އިނގިރޭސި ޕްރިމިއާ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ ޓެކްޓިކްސް ބަދަލު ކުރުން އެއީ އޭނާއަށް ހެދުނު ބޮޑު ގޯހެއް ކަމަށް، އެ ޓީމުގެ ކޯޗް އިޓަލީގެ ކްލައުޑިއޯ ރަނިއޭރީ ބުނެފި އެވެ.
ރޭ ސައުތު ހެމްޓަން އަތުން 3-0 ން ބަލިވުމުން އެންމެ ފަހުގެ ޗެމްޕިއަން ޓީމާއި ރެލިގޭޝަން ޒޯނާއި ދެމެދު ހުރީ ފަސް ޕޮއިންޓްގެ ގެޕެކެވެ.
މި ސީޒަން ގައި ލެސްޓާ ދައްކަމުންދާ ދަށް ކުޅުމާއެކު ލީގް ޗެމްޕިއަންކަން ހޯދުމަށްފަހު، އެންމެ ދަށް ކުޅުމެއް ފެނިގެންދާ ޓީމުތަކުގެ ލިސްޓަށް ލެސްޓާ ވަނީ އިތުރު ވެފަ އެވެ. މީގެ ކުރިން މި ދަށް ރެކޯޑް އޮންނަނީ 1963 ވަނަ އަހަރު އިނގިރޭސި ވިލަތުގެ ފުޓްބޯޅަ ސީޒަންގައި ލީގް ޗެމްޕިއަންކަން ހޯދި އިސްޕްވިޗް ޓައުން އަތުގަ އެވެ. އެ އަހަރު ލީގް ޗެމްޕިއަން ކަން ހޯދުމަށް ޖެހިގެން އައި އަހަރު އެޓީމު ވަނީ ރެލިގޭޓް ވެފަ އެވެ.
ލެސްޓާ އަށް އޮތް ހަނގުރާމައަކީ ރެލިގޭޝަނުން ސަލާމަތް ވުންތޯ ސުވާލު ކުރުމުން، ރަނިއޭރީ ބުނީ މުޅި ޓީމު މަސައްކަތް ކުރަމުން ދަނީ ރެލިގޭޝަނުން ސަލާމަތް ވުމަށް ކަމަށެވެ.
މިދިޔަ އަހަރު، ލެސްޓާގެ ކާމިޔާބު ސީޒަނެއް ކަމުގައިވީ އެޓީމުން ގެންގުޅުނު 4-4-2 ގެ ފޯމޭޝަނެވެ. ނަމަވެސް، މިސީޒަންގައި ރަނިއޭރީ ވަނީ ބައެއް ބަދަލު ގެނެސް ފައެވެ.
"އަހަރެން މަސައްކަތް ކުރީ އަހަރެންގެ ކުޅުންތެރިންނަށް އެހީވާން، އެންމެ ފަހުން ކުޅުނު ދެ މެޗުގައި އަހަރެމެން އާންމުކޮށް ގެންގުޅޭ ބައްޓަން ބަދަލު ކުރިން، ޗެލްސީ މެޗުގައި އަހަރެމެން ބޭނުން ކުރީ ތިން ޑިފެންޑަރުން، މިއަދު މިސް އަންޑަސްޓޭންޑިން އެއް އުފެދިގެން ދިޔައީ." ސައުތު ހެމްޓަން މެޗަށް ފަހު މީޑިއާ ވަހަކަ ދައްކަމުން ރަނިއޭރީ ބުންޏެވެ.
"މިސީޒަންގައި އަހަރެމެންގެ ކުޅުންތެރިން ބޭނުން ކުރަމުން ދިޔައީ 4-42 ނުވަތަ 4-2-3-1 ގެ ފޯމޭޝަން، އެންމެ ފަހު ދެ މެޗުގައި އެގޮތް ބަދަލު ކޮށްލުން އެއީ އަހަންނަށް ހެދުނު ގޯހެއް."
ރަނިއޭރީ ބުނީ އޭނާ ބަދަލު ގެނައީ ޓީމަށް އެހިތެރި ވުމަށް ކަމަށާއި ނަމަވެސް އޭނާގެ ހިޔާލު ރަނގަޅު ހިޔާލަކަށް ނުވި ކަމަށެވެ.
"ކުޅުންތެރިންނަށް ބަލައިގަންނަން ފަސޭހަ ޓެކްޓިކްސްތަކެއް ގެންގުޅެވުނު ނަމަ އަހަރެމެންނަށް ރަނގަޅުވީސް." އޭނާ ބުންޏެވެ.
މި ސީޒަންގައި 40 ޕޮއިޖންޓް ހޯދަން އަޒުމު ކަނޑައެޅި ޓީމު އޮޓީ 21 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގަ އެވެ.