އިންޑިއާއިން ރާއްޖެ ބްލީކުރި ކަމަށާއި އެކަމުން ރާއްޖެ ސަލާމަތްކުރައްވަން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު މަސައްކަތްތަކެއް ކުރެއްވި ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި ކުރީގެ ރައީސް މައުުމޫނު އަބުދުލް ގައްޔޫމުގެ ދަރިކަނބަލުން ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
"އަވަސް ހުކުރު"ގެ ނަމުގައި "އަވަސް" އިން ފެށި ޓޯކްޝޯގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ހުކުރުދުވަހު ވިދާޅުވީ އިންޑިއާގެ ބުލީކުުރުންތަކުން ރާއްޖެ ސަލާމަތް ކުރުމަށް ރައީސް ޔާމީނު ކުރެއްވި މަސައްކަތް ކާމިޔާބުވެސް ވި ކަމަށެެވެ.
" ރައީސް ޔާމީނު އިންޑިއާގެ ބުލީއިންގ އިން އަޅުގަނޑުމެން ސަލާމަތްކުރަން މަސައްކަތްތަކެއް ކުރެއްވި. ދެން އޭގައި ކާމިޔާބީތަކެއް ވެސް ލިބުނު،" ފޮރިން މިނިސްޓަރުކަމުގެ މަގާމުގައި ކުރެއްވި ތަޖުރިބާ ތަކާ ބެހޭ ގޮތން ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ އިންޑިއާގެ ކަންތަކުގައި ކާމިޔާބީތަކެއް ލިބުނަސް ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެ ޗައިނާ އާ ގާތްވެފައި ވަނީ މާ ބޮޑަށް ކަމަށެވެ. އަދި ވިދާޅުވީ ހުރިހާ ގައުމަަކާ ވެސް އެކުވެރިކަން ބާއްވަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
" އަޅުގަނޑަށް ފެންނަ ގޮތުގައި އެކަމަކު ޗައިނާޔާ ޗައިނާއާއާ ގާތްވެގެން މިދިޔަ ގާތްވުން މާބޮޑަށް މިދިޔައީ. އެހެންވީމާ އަޅުގަނޑުމެންނަށް މިހައިތަނަށް މިވާގޮތަކީ އެއްގައުމާ ދުރުވާއިރު އަނެއްް ގައުމުގެ އުނގުތެރެއަށް ނުވަތަ ފައިބުޑަށް ދެއްތޯ؟ އެހެންވީމާ ކުރިއަށް ވެސް އަޅުގަނޑުުމެން ހަމަ އެންމެނާވެސް ހަމަ ރަަށްޓެހިކަން ބާއްވަންވީ ދެއްތޯ، ގުޅުން ބަދަހިކުރަންވީ،" ދުންޔާ ވިދާޅުވި އެވެ.
ޗައިނާއާ މެދު ދެކެވަޑައިގަންނަވާގޮތް އިތުރަށް ތަފުސީލުކޮށްދެއްވަމުން ދުންޔާ ވިދާޅުވީ ޗައިނާއަކީ މިހާރު އެންމެ ކުރިއަރަމުންދާ ބާރުކަމަށާއި އެހެންވީމާ އެއީ ރާއްޖެއަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތައް ކޮށްދެވޭނެ ގައުމެއް ކަމަށެވެ. މަޝްރޫއުތަކަށް ބޭނުންވާ ފައިސާވެސް އަސްލު ހޯދެން އޮތީ ޗައިނާ ކަމަށް ވެސް ވިދާޅުވި އެވެ.
" އެކަމަކު މިކަންވެސް ކުރަން ޖެހޭނީ އަނެއްހެން ވިސްނުންތެރިކަމާ އެކީގައި،" ރާއްޖޭގެ ދަރަނި އޮތްވަރާއި އެނޫން ކަންތައްތަކާ ވަރަށް ބޮޑަށް ފާޑުކިއުންތައް އަމާޒުވަމުންދާކަން ފާހަގަކުރައްވަމުން ދުންޔާ ވިދާޅުވި އެވެ.