ހަބަރު

އިންޑިއާއަށް ކުރާ ދަތުރުތަކުގެ އަގު ވަރަށް އަވަހަށް ހެޔޮވާނެ: ޝައިނީ

  • ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވާނެ
  • ރާއްޖޭގެ ކަނޑުން ވަގަށް މަސް ނެގުން ހުއްޓުމަކަށް
  • އިންޑިއާގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް ފުރުސަތުތައް ލިބޭނެ

އިންޑިއާއަށް ރައީސް ކުރެއްވި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަންމީ ގުޅުން އިތުރު ހަރުފަތަކަށް ގޮސް، ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރެވުނު ދަތުރުފުޅެއް ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އިއްޔެ އިންޑިއާ އާއި ރާއްޖެ ވަނީ ހަ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ، ވައިގެ ދަތުރުތަކުން ނަގާ ޑަބަލް ޓެކްސް ކުޑަކުރުމުގެ އެއްބަސްވުމާއި ރާއްޖޭގައި ދިރާސާތައް ކުރުމާއި މިސްކިތްތައް މަރާމާތުކޮށް ރައްކާތެރިކޮށް ބެލެހެއްޓުމުގައި އެހީވުމާ ބެހޭ އެއްބަސްވުމާއި ސައުތު އޭޝިއާ ސެޓްލައިޓް "އޯބިޓް ފްރެކުއެންސީ ކޯޑިނޭޝަން" އާ ބެހޭ އެއްބަސްވުމާއި ޓެކްސްގެ ދާއިރާއިން ދެ ގައުމުން މައުލޫމާތު ހިއްސާކުރުމާ ބެހޭ އެއްބަސްވުމާއި ޓޫރިޒަމް ދާއިރާ ތަރައްގީކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުން އަދި ފުލުހުންގެ ޓްރެއިނިން އިންސްޓިޓިއުޝަނެއް އެޅުމާ ބެހޭ އެއްބަސްވުމެވެ.

ވައިގެ ދަތުރުތަކުން ނަގާ ޑަބަލް ޓެކްސް ކުޑަކުރުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި ދަތުރުފަތުރުގެ ނިޒާމަށް ހާއްސަކޮށް ވައިގެ ދަތުރުފަތުރުގެ އަގުތަކަށް ރަނގަޅު ބަދަލެއް މި އެއްބަސްވުމުގެ ދަށުން އަންނާނެ ކަމަށެވެ.

"ވައިގެ ދަތުރުތަކުގެ އަގަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ހޯދައިދިނުމަށް ވެވުނު އެއްބަސްވުމެއް މިއީ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ، ވައިގެ ދަތުރުތަކުގެ ހަރަދުތައް ކުޑަވެގެންދާނެ ކަމަށާއި ސީދާ މިވެނި ވަރެއް ކުޑަވާނެއޭ ބުނަން އަދި ނޭނގޭ ކަމަށެވެ. ނަމަވެސް އެއާލައިންތަކާއި ސިވިލް އެވިއޭޝަނާއެކު ކުރުވުނު މަޝްވަރާތަކުން އަގު ކުޑަ ނުކުރެވޭ ސަބަބެއް ކަމަށް ބުނެފައި އޮތީ ޑަބަލް ޓެކްސްޓޭޝަން ކަމަށާއި ޑަބަލް ޑެކްޓޭޝަން ކުޑަކުރެވިގެން ދިޔުމުން ދަތުރުތަކުގެ އަގުތައް ވެސް ހެޔޮ ވާނެ ކަމަށެވެ.

ޝައިނީ ވިދާޅުވީ، ޓެކްސްގެ ދާއިރާއިން ދެ ގައުމުން މައުލޫމާތު ހިއްސާކުރުމާ ބެހޭ އެއްބަސްވުމުގެ ދަށުން އިންޑިއާގެ ވިޔަފާރިވެރިންނަށް ރާއްޖެ އައުމުގެ ފުރުސަތު ލިބި، ރާއްޖޭގެ ވިޔަފާރިވެރިންނަށް އިންޑިއާގައި އެސްޓާބްލިޝްވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި، ޓޫރިޒަމްގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

"މަސްވެރިކަމުގެ ދާއިރާއިން ވަރަށް މުހިންމު އެއްބަސްވުމެއްވެފައި މިވަނީ، ސެޓްލައިޓް ހިދުމަތް ހޯދުމުގައި ދެ ފަރާތުގެ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނު، މީގެ ސަބަބުން ވެސް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މި ސަރަހައްދުގެ ސެކިއުރިޓީއަށް ބަލާކަމުގައިވީ ނަމަވެސް މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު ވެސް ބޭރުން ދޯނިފަހަރު އައިސް އަޅުގަނޑުމެންގެ ކަނޑުތަކުގައި ހުންނަ މަސްތައް ނެގުމާ މި ހުރިހާ ކަމަކުން ސަލާމަތްވުމަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ،" ޝައިނީ ވިދާޅުވި އެވެ.