އެމެރިކާގެ ރައީސްކަމުގެ ހުވާ މިއަދު ކުރެއްވި ޑޮނަލްޑް ޓްރަމްޕަކީ ރިއަލް އެސްޓޭޓް ވިޔަވާރިވެރިއެއް ކަމަށްވާ ފްރެޑްރިކް ޓްރަމްޕާއި މޭރީ މެކްލޯޑަށް ލިބުނު ފަސް ދަރިންގެ ތެރެއިން އެކަކެވެ. އޭނާ އުފަންވެވަޑައިގެންނެވީ އެމެރިކާގެ ނިއުޔޯކް ސިޓީގައި 1946 ވަނަ އަހަރު އެވެ.
އޭނާގެ އެންމެ ފުރަތަމަ ސްކޫލަކީ ނިއުޔޯކްގެ ފޮރެސްޓް ހިލްސްގައިވާ ކިއު ފޮރެސްޓް ސްކޫލް ނަމަކަށް ކިޔާ ސްކޫލެކެވެ. ޓްރަމްޕްގެ އުމުރުން 13 އަހަރުގައި އޭނާގެ މައިންބަފައިން އޭނާ ފޮނުވީ ނިއުޔޯކް މިލިޓަރީ އެކަޑަމީއަށެވެ. އެ އެކަޑަމީގައި ޓްރަމްޕް ވެވަޑައިގެންނެވީ ވަރަށް ކާމިޔާބު ދަރިވަރަކަށެވެ.
އޭނާ މަތީ ތައުލީމު ހާސިލު ކުރެއްވީ ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގެ ވާޓަން ސްކޫލް އޮފް ފިނޭންސް އިންނެވެ. އެ ޔުނިވާސިޓީން އޭނާ އިގުތިސާދީ ދާއިރާއިން ފުރަތަމަ ޑިގްރީ ހެއްދެވި އެވެ.
ޓްރަމްޕްގެ ވިޔަފާރި
ޓްރަމްޕްގެ ބައްޕަގެ އާއިލީ ކުންފުނި "އެލިޒަބަތު ޓްރަމްޕް އެންޑް އެންޑް ސަން" ގައި މަސައްކަތް ކުރައްވަން ޓްރަމްޕް ފެއްޓެވީ ކޮލެޖް ދަރިވަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ. އެ ކުންފުނިން އޭރު ކުރަމުން އައި މަސައްކަތަކީ ކުއްޔަށްދޭ މެދު ފަންތީގެ ގެދޮރު ބިނާކޮށް ހިންގުމެވެ.
އެ ކުންފުނީގެ ޕްރޮޖެކްޓެއްގައި ޓްރަމްޕް ބޮޑަށް ބައިވެރިވެވަޑައިގެންނެވީ 500000 ޑޮލަރު އިންވެސްޓް ކުރެއްވުމަށް ފަހުގަ އެވެ. އެގޮތުން ބިނާކުރި 1200 ޔުނިޓްގެ އިމާރާތުގެ އޮކިއުޕަންސީ ފުރަތަމަ 66 ޕަސެންޓަށް އަދި ފަހުން 100 ޕަސެންޓަށް ގެންދިއުމުގައި އޭނާ މުހިއްމު ދައުރެއް އަދާ ކުރެއްވި އެވެ.
ނިއުޔޯކްގެ މެންހާޓަންއަށް 1971 ވަނަ އަހަރު ޓްރަމްޕް ބަދަލުވެޑައިގެންނެވި އެވެ. އަދި އެތަނުގައި އިމާރާތް ކުރެއްވުމުގެ މަސައްކަތް ފުޅާ ކުރެއްވި އެވެ. ފްލޮރިޑާގެ ޕާމް ބީޗްގައިވާ މާރާ ލާގޯ އެސްޓޭޓް 185 ވަނަ އަހަރު ޓްރަމްޕް ބައްލަވައިގެންނެވި އެވެ.
