އަންހެނުން

ޗީޓްކުރުމާއި މި ރޭހުގެ ކުރީގައި އުޅޭ މީހުންގެ ވާހަކަ

އެންމެ ފުރަތަމަ އޮތް ސުވާލަކީ، ޗީޓްކުރުމަކީ ކޮބައި ހެއްޔެވެ؟ މިއީ އެހާ ފަސޭހައިން ޖަވާބު ދެވިދާނެ ސުވާލެއް ނޫނެވެ. ސަބަބަކީ ބައިވެރިޔާ އަށް ބޭވަފާތެރިވުން ނުވަތަ ޗީޓްކުރުން އެކި ސިފަސިފައިގައި އެކި ގޮތްގޮތަށް އަހަރެމެންނަށް މާނަކުރެވިދާނެތީ އެވެ. މަގުމަތިން ހިނގާފައިދާ ކުއްޖަކަށް ކަޅިއެއް އެއްލާލެވޭ ގޮތަކުން ވެސް މި ޒަމާނުގައި ބޭވަފާތެރިކަމުގެ ބޯޑް ކަރުގައި އަޅުވަފާނެ އެވެ. ހީލާ ގޮތަކުން، ވާހަކަ ދައްކާލާ ގޮތަކުން އަދި ސަލާންކޮށްލެވޭ ގޮތަކުން ވެސް މާނަ އޮޅިދާނެ އެވެ. ފޯނުން ނުވަތަ ފޭސްބުކް ފަދަ ސޯޝަލް މީޑިއާއެއް ބޭނުންކޮށްގެން މީހަކަ ވާހަކަ ދެއްކުން ވެސް ތިމާގެ ލޯބިވެރިޔާގެ ކުރިމަތީގައި ބޭވަފާތެރިވުން ކަމަށް ވެދާނެ އެވެ. އެހެންވީމަ ޗީޓްކުރުން މި އޮތީ މިހާ ހިސާބުގަ އެވެ. ލޯބިވެރިޔާ އަށް ވަގަށް އެހެން މިހަކާ ގުޅުން ބަދަހިކޮށް އެ ގުޅުން ހިނގާ ހިސާބަކީ މީގެ އެންމެ ނުބައި ވައްތަރެވެ.

މި ލިޔުން ވިދާޅުވަމުންދާ މީހުންގެ ތެރެއިން ތިމާގެ ލޯބިވެރިޔާ އަށް ނުވަތަ ހަޔާތުގެ ބައިވެރިޔާ އަށް އޮޅުވާލައިގެން އެހެން ބައިވެރިއެއްގެ އުނގުން ފެންބޮމުން ދަނީ ކޮން ބައެއް ހެއްޔެވެ؟ ފޭސްބުކް އެޕްލިކޭޝަނަކުން މިހާރު އެވަނީ، ތިމާ ދެކެ ރުޅިއަންނަ މީހުން ހޯދުމުގެ ގާބިލުކަން ހޯދައިފަ އެވެ. އެހެންވީމަ، ޗީޓްކުރާ އަނބިންނާއި ފިރިން އަދި ލޯބިވެރިން ވެސް މިފަދަ އެޕެއްގެ އަތްދަށުވާނެ އިރެއް ބުނެދޭކަށް ނޭނގެ އެވެ.

ދިރާސާތަކުން އެނގެން އޮތް ހަގީގަތަކީ، އަމިއްލަ ބައިވެރިޔާ އަށް ވަގަށް އެހެން ބައިވެރިޔަކު ހޯދާ މީހާ އެކަން ކުރުމުގެ މައިގަނޑު ބޭނުމަކީ ޖިންސީ އަރާމު ކަމެވެ. މި ސަބަބު އެންމެ މުހިންމު ސަބަބަށްވާއިރު ވަރަށް އާދައިގެ ކުދިކުދި ކަންތަކާ ހެދި ވެސް މީހުން ދިރިއުޅުން ފޫހިވެފައި އެބަހުއްޓެވެ. މިސާލަކަށް ތިމާގެ ބައިވެރިޔާ، ތިމާގެ ފޯނު ހޭވުމަކީ ނުވަތަ ފޭސްބުކް ކަހަލަ އެއްޗެއް ހޭވުމަކީ ވަރަށް ގިނަ އަންހެން ކުދިން އެމީހުންގެ ފިރިހެނުން މަތިން ފޫހިކޮށްލާ ކަމެކެވެ. މިހެން ގޮސް ބައިވަރު ސަބަބުތައް ލިޔެވިދާނެ އެވެ.

