ޑރ. މުހައްމަދު ޝައިނީ

ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމުގައި އިންޑިއާ މުހިއްމު ދައުރެއް އަދާކުރި: ޝައިނީ

Jan 21, 2017

ފާއިތުވި 30 އަހަރު ރާއްޖެއިން ހޯދި އިގުތިސޯދީ ކުރިއެރުމުގައި އިންޑިއާގެ އިންވެސްޓްމެންޓްތައް މުހިއްމު ދައުރެއް އަދާކުރި ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އިންޑިއާއިން އިސް ނަގައިގެން ބާއްވާ ބައިނަލް އަގުވާމީ ސިޔާސީ އަދި އިގުތިސާދީ ކޮންފަރެންސެއް ކަމަށްވާ "ރައިސިނާ ޑައިލޮގް" ގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝައިނީ ވިދާޅުވީ ބޭރުގެ އިންވެސްޓްމެންޓްތަކަށް މަރުހަބާ ކިއުމުގެ ރާއްޖޭގެ ޓްރެކް ރެކޯޑް ރަނގަޅު ކަމަށެވެ.

"ފޮރިން ޑިވެލޮޕްމެންޓް އިންވެސްޓްމެންޓް ތަކަށް ރާއްޖޭން މަރުހަބާ ކިއުމުގެ ފަހުރުވެރި ޓްރެކް ރެކޯޑެއް އެބަ އޮތް. ހާއްސަކޮށް އިންޑިއާއިން. ފާއިތުވި 30 އަހަރު ރާއްޖެއަށް އައި އިގުތިސާދީ ކުރިއެރުމުގައި އިންޑިއާގެ އިންވެސްޓްމެންތައް މުހިއްމު ދައުރެއް އަދާކުރި،" މިނިސްޓަރު ވިދާޅުވި ކަމަށް މަނީ ކޮންޓްރޯލް ޑޮޓްކޮމް އިން ބުންޏެވެ.

އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ ބޮޑެތި މަޝްރޫއުތައް ރާއްޖޭން ހިންގަމުން އަންނަ ކަމަށާއި އެފަދަ މަޝްރޫއުތައް ކުރިއަށް ރާވާފައި ވެސް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

"އެކަން ކަމަށް ފައިސާ ހޯދޭނީ ހަމަ އެކަނި ބޭރުން" މަޝްރޫއުތަކަށް ބޭރުގެ އިންވެސްޓްމެންޓްތައް ބޭނުންވާކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

ރާއްޖޭގައި އިންވެސްޓް ކުރުމުގައި އުފެދޭ ދެބަސްވުންތައް ހައްލުކުރަނީ ގާނޫނުގެ ތެރެއިން އެފަދަ ކަންކަން ހައްލު ކުރުމަށް ގާއިމްކޮށްފައިވާ ބައިނަލް އަގުވާމީ ނިޒާމުތަކުގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.