އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑް ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން އިއްޔެ އިންޑިއާ އާއެކުވި އެއްބަސްވުން ރައްޔިތުންނަށް ސާފުކޮށް ދެވިފައިނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި ރަައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ އިންޑިއާއާއެކު އިއްޔެ ރާއްޖެއިން ހެދި އެއްބަސްވުމުގެ ތަފްސީލު ހާމަކޮށްފައިނުވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ. ދުންޔާ ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުން ރައްޔިތުންނަށް ސާފުކޮށް ދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ. އެކަމާއި ކަންބޮޑުވެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްކެވި ވާހަކަތަކަށް ތާއީދުކުރައްވާ ކަމަަށާ އުމަރު ދެއްކެވީ ހަގީގީ ވާހަކަތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ދިވެހި ސިފައިންނަށް ދޫކޮށްފައިވާ އުތުރު ތިލަފަޅުގައި އިންޑިޔާއިން އެޅުމަށް ހަމަޖެހިފައިވާ ޑޮކްޔާޑަކީ އިންޑިޔާގެ ކަނޑުގެ ލަޝްކަރުގެ އުޅަދުތަށް ބަދަރު ކުރުމަށާއި މަރާމާތު ކުރުމަށާއި އަދި އިންޑިޔާ ސިފައިން މި ސަރަހައްދުގައި ބޭތިބުމަށް މަގުފަހި ކުރުމަށް އަޅާ ތަނެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓް ގެ ސަބަބުން މި ސަރަހައްދުގައި އިންޑިޔާގެ ސިފައިންނާ މަނަވަރު ތައް އަބަދުމެ ތިބުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ.
"ހާރިޖީ ގުޅުމުގެ ތެރެއިން އެހެން ގައުމު ތަކާ ދިފާއީ ގުޅުން ބަދަހި ކުރަންވާނީ ދިވެހިރާއްޖޭގެ މިނިވަން ކަމާ ސިޔާދަތަށް ބުރުލެއް ނާރާ ގޮތަށް. އަދި އިންޑިޔާ ކަޑުގެ 'ގޭޓް ކީޕަރު' ގެ ހައިސިއްޔަތުން މި ސަރަހައްދާ ދުނިޔޭގެ މަސްލަހަތަށްވެސް ބުރޫ ނާރާ ގޮތަށް،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އުތުރުތިލަފަޅަކީ އިންޑިޔާއިން ރާއްޖޭގައި އެކިނަން ނަމުގައި އެ ގައުމުގެ ސިފައިން ބައިތިއްބާ ހަތަރު ވަނަ ސަރަހައްދު ކަމަށެވެ.
"މިހާރުވެސް އައްޑޫ އާއި ލ.ކައްދޫ އާއި ހދ. ހަނިމާދޫ ގައި އެމީހުންގެ އުޅަދުތަކާއެކު އިންޑިޔާގެ ސިފައިން ގާއިމްވެ އެބަތިއްބި.
ދިވެހިރާއްޖޭގެ މިނިވަންކަން މަޑުމަޑުން މި ދަނީ ގެއްލެމުން. އިރާދަކުރެއްވިއްޔާ، އަޅުގަޑުގެ ވެރިކަމެއްގައި އިންޑިޔާގެ ހުރިހާ ސިފައިން މި ގައުމުން ފޮނުވާލެވޭނެ. އަދި އިންޑިޔާ އާއިއެކު އެކުވެރި ގުޅުމެއް ދަމަހައްޓާނަން،" އުމަރު ވިދާޅުވިއެވެ.
އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރަން އަވައްޓެރި އިންޑިއާއާއެކު ސޮއިކުރި ނަމަވެސް އެއީ އަސްކަރީ މަރުކަޒެއް ނޫން ކަމަށާ އެތަނުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވައިސް ޗީފް ވިދާޅުވީ އުތުރު ތިލަފަޅުގައި ގާއިމުކުރަނީ އަސްކަރީ މަރުޒެއް ނޫން ކަމަށެވެ. އެއީ ޑޮކްޔާޑެއް ކަމަށާ އެހެން ކަމުން އެ ތަނުގައި އިންޑިއާ ސިފައިން އަދި އަސްކަރީ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށެވެ.
"މިއީ އަސްކަރީ މަރުކަޒެއް ނޫން. މިއީ ޑޮކްޔާޑެއް. މިއީ އެލޯގްސައިޑް ބަނދަރެއް. އެހެންވީމަކާއެއް މިތަނަކުއެއް އަސްކަރީ އެއްވެސް ބަޔަކު ތިބޭ ގޮތަކަށް އޮތް ތަނެއް ނޫން މިއީ. މިތަނުގައި އިންޑިއާ ސިފައިން ތިބޭ ގޮތަށް އޮތް ތަނެއް ނޫން މިއީ،"
އަބްދުއްރަހީމް ވިދާޅުވީ އިންޑިއާގެ ދައުރަކީ އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކޮށް ދިނުން ކަމަށެވެ. އެ މަސައްކަތް ކުރާނީ އިންޑިއާއިން ކަމަށާ ނަމަވެސް މަސައްކަތް ނިމުމަށްފަހު އިންޑިއާގެ ދައުރެއް ނޯންނާނެ ކަމަށެވެ. އެ މަަސައްކަތް ނިންމާ ބަނދަރާއި ޑޮކްޔާޑު ތިން އަހަރުތެރޭ ހުޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެއަށްފަހު އަޅުގަނޑުމެންނަށް ޓެކްނިކަލް ސަޕޯޓް ބޭނުންވެއްޖިއްޔާ ބޭނުންވެއްޖެ މިންވަރަކަށް ބޭނުންވެއްޖެ ވަގުތަކަށް ލިބޭ ގޮތަށް އަޅުގަނޑުމެންނާ އިންޑިއާ ސަރުކާރާ އެބަސްވެފައި މި އޮތީ،"
އަބްދުއްރަހީމް ވިދާޅުވީ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ވަރަށް ކުރިއްސުރެ ދިޔައީ ކުރެވެމުން ކަމަށެވެ. 2013 ވަނަ އަހަރު އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައިވެސް އެ މަޝްވަރާތައް ކުރެވުނު ކަމަށާ އޭގެ ފަހުން ރާއްޖެ ވަޑައިގަންނަވާ އިންޑިއާ ސަރުކާރުގެ ހައިލެވްލް ކޮންމެ ބޭފުޅެއްގެ ދަތުރުފުޅުގައިވެސް އެ މަޝްވަރާތައް ހިނގާފައިވާ ކަމަށެވެ.