އެހާ ހިލާފަށް އަންހެނުން މި ތިބެނީ ވަރަށް ވެސް މައިތިރިކޮށެވެ. މިސާލަކަށް ދަރިން ހޯދުމުގެ ރޭހަށް ބެލިކަމުގައި ވިޔަސް ކުރި ހޯދަނީ ފިރިހެނުންނެވެ. އެއްގޮތަކަށް ވެސް ފިރިހެނުން އަމިއްލަ އަށް ދަރިން ވިހާ ވާހަކައެއް ނޫނެވެ. އާންމުކޮށް އަންހެނަކަށް އެމީހެއްގެ މުޅި އުމުރުގައި ލިބޭނީ ނުވަތަ ހޯދޭނީ، އެންމެ ގިނަވެގެން ވެސް އަށެއް ނުވަތަ ނުވަ ދަރިންނެވެ. ނަމަވެސް މި އަދަދު ފިރިހެނުންގެ އަތުގައި އޮތީ ވަރަށް ވެސް ތަފާތު ބޮޑުކޮށެވެ. ފިރިހެނަކަށް އޭނާގެ އުމުރުގެ ކޮންމެ ދުވަހަކަށް ވެސް ދަރިއެއް ހޯދިދާނެ އެވެ. އެހެންވީމަ، މިއިން ވެސް ފިރިހެން މީހާގެ ޖިންސީ ބާރުވެރިކަން އެބައެނގެ އެވެ.

އިޓަލީގެ ރޯމަން އެމްޕަޔާއެއް ކަމަށްވާ ކެލިގިއުލާ އަކީ ވެސް އޭނާގެ ޖިންސީ އަދި ޝަހުވަތްތެރިކަމަށް މަޝްހޫރުވި ފިރިހެނެކެވެ. އޭނާ އެއީ އެކަމުގައި މޮޔަވި މީހެކެވެ. ފިރިހެނުންނާ މިކަން ގުޅިފައި މި އޮތީ ވަރަށް ވެސް ދުރު ހިސާބަކުންނެވެ. މޮރޮކޯގައި 18 ވަނަ ގަރުނުގައި ރަސްކަންކުރި މައޫލީ އިސްމާއިލް ނަމަކަށް ކިޔާ ވެރިޔަކީ ވެސް ޖިންސީ އަރާމާއި ދަރިން ހޯދުމުގެ ފޯރިއަށް ނުހަނު ލޯބިކުރި މީހެކެވެ. އޭނާ ގެންގުޅުއްވި 500 އެއްހާ ޖާރިއާއިންނާ އެކު 888 ދަރިން ހޯއްދެވި އެވެ. މީގެ އިތުރުން މޮންގޮލް އެމްޕަޔާގެ ބާނީ ގެންގިޒް ޚާން އަކީ ވެސް ލޯބިކުރުމަށް މަރު ދެއްވި ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެ ވަޑައިގެންހުންނެވި ލީޑަރެކެވެ.

ލޯބިކުރުމާއި ބޭވަފާތެރިވުމުގެ ރޭހުގައި ފިރިހެނުން އަންހެނުންނަށް ވުރެ ކުރީގައި އުޅޭއިރު ނުފޫޒުގަދަ ބާރުވެރި ފިރިހެނުން އާދައިގެ ފިރިހެނުންނަށް މިކަމުގައި އަރާ ތިއްބެވިކަން ވެސް ފާހަގަކޮށްލެވެ އެވެ. ރާއްޖޭގެ މަހުޖަނުންނާއި ސިޔާސީ ނުފޫޒުގަދަ މީހުންގެ ވާހަކަ ނުދައްކައި ދުނިޔޭގެ ނުފޫޒުގަދަ މަޝްހޫރު ލީޑަރުންގެ ކިބައިންގެ ވެސް އަހަރެމެންނަށް މިސާލު ނެގިދާނެ އެވެ.

އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަނާއި ޖޭ އެފް ކެނެޑީ އަދި ވިޔަފާރިވެރިޔާ ޑޮނަލްޑް ޓްރަމްޕްގެ އިތުރުން އާނޯލްޑް ޝްވަޒްނެގާ އާއި އައިއެމްއެފްގެ ކުރީގެ ވެރިޔާ ޑޮމިނިކް ސްޓްރޮސް ހާންގެ ވާހަކަ ވެސް ދެއްކިދާނެ އެވެ. އެހެންކަމުން ބޭވަފާތެރިކަމުގެ ކުޅިގަނޑު ކުޅުއްވާ ފިރިހެނުންގެ ތެރޭގައި ގިނައީ ބާރުގަދަ ފައިސާވެރި މަޝްހޫރު މީހުން ކަމަށް ދިރާސާތަކުން ދައްކަ އެވެ. މީގެ މާނައަކީ މަޝްހޫރު އަންހެނުންނާއި ނުފޫޒުގަދަ އަންހެނުން މި ވައްތަރަށް ނޫޅޭ ވާހަކައެއް ނޫނެވެ. އަންހެނުގެ ވާހަކަ އަންހެނުންނަށް ދެން އެނގޭނެއެއް ނޫން ހެއްޔެވެ؟