ ހަމައެކަނި ކޮޕްގެ ނަމުން މަޝްހޫރުވެފައިވާ ސަރަޙައްދެއްގައެވެ. ދުނިޔޭގެ 196 ޤައުމަކުން ގާތްގަނޑަކަށް ފަންސަވީހަކަށް ހާސް މީހުން މި މުނާސަބަތުގައި މަރައްކޭޝްއަށް ދަތުރުކުރި ކަމަށް ބެލެވެއެވެ. ރިއޯޑިޖެނޭރޯގައި 1972 ވަނަ އަހަރު ގައުމުތަކުން ސޮއިކުރުމަށް ހުޅުވާލެވުނު މޫސުމީ ބަދަލު ތަކާބެހޭ މުއާހަދާ، ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް އެކަށީގެންވާ ނިސްބަތުން ދުނިޔޭގެ ގައުމުތަކުން ތަންފީޒުކޮށްގެން މީގެ ފުރަތަމަ ޖަލްސާ 1995 ވަނަ އަހަރު ޖަރުމަނުގެ ބާލިންގައި ބޭއްވުނު ފަހުން މިއަހަރު ބޭއްވުނު 22 ވަނަ އަހަރީ ޖަލްސާ އޮތީ ދެބަޔަކަށެވެ.

ފުރަތަމަ ބައި އޮތީ 7 އިން 14 ނޮވެމްބަރ 2016 އަށެވެ. މިބައިގައި އާއްމުގޮތެއްގައި ބަހުސް ކުރެވުނީ ސައެންޓިފިކް އަދި ޓެކްނޮލޮޖިކަލް މައްސަލަތަކާއި، މުޢާހަދާ ތަންފީޒުކުރުމުގެ މައްސަލަތަކާއި މޫސުމީ ބަދަލުތަކަށް ކުރިމަތިލުމަށް ހޭދަކުރުމަށް ފައިސާ ހޯދުމުގެ މައްސަލައާ ދުނިޔޭގެ ގައުމުތަކުން މޫސުމީ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުމަށް ހައިލެވަލް ޗެމްޕިއަނުން ހުށަހެޅުއްވި ނުކުތާތަކުގެ މައްޗަށެވެ. ދެވަނަ ބަޔަކީ ގައުމުތަކުގެ އިސްވެރިންނާއި، މިނިސްޓަރުން ބައިވެރިވެވަޑައިގަތް ސިޔާސީ އަދި އެންމެ މުހިއްމުބަ އެވެ.

މިހާ ހިސާބުން ސުރުޚީގައި އިޝާރާތް ކުރެވިފައިވާ "ޓްރަމްޕްގެ ހިޔަނީގެ" މައްޗަށް ބަލައިލަމާތޯ އެވެ. އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެފައިވާ ޑޮނަލްޑް ޓްރަމްޕަކީ، އޭނާގެ ކެމްޕޭނުގެ ދުވަސްވަރުގައި މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން މިދިޔަ އަހަރު އެއްބަސްވެ މިހާރު ދުނިޔޭގެ ޤާނޫނަކަށްވެފައިވާ "ޕެރިސް އެގްރީމެންޓް" އާ ދެކޮޅަށް ވަރުގަދަ ބަޔާންތަކެއް ދެއްވާފައިވާ ބޭފުޅެކެވެ. މީގެތެރޭގައި، މޫސުމީ ބަދަލުތަކަކީ ޙަޤީގަތެއްނެތް، ޗައިނާ މީހުންގެ މަކަރެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން އެމެރިކާ މީހުންގެ ވަޒީފާތައް ގެއްލޭނެ ކަމަށާއި، އެމެރިކާއިން ޕެރިސް އެގްރީމެންޓުން ވަކިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެމެރިކާގެ މުއްސަނދިކަމާއި، ފަންނީ ކުރިއެރުމާއިއެކު މުޅި ދުނިޔެއިންވެސް ދެވަނައަށް ޖައްވަށް ވިހަ ގޭސްތައް ބޭރުކުރާ ޤައުމުކަމަށް ވުމާއެކު ޓްރަމްޕްގެ ވާހަކަފުޅަކީ ދުނިޔޭގެ ގިނަ ބައެއްގެ، ޚާއްޞަކޮށް ދުނިޔޭގެ ގިނަ ގައުމުތަކުގެ ވެރިންނަށް އިންޒާރުގެ ޑަނޑޫރާއަކަށްވިއެވެ. މިކަން މިހެން އޮއްވައި، ޓްރަމްޕް އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިތާ ވަރަށް ކުޑަ ދުވަސްކޮޅެއްގައި މި ބޭއްވުނު އދ. ގެ މޫސުމީ މުއާހަދާގެ 22 ވަނަ އަހަރީ ޖަލްސާއަށް ޓްރަމްޕްގެ ހިޔަނި އެޅިފައިވަނީ ވަރަށްވެސް ފާޅުކަން ބޮޑު ގޮތެއްގައެވެ.

