އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރުމަށް އިންޑިއާގެ ކެބިނެޓް ނިންމާ އެކަން އާންމުކުރުމާއި ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އެކަމާއި ގުޅިގެން ދުންޔާ އާންމު ކުރެެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ރާއްޖޭގައި ގައުމެއްހެ ކޮންސިއުލޭޓް އޮފީހެއް ގާއިމުކުރާނަމަ އެކަން ހާމަކުރަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށެވެ. ނަމަވެސް ދިވެހި ސަރުކާރުން ރައްޔިތުންނާ ހިއްސާކުރުމުގެ ކުރީން އިންޑިއާއިން އެފަދަ މައުލޫމާތެއް އާންމު ކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ އައްޑޫ ސިޓީއަށް ތަރައްގީ އާއި ކުރިއެރުން އައުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށާ ނަމަވެސް އެ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އެޅުމުގެ މުހިންމުކަން ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. ޑްރިވެންޑްރަމްގައި ދިވެހި ކޮންސިއުލޭޓް އޮފީހެއް ހުރީ އެ ތަނުގައި އެތައް ހާސް ދިވެހިން ތިބެ އެތައް ހިދުމަތެއް ހޯދަން ޖެހޭތީ ކަމަށާ ނަމަވެސް އައްޑޫގައި އެފަދަ ހާލަތެއް ނެތް ކަމަށެވެ.
އަދި އިންޑިއާއިން ރާއްޖެއަށް އަތްގަދަ ކުރުމަށް މަސައްކަތްތަކެއް ކުރާ މިފަދަ ދަނޑިވަޅެއްގައި ކޮންސިއުލޭޓް އޮފީހެއް ހުޅުވަން މަސައްކަތް ކުރުމުގެ ބޭނުމާމެދު ސުވާލު އުފެދޭ ކަމަށްވެސް ރައީސް ޔާމީންގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ ވިދާޅުވިއެވެ.
"އުތުރުތިލަފަޅުގެ އެގްރީމަންޓެއްގެ ޑްރާފްޓް ވަރަށް ގިނަ ދިވެހި ރައްޔިތުންނަށް މިހާރު ވަނީ ފެނިފައި. އަދި އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ބޭސްކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާކަމީ ވަރަށް ގިނަ ދިވެހިރައްޔިތުން ކަންބޮޑުވާ ކަމެއް. އެހެންވީމަ މިދަނޑިވަޅުގައި ކޮންސިއުލޭޓެއް މި ހުޅުވަނީ ކޮން ބޭނުމެއްގައިތޯ ސުވާލުކޮށްލަން ޖެހޭ،" ދުންޔާ ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރިޔާސަތު ބެލެހެއްޓެވި ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވަނީ މިއަހަރު ނިމުމުގެ ކުރިން އައްޑޫގައި ކޮންސިއުލޭޓް ގާއިމުކުރުމަށެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކާ ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ އައްޑޫގައި ކޮންސިއުލޭޓެއް ހެދުމަށް އިންޑިއާ ސަރުކާރުން އަދި މިހާތަނަށް ދިވެހި ސަރުކާރާ އެކު މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.
ރައީސް ވިދާޅުވީ ގައުމު ތަކުގެ މެދުގައި ހުންނަ ޑިޕްލޮމެޓިކް ގުޅުންތަކުގެ ތެރެއިން އެއް ގައުމުން އަނެއް ގައުމަށް ހުށަހަޅާ ކަންތައްތަކެއް ފުރިހަމަކުރުމަށްޓަކައި ދެކެވެންޖެހޭ ވާހަކަތަކެއް ދެކެވޭނެ ކަމަށެވެ. އެކަމަކު އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހެދުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އަދި މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.
އިންޑިއާއާއި ރާއްޖެއާ ދެމެދު ވެސް އަދި އެހެން ގައުމުތަކާ އެކު ވެސް ވަރަށް ރަނގަޅު ގުޅުންތަކެއް އެބައޮތް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އިންޑިއާގެ ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަނެއް ހުންނައިރު އެގައުމުގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް ހަދާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
"އެހެންވީމާ އެއް ގައުމަކުން ފޯރުކޮށްދޭ އެކަހަލަ ވަސީލަތްތައް އަނެއް ގައުމެއްގައި އެ އޮންނަ ގައުމަކުން އެދިއްޖެ ކަމަށް ވަންޏާ އެއާ ދޭތެރޭގައި ވިސްނަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" އިންޑިއާގެ ހުށަހެޅުން ލިބިއްޖެނަމަ ސަރުކާރުން އެކަމާ ވިސްނާނެ ކަން ހާމަކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގެ ކެބިނެޓުން އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް ނިންމީ އިންޑިއާގެ ސަރުކާރުން ގެންގުޅޭ "ނެއިބަހުޑް ފަސްޓް ޕޮލިސީ" އާއި "ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން"ގެ އަމާޒުގައި ރާއްޖެ އަކީ މުހިންމު ދައުރެއް އަދާކުރާ ގައުމަކަށް ވުމުން ކަމަށެވެ.
އިންޑިއާ ސަރުކާރުން ބުނީ އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހެދުމަށް ބޭނުންވި ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް ފަށާނީ އެ މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ހުއްދަ ދިނުމުން ކަމަށެވެ. ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ހުޅުވުމުން އިންޑިއާ އަށް ދަތުރުކުރަން ބޭނުންވާ އައްޑޫގެ ރައްޔިތުންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށްވެސް އިންޑިއާ ސަރުކާރުން ބުނެފައިވެ އެވެ.
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވުމަށް ނިންމާފައި މިވަނީ 200 މިލިއަން ޑޮލަރުގެ މަޝްރޫއުތަކެއް އެ ގައުމުގެ އެހީގައި އައްޑޫގައި ފަށާފައި ވަނިކޮށެވެ.