މިދިޔަ އަހަރު މުޅި ރާއްޖެއިން ޖީސއީ އޯލެވެލް ހެދި ދަރިވަރުންގެ ތެރެއިން، ހުރިހާ މާއްދާއަކުން ފާސްވި ކުދިންގެ އަދަދު 2015 ވަނަ އަހަރަށް ވުރެ، މިދިޔަ އަހަރު 13.2 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ވަގުތީ ނަތީޖާތަކުގެ މައްޗަށް ބަލައި، އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު މީޑިއާތަކާ ހިއްސާކުރި، ތަފާސްހިސާބުތަކުގައިވާ ގޮތުގައި ޖީސީއީއޯލެވެލްގައި އެ ދަރިވަރަކު ބައިވެރިވެ، ހުރިހާ މާއްދާއަކުން ފާސްވި ކުދިންގެ ނިސްބަތް މިދިޔަ އަހަރު ވަނީ 79 ޕަސެންޓަށް މައްޗަށް ޖެހިފަ އެވެ. އޭގެ ކުރިން، 2015 ވަނަ އަހަރުގެ ތެރޭގައި އެ އަދަދު ހުރީ 65.8 ޕަސެންޓްގަ އެވެ. މިއީ 13.2 ޕަސެންޓްގެ ކުރިއެރުމެކެވެ.
މިދިއަ އަހަރުގެ އޯލެވެލްގައި މުޅި ރާއްޖޭން 5410 ދައިވަރުން ބައިވެރިވި އިރު، އެއްވެސް މާއްދާއަކުން ފާސްނުވާ ކުދިންގެ ނިސްބަތް ވެސް ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން ހުރިހާ މާއްދާ އަކުން ފެއިލްވި ކުދިންގެ ނިސްބަތަކީ ފަސް ޕަސެންޓެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރު އެ އަދަދު ހުރީ 10 ޕަސެންޓުގަ އެވެ.
ޔުނިވަސިޓީތަކާއި ކޮލެޖްތަކަށް ވަދެވޭ ވަރަށް، ތިން މާއްދާއިން ފާސްވި ކުދިންގެ ނިސްބަތަކީ 79 ޕަސެންޓެވެ. އަދި 2015 ވަނަ އަހަރު އެ އަދަދު އުޅެނީ 64 ޕަސެންޓުގަ އެވެ. އެހެންކަމުން ތިން މާއްދާއިން ފާސްވި ކުދިންގެ ނިސްބަތްވެސް މިވަނީ 15 ޕަސެންޓަށް އިތުރުވެފަ އެވެ.
މިނިސްޓަރު އައިޝަތު ޝިހާމް މިއަދު ވިދާޅުވީ ފާސްނުވާ ކުދިންގެ ނިސްބަތް ފަސް ޕަސެންޓަށް ދަށްވެގެން ދިޔަ ދިއުމާއި ހުރިހާ މުާއްދާއަކުން ފާސްވި ކުދިންގެ އަދަދު މައްޗަށް ދިޔުމަކީ ތައުލީމީ ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ހުރިހާ ސްޓްރީމް މާއްދާތަކުންވެސް ވަރަށް ބޮޑު ކުރިއެރުންތަކެއް ދަރިވަރުން ހޯދާފައިވެ އެވެ. ބިޒްނަސް ސްޓްރީމްގެ "ބިޒްނަސް ސްޓަޑީޒް" ނޫން އެހެން ހުރިހާ މާއްދާއަކުން އެހެން އަހަރުތަކަށްވުރެ މަތީ ނަތީޖާތަކެއް މިދިޔަ އަހަރު ދިވެހި ދަރިވަރުން ވަނީ ހޯދާފަ އެވެ. ސްޓްރީމްތަކުގެ ތެރެއިންވެސް އާޓް ސްޓްރީމްގެ މާއްދާތަކުން 2015 ވަނަ އަހަރާ އަޅާ ބަލާއިރު ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ.
ސައިންސް ސްޓްރީމްގެ މާއްދާތަކުން ވެސް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާއިރު، އެ ސްޓްރީމުން މިއަހަރު އެންމެ މަތީ ނަތީޖާތަކެއް ލިބިފައިވަނީ ފިޒިކްސް އިންނެވެ. އެ މާއްދާއިން 86.9 ޕަސެންޓް ކުދިން ފާސްވެފައިވާއިރު މިއީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު 4.5 ޕަސެންޓްގެ ކުރިއެރުމެކެވެ.
ބިޒްނަސް ސްޓްރީމް މާއްދާތަކުން އެކައުންޓުން ބޮޑު ޕަސެންޓެއްގެ ދަރިވަރުން ފާސް ޕަސެންޓޭޖް ހާސިލްކޮށްފައިވެ އެވެ. އަދި އިކޮނޮމިކްސް އިންވެސް 2015 ވަނަ އަހަރާ އަޅާ ބަލާއިރު ކުރިއެރުމެއް ހޯދާފައިވީ ނަމަވެސް އެ ސްޓްރީމްގައި ކިޔަވައިދޭ ބިޒްނަސް ސްޓަޑީސްގެ ނަތީޖާއަށް މިދިއަ އަހަރު ވަނީ ދަށްވުމެއް އައިސްފަ އެވެ.
ސްކޫލްތަކުގައި މަޖުބޫރު މާއްދާގެ ގޮތުގައި ކިޔަވައިދޭ، އިނގިރޭސި، އިސްލާމް ދިވެހި އަދި ހިސާބުން ފާސްވި ނިސްބަތް 2015 ވަނަ އަހަރަށްވުރެ އެއް ޕަސެންޓް އިތުރުވެފައިވާއިރު، އިނގިރޭސި އަދި ހިސާބުން ވަނީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު 10 ޕަސެންޓްގެ ކުރިއެރުމެއް ލިބިފަ އެވެ.
މިދިޔަ އަހަރު "އޭ" އާއި "އޭ ސްޓާ" ހޯދި ކުދިންގެ ނިސްބަތް ވަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ދެ ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ނަތީޖާގެ 17 ޕަސެންޓް ހިއްސާކުރަނީ "އޭ" އާއި "އޭ ސްޓާ" އެވެ. މި ނަތީޖާތަކާ އެކު 2016 ވަނަ އަހަރު ފާހަގަކޮށްލެވެނީ ހުރިހާ މާއްދާއަކުން އެންމެ މަތީ ނަތީޖާތަކެއް ލިބުނު އަހަރުގެ ގޮތުގައި ކަމަށް މިނިސްޓްރީ އިން ބުންޏެވެ.