ހަބަރު

އިންޑިއާގައި ނަޝީދާ ގުޅޭގޮތުން މަޝްވަރާއެއް ނުކުރޭ: ސަރުކާރު

  • އެއްވެސް ކުށްވެރިޔަކާ ގުޅޭ މަޝްވަރާއެއް ނުކުރޭ
  • ސިޔާސީ ކުށްވެރިން ނުތިބޭނެ
  • އިންޑިއާ އާއި ރާއްޖޭގެ ވިސްނުން އެއްގޮތް

ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ބައްދަލުކުރެއްވި އެއްވެސް ބޭފުޅަކާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިނުވާ ކަމަށް ސަރުކާރުން ބުނެފި އެވެ. ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، އެއްވެސް ގައިދީއަކާ ގުޅޭގޮތުން އިންޑިއާގައި މަޝްވަރާކޮށްފައިނުވާ ކަމަށެވެ.

ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދަތުރުގައި ބައިވެރިވެލެއްވި، ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، އެއްވެސް ކުށްވެރިއަކާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް އަދި ކުށްވެރިއަކު މިނިވަންކުރުމާ ގުޅޭ ގޮތުން ވެސް އެއްވެސް ބައްދަލުވުމެއްގައި މަޝްވަރާކޮށްފައިނުވާ ކަމަށެވެ.

"ވަކި ގޮތަކަށް ކަންތައްކުރަން ނުބުނެވޭނެ ކަމަށް އިންޑިއާއިން އަބަދުވެސް ބުނޭ، އަޅުގަނޑުމެންގެ އެއްވެސް ކަމަކަށް އިންޑިއާއިން ފާޑުކިޔާފައެއް ނުވޭ، އެއީ ރާއްޖޭގެ އެތޭރެ ކަންކަން ދާހިލީ ކަންކަން ކަމަށްވާތީ ރާއްޖޭގައި އޮންނަ ޝަރުއީ ނިޒާމުންނާއި އިންސްޓިޓިއުޝަނުން ނިންމާ ނިންމުންތަކަކީ އެ ގައުމުން ބެހޭނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވެފައިވަނީ،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ، ރާއްޖޭގައި ސިޔާސީ ކުށްވެެރިންތަކެއް ނެތް ކަމަށާއި ޖަލުތަކުގައި ތިބި ސިޔާސީ ފަރާތްތަކަކީ ވެސް ކުށެއް ސާބިތުވެފައި، ނޫނީ ތުހުމަތު ކުރެވިފައި ތިބި ފަރާތްތަކެއް ކަމަށެވެ.

"އޭގެ ތެރޭގައި ޕާޓީއެއްގެ ލީޑަރެއް ވެސް އެބަ ހިމެނޭ، އެބޭފުޅުންނަށް ޕޮޕިއުލާރިޓީއެއް މި ގެއިން ވަނީ ކުށްކޮށް، ކުށްވެރިވީމަ، އެހެންވީމަ އެއީ ސިޔާސީ ހަރަކާތެއްގައި އުޅެނިކޮށް ނުވަތަ ސިޔާސީ ޕާޓީއަކަށްވުމުން ނުވަތަ ހިޔާލު ފާޅުކޮށްގެން ހައްޔަރުވެފައި ތިބި ބައެއް ނޫން، އެގޮތަށް ބަޔަކު ހައްޔަރުވެފައި ނުތިބޭނެ ކަން ޔަގީންކޮށްދެން،" ދުންޔާ ވިދާޅުވި އެވެ.

ދަތުރުގައި ބައިވެރިވެލެއްވި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވީ އިންޑިއާ އާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށާއި ފެނިގެން ދިޔައީ ދެ ގައުމުގެ އެއް ވިސްނުމެއް ގެންގުޅޭތަން ކަމަށެވެ. ވަކި ފަރާތަކަށް ފައިދާވާނެ ގޮތަށް ގާނޫނުތައް ނުހެދޭނެ ކަމަކީ އިންޑިއާއިން ގަބޫލުކުރާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ވަރަށް ބޮޑަށް ދެ ގައުމުގެ ވިސްނުން އެއްގޮތްވެގެން ދިޔަތަން، ވަކިވަކި މީހުންނަށް ޓާގެޓް ނުކުރުމަށާއި ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުމަށާއި، ސަލާމަތް ގެއްލިގެންދާ ކަންކަމަށް ދެ ގައުމުން ވެސް އެއްބާރުލުން ނުދޭނެކަން،" ޝައިނީ ވިދާޅުވި އެވެ.