މޯލްޑިވްސް ކަސްޓަމްސް ސާވިސް

ޑިސެމްބަރު މަހުގެ އިމްޕޯޓް 32 ޕަސެންޓް އިތުރު

Jan 23, 2017

މިދިއަ ޑިސެމްބަރުމަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަގު 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 32 ޕަސެންޓް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.

ކަސްޓަމްސްގެ ހިސާބުތަކުން ދައްކާ ގޮތުގައި 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 2.6 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ އަދަދުވަނީ 3.5 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 17 ޕަސެންޓް ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އިމްޕޯޓްކޮށްފައިވާއިރު، 12 ޕަސެންޓް ޗައިނާ އަދި 12 ޕަސެންޓް އެތެރެކޮށްފައިވަނީ ސިންގަޕޫރުންނެވެ.

އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މިދިއަ ޑިސެމްބަރު މަހު ނުވަ ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އަދި 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 259 މިލިއަން ރުފިޔާ ލިބިފައިވާއިރު 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހު ލިބިފައިވަނީ 237 މިލިއަން ރުފިޔާއެވެ.

މިދިއަ ޑިސެމްބަރު މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 56 ޕަސެންޓް މަތިވެފައެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ ޑިސެމްބަރ މަހު 161 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރު ކޮށްފައިވާއިރު 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ އަދަދު ވަނީ 251.2 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ ޑިސެމްބަރު މަހު އެކްސްޕޯޓްކުރި މުދަލުގެ 46 ޕަސެންޓް އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ.