އިންޑިއާ

"މިއަދަކީ އަނެއްކާވެސް ކަޅު ދުވަހެއް"

Sep 29, 2020
5

ރާއްޖޭގެ މިހާރުގެ ސަރުކާރާއެކު ވަރަށް ބަދަހި ގުޅުމެއް އުފައްދާފައިވާ އިންޑިއާއިން މިއަދު ރާއްޖެއަށް ޑޯނިއާ މަރުކާގެ އެއާކްރާފްޓެއް ދިނުމުން އެކަމަަށް ފާޑު ވިދާޅުވެ މިއަދަކީ އަނެއްކާވެސް ކަޅު ދުވަހެއް ކަމަށް ކުރިން ސިފައިންގޭގައި މަސައްކަތް ކުރެއްވި އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އާނާ ވިދާޅުވީ "މިއަދަކީ އަނެއްކާ ވެސް ކަޅު ދުވަހެއް" ކަމަށެވެ. އިންޑިއާގެ އަސްކަރީ ހަރަކާތްތައް ރާއްޖޭގައި ފުޅާވުމާއި އިންޑިއާ ސިފައިން ރާއްޖެއަށް އިތުރު ކުރަމުންދާ ދިއުމަށް އަލި އަޅުވާލައްވައި އުމަރު މިއަދު ވިދާޅުވީ "މި ނުރައްކަލުގެ ވާހަކަ އަޅުގަޑުމެން ދައްކަން ފެށިއިރު މިކަން ގަބޫލު ނުކޮށް ތިއްބެވި ބޭފުޅުންނަށް މި ވަމުންދާ ގޮތް [މިހާރު] އިހުސާސް ކުރެއްވޭނެ ކަމަށް ހީކުރާ" ކަމަށެވެ.

އަދި ވިދާޅުވީ "ހަދިޔާ އެއް ދޭން އައި މީހުން އަށް އަހަރުވީއިރު ތިން އުޅަނދާ 200 ސިފައިންނަށް ބަދަލުވެފައިވާ" ކަމަށެވެ.

"ކިތަންމެ ބައިވަރު ތިއްބަސް އިރާދަ ކުރެއްވިއްޔާ ބާލާނަން،" އުމަރު ވިދާޅުވި އެވެ.

އިންޑިއާ އެއާ ކްރާފްޓް ހަދިޔާ ކުރުމުން އުމަރުގެ ފާޑުކިޔުންތައް އާއިރު މިއީ އިންޑިއާގެ ހަރަކާތްތައް ރާއްޖޭގައި ފުޅާ ކޮށްފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް ވެސް އަމާޒުވެފައިވާ ދަނޑިވަޅެކެވެ. އަދި އިންޑިއާއިން ރާއްޖޭގެ އުތުރަށް ކާގޯ ފެރީއެއްގެ ދަތުރުތައް ވެސް ފެށުމުން އެ ފާޑުކިޔުންތައް އިތުރުވެފައި ވެއެވެ.

މިއަދު ދިން އެއާ ކްރާފްޓާބެހޭ ގޮތުން އިންޑިއާ ހައިކޮމިޝަނުން ބުނެފައި ވަނީ އެ އެއާ ކްރާފްޓް އޮޕަރޭޓް ކުރާނީ ދިވެހި ސިފައިން ކަމަށާއި އެކަމަށް ދިވެހި ޕައިލެޓުން ތަމްރީނު ކޮށްފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ކޮންޓްރޯލްގެ ދަށުގައި އެއާކްރާފްޓް ހުރިހާ ހަރަދެއް ކުރާނީ އިންޑިއާގެ އަސްކަރިއްޔާއިން ކަމަށެވެ. އެމްއެންޑީއެފްގެ އެއާ ވިންގުގެ ކުލަތައް ހިމަނާފައިވާ މި އެއާކްރާފްޓްގެ އެހީގައި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވޭނެ ކަމަށް ވެސް ބުންޏެވެ.

އެ ބޯޓު ދުއްވާނެ ޕައިލެޓް ތަމްެރީނުކޮށް ނިންމި ކަމަށް ބުނި ރާއްޖޭގައި އިންޑިއާ ސިފައިން އުދުއްސާތާ އަށް އަހަރުވެފައިވާ ދެ ހެލިކޮޕްޓަރު ދުއްވާނެ ދިވެހި ޕައިލެޓުން ތަމްރީނުކޮށެއް ނުނިމެެ އެވެ. އެ ދެ އުޅަނދު ދުއްވަނީ އިންޑިއާ ސިފައިންނެވެ. އެކަމަށް ގިނަ އަދަދެއްގެ ސިފައިން ރާއްޖެ ފައިބައި ތިބެ އެވެ. އެކަމާ ދިވެހިންގެ ވަރަށް ގިނަ ބަޔަކު ނުރުހޭކަން ފާޅުކޮށް ފާޑު ކިޔުންތައް އަމާޒު ކުރާތާ އެތައް އަހަރެއް ވެފައި ވެއެވެ.

މިހާރުވެސް "އިންޑިއާ އައުޓް" ގެ ނަމުގައި ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި އާންމު ގިނަ ބަޔަކު ގުޅިގެން ކެމްޕޭނެއް ފުޅާކޮށްފައި ވެއެވެ.