މޮރޮއްކޯގެ ރަސްގެފާނު، ޖަލާލަތުލް މަލިކް މުޙައްމަދު ސާދިސް ހަވަނަ، އިސްވެރިންގެ ޖަލްސާ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ފަރަންސޭސި ރައީސް ފްރަންސްވާ އޮލެންޑް ދެއްވި ތަޤުރީރުގައި ސީދާ ނަން ބޭނުން ނުކުރެއްވިޔަސް ޕެރިސް އެގްރީމެންޓަކީ އެންމެންގެ އެއްޗެއް ކަމަށާއި، ހުރިހާ ޤައުމެއްގެ އެއްޗެއް ކަމަށް ވިދާޅުވިއެވެ. ޕެރިހުން ލިބުނު އުއްމީދުތައް ވިއްސިވިހާލިކޮށް ނުލައި ކުރިއަށް ދާން ޖެހޭނެއެވެ.

ޕެރިސް އެގްރީމެންޓަކީ އަލުން އިޢާދަ ނުކުރެވޭނެ އެއްބަސްވުމެއްކަމަށާއި، ސަރުކާރުތަކާއި، ވިޔަފާރިތަކާއި މާލީ ދާއިރާއިންނާ ދުނިޔޭގެ ރައްޔިތުން އިތުރަށް ހަރުދަނާ ކުރަންޖެހޭނެ އެއްޗެއްކަމަށް ވެސް ސިފަ ކުރެއްވިއެވެ. އެމެރިކާއިން އެއްބަސްވެފައިވާ މޫސުމީ ކަންތައްތަކަށް އިޙްތިރާމް ކުރަންވާނެ ކަމަށާއި އެމެރިކާގެ އާ ރައީސް އާއި ޢަޒުމާ އިޙްތިރާމާއިއެކު މުޢާމަލާތު ކުރައްވާނެކަމަށް ވެސް ފަރަންސޭސި ރައީސް އޮލެންޑް ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހި ވަފުދުން ބައްދަލުކުރި ސިންގަޕޯ، ނޯޑިކް ޤައުމުތަކާއި ކެނެޑާ އަދި އެހެން ޤައުމުތަކުންވެސް ޓްރަމްޕްގެ ވާހަކަފުޅަށް އިޝާރާތް ކުރެއްވިއެވެ. އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސް ޕީޓަ ތޮމްޕްސަންގެ ވާހަކަފުޅުގައި އެއްފިޔަވަޅު ކުރިއަށް ގެންދަވާ، އެމެރިކާގެ އިލެކްޓެޑް ރައީސްގެ ސިޔާސަތާމެދު ކުދި ގައުމުތަކުން ޢަމަލު ކުރެވިދާނެ ގޮތާމެދު ބައެއް ޚިޔާލުފުޅު ދެއްވިއެވެ. ބައެއް ލީޑަރުން ޓްރަމްޕްގެ މޫސުމީ ސިޔާސަތު ދެދުވަހެއްގެ ތެރޭގައި އިޢުލާނު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުޅި ޖަލްސާގެ ތެރޭގައި މިކަމުގެ އަނދިރި ހިޔަނި އެޅިފައިވާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިގެން ދިޔައެވެ. ބައެއް ބޭފުޅުން ސަމާސާ މިޒާޖުގައި، އެހެން ބައެއް ބޭފުޅުން ސީރިއަސްކޮށް އެކި ހޯލަށް ވަޑައިގަންނަވާ މަގުމަތީގައާއި، ޖަލްސާގެ ރެސްޓޯރަންޓްތަކުގައި ބައެއް މަންދޫބުންނާ އެވާހަކަފުޅު ދައްކަވައެވެ. ވުމާއިއެކު ޓްރަމްޕްގެ ސިޔާސަތުގެ ނުތަނަވަސްކަން މިޖަލްސާއަށް ފެތުރިފައިވާ ބޮޑުކަން ހާމަވެގެންދިޔައެވެ.