ވިޔަފާރި ފުޅާ ކުރައްވަމުން ގޮސް އޭނާ ފަހުން އޭނާގެ ނަމަކީ ބްރޭންޑް ނަމަކަށް ހެއްދެވި އެވެ. އެގޮތުން އެމެރިކާގެ ވިޔަފާރީގެ ދާއިރާގައި އޭނާއަކީ ވަރަށް މަޝްހޫރު ބޭފުޅެކެވެ. ޓްރަމްޕްގެ ނަމުގައި ހިންގާ ވިޔަފާރިތަކުގެ ތެރޭގައި ޓްރަމްޕް ފިނޭންޝަލް، ޓްރަމްޕް ސޭލްސް އެންޑް ލީޒިން، ޓްރަމްޕް އެންޓްރެޕްރެނިއާ އިނިޝޭޓިވް، ޓްރަމް ރެސްޓޯރަންޓްސް އަދި ޑޮނަލްޑް ޖޭ ޓްރަމްޕް ސިގްނެޗާ ކަލެކްޝަންސް ހިމެނެ އެވެ. ޓްރަމްޕްގެ ހިއްސާ އެކި ވަރަށް އޮންނަ އެ ވިޔަފާރިތަކާއެކު އޭނާއަކީ ބިލިޔަނަރެކެވެ.
ވިޔަފާރީގެ އިތުރުން ރިއަލިޓީ ޝޯއެއް ކަމަށްވާ ދަ އެޕަރެންޓިސް އުފައްދަވައި ހޮސްޓް ކުރެއްވުމުގެ ސަބަބުން ޓްރަމްޕަކީ އެމެރިކާގައި ނަން ވިދާލާފައިވާ ބޭފުޅެކެވެ. އޭނާގެ ތަރި ހޮލީވުޑް ވޯކް އޮފް 2006 ވަނަ އަހަރު އެރިއެވެ.
ސިޔާސީ ހަޔާތް ފެށުން
ސިޔާސީ ދާއިރާއަށް ވެންނެވުމުގެ ޝައުގުވެރިކަން އޭނާ އެންމެ ފުރަތަމަ ފާޅު ކުރެއްވީ 2000 ވަނަ އަހަރު އެވެ. އެމެރިކާގެ މައި ދެޕާޓީ ނޫން އެހެން ޕާޓީއެއްގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ބޭނުންފުޅުވާ ކަން އެ އަހަރު ހާމަ ކުރެއްވި އެވެ. ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓްގެ ގޮތުގައި ރިޔާސީ ރޭހަށް ނުކުންނަވާފާނެ ކަމުގެ އިޝާރާތެއް 2006 ވަނަ އަހަރު އޭނާ ކުރެއްވި އެވެ. އަދި އެޕާޓީގެ ޓިކެޓްގައި ނިއުޔޯކްގެ ގަވާނާ ކަމަށް ކުރިމަތިލައްވަން ވެސް ވިސްނެވި އެވެ.
ސިޔާސީ ދާއިރާގައި ޓްރަމްޕްގެ ހަރަކާތްތެރިކަން އިތުރުވީ 2012 ވަނަ އަހަރު އެވެ. ރިޔާސީ ރޭހަށް ނުކުނަންވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަން އެ އަހަރު އޭނާ އާއްމުކޮށް އިއުލާން ކުރެއްވި އެވެ. އަދި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އުފަންވެވަޑައިގެންނެވީ އެމެރިކާގައި ނޫން ކަމަށް ދައުވާ ކުރާ ގްރޫޕަކާ ޓްރަމްޕް ގުޅި ވަޑައިގެންނެވި އެވެ. އެހެންވެ، ސިޔާސީ ދާއިރާގައި އޭނާއަށް ބޮޑު ނުރުހުމަކާ ވެސް ކުރިމަތިވެވަޑައިގެންނެވި އެވެ. އަދި އެއާއެކު އިޒްރޭލުގެ ބޮޑުވަޒީރުކަމަށް ނަތަންޔާހޫ ކުރި ކެމްޕޭންގައި ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި އެވެ.
