ދުނިޔެ

އެމްބަސީ ގުދުސަށް ބަދަލުކުރަން ޓްރަމްޕް ސަރުކާރުން މަޝްވަރާ ފަށައިފި

Jan 23, 2017
1

އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ތެލްއަވީވުން ގުދުސަށް ބަދަލު ކުރަން އެމެރިކާގެ އާ ސަރުކާރުން މަޝްވަރާތައް ފަށައިފި އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން މިއަދު ބުނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ވައުދު ފުއްދުމުގެ ގޮތުން އެމްބަސީ ގުދުސަށް ބަދަލު ކުރުމުގެ ފުރަތަމަ މަރުހަލާގެ ވާހަކަތައް ފަށާފައިވާ ކަމަށެވެ. ވައިޓްހައުސް އިން އެކަން ހާމަ ކުރުމުގެ ކުރިން ޓްރަމްޕް ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ގުޅުއްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

އެމެރިކާ ސަރުކާރުގެ އެ ނިންމުމާ ދެކޮޅަށް ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ވަނީ ގުދުސް ވެސް ހިމެނޭ ގޮތުން ހުޅަނގު އައްސޭރީގެ ރަށްތަކުގައި މުޒާހަރާކޮށްފަ އެވެ.

އެމެރިކާގެ ރައީސް ކަމުގެ ހުވާ ޓްރަމްޕް ނުކުރައްވަނީސް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވަނީ ގުދުސަށް އެމްބަސީ ބަދަލު ނުކުރުމަށް އެދިވަޑައިގެން ޓްރަމްޕަށް ސިޓީފުޅެއް ފޮނުއްވާފަ އެވެ.

ހިފާފައިވާ ގުދުސްގައި އިސްރާއީލުން ބަހައްޓާފައި ހުންނަ މޭޔަރު ނީރު ބަރްކާތު ބުނީ އެމެރިކާ ސަރުކާރުގެ ނިންމުމަށް މަރުހަބާ ކިޔާފައެވެ. އޭނާ ބުނީ އެ ގޮތަށް ނިންމުމުން ދުނިޔެއަށް ލިބޭ މެސެޖަކީ ގުދުސް އެއީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގަންނަ ކަމުގެ މެސެޖްކަމަށެވެ.- އަލްޖަޒީރާ