އިސްވެރިންގެ ޖަލްސާ

މޫސުމީ އިސްވެރިންގެ ޖަލްސާގައި 80 ޤައުމުގެ އެންމެ އިސްވެރިންނާއި ބޮޑުވަޒީރުން އަދި 115 ޤައުމުގެ މިނިސްޓަރުން ބައިވެރިވެވަޑައިގަތެވެ. އޭގެތެރޭގައި ފަރަންސޭސި ރައީސް ފްރަންސްވާ އޮލެންޑް، ޕޯޗުގީޒުގެ ބޮޑުވަޒީރު އެންޓޯނިއޯ ކޮސްޓާ، ކެންޔާގެ ރައީސް އުހުރޫ ކެންޔާޓާ، އެފްރިކާގެ އެންމެ ދުވަސްވީ ޒަޢީމް ޒިމްބާބްވޭގެ 92 އަހަރުވީ ރައީސް ރޮބަޓް މުގާބޭ، ސެނަގޯލްގެ ރައީސް މަކީ ސޯލް، ނައިޖީރިއާގެ ރައީސް މުޙައްމަދު ބުޚާރީ، ސުދާނުގެ ރައީސް ޢުމަރު ޙަސަން އަޙްމަދު އަލްބަޝީރު، އައިވަރީ ކޯސްޓްގެ ރައީސް އަލަސާން ވަޓަރޭ، ކުވައިތުގެ އަމީރު ޝެއިޚް ސަބާޙް އަލް އަޙްމަދު އައްޖާބިރު އައްސަބާޙް، ޢިރާޤްގެ ރައީސް މުޙައްމަދު ފުއާދު މަދޫމް، މެސެޑޯނިއާގެ ރައީސް ޖޯޖް އިވަނޯވް، ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ، ޓިއުނީޝިއާގެ ބޮޑުވަޒީރު ޔޫސުފް ޝާހިދު އަދި ފަލަސްޠީނުގެ ބޮޑުވަޒީރު ރާމީ ޙަމްދުﷲ ހިމެނިވަޑައިގަތެވެ.

މޮރޮއްކޯގެ ރަސްގެފާނު ޖަލާލަތުލް މަލިކް މުޙައްމަދު ހައެއްގެ އިފްތިތާޙީ ތަޤްރީރުގައި ކޮޕް 22 އަދި ޕެރިސް އެގްރީމެންޓް ތަންފީޒު ކުރުމުގައި ކަނޑައެޅިގެންއައި ބަދަލު ކޮއްލުމުގެ ނުކުތާއެއް ކަމަށާއި ޤައުމުތަކަށް އުފުލައި ނުގަނެވޭފަދަ ކަނޑައެޅުންތަކަށް ބާރުނޭޅުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި ކުރިއަރާފައިވާ ޤައުމުތަކަށް 2020 އާ ހަމައަށް ދޭން އެއްބަސްވެފައިވާ 100 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އިޙްތިރާމް ކުރުމަށާއި ހުރިހާ ޤައުމަކުންވެސް ޓެކްނޮލޮޖީ ބަދަލުކުރަން ފަހިކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ.

މަޤާމުން ވަކިވެވަޑައިގަތުމުގެ ކުރިން އދ. ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ބައިވެރިވެވަޑައިގަންނަވާ އެންމެ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އަހަރުމެންނަށް މުސްތަޤްބަލްގެ ޖީލުތަކުގެ ނަސީބާ ދޭތެރޭ ކޮޅުކޮޅަށް ކިރިލަކިރިލާ ތިބުމުގެ ޙައްޤެއް ނެތްކަމަށެވެ. އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސް، ފިޖީގެ ޕީޓަ ތޮމްޕްސަން ގޮވާލެއްވީ މޫސުމީ ބަދަލުތަކަށް ލިބިފައިވާ ކުރިއެރުން އަދާއި މާދަމާގެ ޖީލްތަކަށްޓަކައި ހިފެހެއްޓުމަށެވެ.

ޒުވާނުންގެ މަންދޫބެއްގެ ގޮތުން ވާހަކަ ދައްކަމުން މޮރޮއްކޯގެ އެންމެ 16 އަހަރުވީ މަރިޔަމް މަވްޙޫބް ގޮވާލީ ޤައުމުތަކުގެ މަންދޫބުންގެ މެދުގައިވާ ތަފާތުތައް ނައްތާލާ، ދުނިޔޭގެ ލާބައަށްޓަކައި އެންމެ ނާޒުކު ޖަމާޢަތްތަކާ އިއްތިހާދުވުމަށެވެ.