2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު
ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަން ޓްރަމްޕް އިއުލާން ކުރެއްވީ 2016 ވަނަ އަހަރުގެ ޖޫން 15 އިގަ އެވެ. ކާމިޔާބު ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުންނާއި މީޑިއާގައި މަޝްހޫރުކަން ހޯއްދަވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ރިޕަބްލިކަން ޕާޓީގެ ރޭހުގެ އެންމެ ކުރީގައި އުޅުއްވާ ބޭފުޅަކަށް އޭނާ ވެވަޑައިގެންނެވި އެވެ. އެގޮތުން ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް އޭނާ ފަސޭހަކަމާއެކު ކާމިޔާބު ކުރެއްވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އޭނާ ފޯކަސް ކުރެއްވީ ގަވައިދާ ހިލާފަށް ހިޖުރަ ކުރުމުގެ މައްސަލަ އާއި ޓެރަރިޒަމާއި އެމެރިކާގެ ކުންފުނިތައް އެހެން ގައުމުތަކުގައި ހިންގާތީ ވަޒީފާ މަދުވާ މައްސަލައާއި އެމެރިކާގެ ދަރަނީގެ މައްސަލައަށެވެ. ކެމްޕޭން މޮޓޯ އަކަށް އޭނާ ގެންގުޅުއްވީ "ޓް މޭކް އެމެރިކާ ގްރޭޓް އެގެއިން" ނުވަތަ "އެމެރިކާ އަނެއްކާވެސް މަތިވެރި ކުރުމަށް" އެވެ.
ކެމްޕޭންގައި ޓްރަމްޕް ދެއްކެވި އިންތިހާއަށް ހަރުކަށި ވާހަކަފުޅުތަކުގެ ސަބަބުން އޭނާއަށް ބޮޑު ފާޑުކިއުމެއް އަމާޒުވި އެވެ. ހަމަ އެއާއެކު އެ ވާހަކަފުޅުތަކުގެ ސަބަބުން މީޑިއާއިން އޭނާއަށް ބޮޑު ކަވަރޭޖެއް ވެސް ލިބުނެވެ. ހަގީގަތް ގަބޫލު ނުކުރެއްވުމާއި އިތުރުފުޅު ހެއްދެވުމުގެ ސަބަބުން އޭނާގެ އިތުބާރު އޮތީ ވަރަށް ބޮޑަށް ގެއްލިފަ އެވެ.
އެގޮތުން އެމެރިކާގެ ބޮޑެތި ނޫސްތައް ކަމަށްވާ ޕޮލިޓިކޯ، ދަ ވޮޝިންޓަން ޕޯސްޓް، ދަ ނިއުޔޯކް ޓައިމްސް އަދި ދަ ލޮސްއެންޖަލިސް ޓައިމްސް އިން އޭނާގެ ވާހަކަފުޅުތަކަކީ ބުހުތާން ދޮގު ކަމަށް ބަޔާންކުރި އެވެ.
އެހުރިހާ ކަމަކާއި އެކުގައި ވެސް ރިޔާސީ އިންތިހާބުގައި އޭނާއާ ވާދަކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ރޯދަމް ކްލިންޓަށް ވުރެ އިތުރަށް އިލެކްޓޯރަލް ކޮލެޖް ވޯޓް ހޯއްދަވައިގެން އޭނާ އިންތިހާބު ކާމިޔާބު ކުރެއްވިއެވެ. އެއީ ދުނިޔެއަށް ވެސް ލިބުނު ބޮޑު ހައިރާން ކަމެކެވެ. އެއާއެކު ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ސިޔާސަތުގެ ސަބަބުން އޭނާގެ ރިޔާސަތުގައި ދުނިޔެއަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.