އދ. ގެ މޫސުމާބެހޭ މުޢާހަދާގެ އެގްޒެކެޓިވް ސެކްރެޓަރީ ޕެޓްރީސިއާ އެސްޕިނޯސާގެ ވާހަކަފުޅުގައި ކާބަން މަދު މޫސުމީ ބަދަލުތަކަށް ހޭނިފައިވާ ދުނިޔެއަކަށް ހެދުމަށްޓަކައި ޤަބީލާތަކާއި، ޒުވާނުންނާއި، އަންހެނުން ހިމަނައިގެން ކުރިއަށް ދިއުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާ މޮރޮއްކޯގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ކޯޕަރޭޝަން ޞަލާޙުއްދީން މިޒްވާރު ވިދާޅުވީ މިއީ ތާރީޚީ މުނާސަބަތެއް ކަމަށާއި، ޕެރިސް އެގްރީމެންޓް ޤައުމުތަކަށް ހުޅުވާލެވުނުތާ އަހަރެއްހާ ދުވަސް ވެސް ނުވަނީސް ދުނިޔޭގެ ޤާނޫނެއްގޮތުން ތަންފީޒު ކުރެވުނުކަމީ ޤައުމުތަކުން މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގައި މަސްއޫލިއްޔަތު އުފުލާ ކަމުގެ ހެއްކެއް ކަމަށެވެ.

ޖަލްސާއިން ގެންނަން ލިބުނު އެންމެ މުހިއްމު ކަންތައްތައް

މަރައްކޭޝް ކޮޕުން ފާސް ކުރި އެންމެ މުހިންމު ދެ ކަނޑައެޅުމަކީ މޫސުމީ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާއި ބެހޭ ޢަމަލީ ފިޔަވަޅުތައް ހިމެނޭ މަރައްކޭޝް ޤަރާރާ، މޫސުމީ ބަދަލުތަކަށް ދުނިޔޭގެ ގައުމުތައް ބައިވެރިވެގެން ޢަމަލު ކުރާނެ ކަނޑައެޅުމެކެވެ. މަރައްކޭޝް ޤަރާރުގައި ޤައުމުތަކާއި ސަރުކާރުތަކުގެ އެންމެ އިސްވެރިންނާއި، ވަފްދުތަކުގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިވަނީ މޫސުމީ ބަދަލުތަކުގެ މައްސަލާގައި ކުރިއަށް ދިއުން ދެން ނުހުއްޓުވޭނެ ކަމަށާއި، ވިހަގޭސްތައް ބޭރުކުރުން ވަރަށް މަޢުނަވީ ގޮތުން މަދުކުރަން ޖެހޭނެ ކަމަށެވެ. އދ ގެ 2030 ދެމެހެއްޓެނިވި ތަރައްޤީގެ އެޖެންޑާއާއެކު އިއްތިހާދުވެ،އުއްމީދާއި ފުރުސަތުތައް އަދާއި މާދަމާގެ ޖީލުތަކަށް ގެނެސްދިނުމަށެވެ.

ދުނިޔޭގެ މޫސުމީ މައްސަލާގައި މަރައްކޭޝް ޕާޓްނަރޝިޕް ކަނޑައެޅުމަކީ 2020 ހަމައަށް ދުނިޔޭގެ ޤައުމު ތަކުން ޢަމަލު ކުރާނެ މަގުޗާޓެކެވެ.

2050 މަގު ޗާޓްތައް

އެމެރިކާ، ކެނެޑާ، މެކްސިކޯ އަދި ޖަރްމަން ވިލާތުން އެމީހުން ޖައްވަށް ބޭރުކުރާ ގޭސްތައް މިގަރުނުގެ މެދާ ހަމައިން ވަރަށްމަތީ ދަރަޖަ އަކަށް މަދުކޮށްލާނެ ސިޔާސަތު ތަކެއް މިޖަލްސާގައި ހާމަ ކުރިއެވެ. ޖަރްމަނުގެ އަމާޒަކީ 1990 ވަނަ އަހަރު ހުރި ވަރަށްވުރެ 80-90 ޕަސެންޓް މަދު ކޮށްލުމެވެ. އެމެރިކާ އާއި ކެނެޑާގެ އަމާޒަކީ 2005 ވަނަ އަހަރު ހުރި ވަރަށް ވުރެ 80 ޕަސެންޓް 2050 ވަނަ އަހަރާ ހަމައަށް މަދު ކޮށްލުމެވެ.

އެކަމަކު ޓްރަމްޕްގެ ރިޔާސަތު ގައި އެމެރިކާގެ މިއަމާޒަކީ ހިރަފުސް ނާރާ ކުރިއަށްދާނެ ކަމެއްކަން ސާބިތު ކޮށްދޭނީ މުސްތަޤުބަލެވެ. ފެރޫ، އިތިއޯޕިއާ އަދި ނޯވޭ ހިމެނެނީ ހައިލެވެލް ޗެމްޕިއަނުން އިޢުލާން ކުރެއްވި ކާބަން ފިލުވާލުމުގެ ސިޔާސަތުގައި ބައިވެރިވާ 22 ޤައުމުގެ ތެރޭގައެވެ. "2050 ޕާތުވޭޒް ޕްލެޓް ފޯމުގައި" ބައެއް ރަށްރަށުންނާއި ވިޔަފާރިތަކުން ވެސް ބައިވެރިވެއެވެ.

މޫސުމީ ބަދަލުތަކަށް ހޭނުމަށް ދޭ ފައިސާ

މޫސުމީ ބަދަލުތަކަށް ޤައުމުތަކުން ހޭނުމަށް އިތުރު ފައިސާ ދިނުމަށް މިޖަލްސާގައި މާބޮޑު ރޫޙެއް ނެތެވެ. އެންމެ ފަހު ދެދުވަހަކާ ހަމައަށް ޙައިރާން ކުރުވަނިވި ގޮތަކަށް އޮތް އެއްމައްސަލަ އަކަށްވީ ކިޔޯޓޯ ޕްރޮޓޮކޯލް ގެ ދަށުން އުފެއްދި އެޑަޕްޓޭޝަން ފަންޑަކީ ޕެރިސް އެގްރިމްންޓަށް ފަހުގައި ދަމަހައްޓާނެތޯ ކުރެވޭ ސުވާލެވެ. ކުދި މަޝްރޫޢު ތަކަށް ފައިސާ ހަމަޖައްސަން ފަސޭހަ ކަމަށްޓަކައި ކުރިއަރަމުން އަންނަ ޤައުމުތަކުގެ މެދުގައި މިފަންޑަކީ މަޤްބޫލް ކަން އިތުރު ވެފައިވާ ފަންޑެކެވެ.

ޖަލްސާގެ އެންމެ ފަހުގެ ގަޑިތަކުގެ ތެރޭގައި އެޑަޕްޓޭޝަން ފަންޑަކީ ޕެރިސް އެގްރީމެންޓްގެ މުޢާހަދާއަށް ބޭނުންތެރި ފަންޑެއް ކަމަށް ޤައުމުތަކުން އެއްބަސްވިއެވެ. އަދި ޖަރްމަން، އިޓަލީ، ސްވިޑްން އަދި ބެލްޖިއަމުން މިފަންޑަށް އިތުރު 81 މިލިއަން ޑޮލަރ ދޭނެ ކަމަށް އިޢުލާން ކުރުމުން މިޢަދަދަކީ މިވަގުތަށް ބޭނުންވެފައިވާ މިންވަރަށް ވުރެވެސް ހެޔޮ ޢަދަދަކަށް ވިއެވެ.

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކަށް ބަދަލު ދިނުން (ވޯސޯ އިންޓަނޭޝަނަލް މެކޭނިޒަމް ފޮރ ލޮސް އެންޑް ޑެމޭޖް)
މިއީ ބޮޑެތި ޤައުމު ތަކަށް މާ އަވަސް އަރުވާލައިގެން އުޅުން ޝައުޤުވެރިކަމެއް ހުރި މަޢުޟޫއަކަށް ނުވިއެވެ. ނަމަވެސް މިއީ މޫސުމީ ބަދަލުތަކަށް އެންމެ ނާޒުކު ޤައުމު ތަކަށް ވަރަށް މުހިންމު ނިޒާމެކެވެ. މިމައްސަލައިގާ އެންމެފަހުން ނިންމީ ކުރިއަށް އޮތް 5 އަހަރު މަޝްވަރާތައް ކުރިއަށް ގެންދާނެ ގިއުގަނޑެއްގެ މައްޗަށެވެ.

އެޑިޓަރުގެ ނޯޓް:

މި މަޒުމޫނަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މަޖީދު ލިޔުއްވާފައިވާ މަޒުމޫނެކެވެ. އޭނާ އަކީމޫސުމާބެހޭ ހާއްސަ ތަޖުރިބާކާރެކެވެ. ރާއްޖޭގެ މީޓިއޮރޮލޮޖިކަލް ސާވިސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގައި މަޖީދު މުހިއްމު ދައުރެއް އަދާ ކުރައްވާފައި ވެއެވެ. އަދި އޭނާއަކީ މޫސުމާ ގުޅޭ އީލްމީ ލިއުއްވުންތައް ލިއުއްވާ ލިޔުންތެރިއެއްވެސްމެއެވެ.