ހަބަރު

ބޮޑީ ސްކޭނާއާއެކު މަސްތުވާތަކެތި އަތުލައި ގަތުން ފަސޭހަ ވެއްޖެ: ޝަރީފު

  • ރެޑް/ ގްރީން ޗެނަލުން ޓޫރިސްޓުން ނަށް ފަސޭހަ
  • މަސްތުވާތަކެތި އެތެރެކުރާ މީހުން ފަސޭހަކަމާއެކު ހޯދޭ
  • މިދިޔަ އަހަރު ރެކޯޑު އަދަދަކަށް މަސްތުވާތަކެތި އަތުލައިގަތް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބެހެއްޓި، ބޮޑީ ސްކޭން މެޝިނު ބެހެއްޓި ފަހުން މަސްތުވާތަކެތި އަތުލައިގަތުމުގައި ވަރަށް ބޮޑު ފަސޭހައެއް ވެފައިވާ ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމަސް އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ޝަރީފު ވިދާޅުވީ ވީއައިއޭގައި ބަހައްޓާފައިވާ ބޮޑީ ސްކޭނާ މެޝިންގެ ސަބަބުން މަސްތުވާތަކެތި އަތުލައި ގަތުމުގައި ބޮޑު ފަސޭހަތަކެއް ލިބި، އަވަސް ވެގެން ގޮސްފައިވާ ކަމަށެވެ. މިގޮތުން މި މެޝިންގެ ސަބަބުން ހަށިގަނޑުގައި ހަރުކޮށްގެންނާއި ދިރުވާލައިގެން އަންނަ މަސްތުވާތަކެތި އަތުލައި ގަތުން ވެސް ވަރަށް ބޮޑުތަން ފަސޭހަ ވެގެންގޮސްފައިވާކަން ސީޖީ ފާހަގަ ކުރެއްވި އެވެ.

"ކުރިން ބޮޑީ ސްކޭން މެޝިން ނުހުންނާތީ، ޖެހެނީ އައިޖީއެމްއެޗް ހޮސްޕިޓަލަށް އެމީހަކު ގެންދަން. މީގެ ސަބަބުން ކުށް ނުކުރާ އެކަމަކު އެތައް ބަޔަކަށް އުނދަގޫތަކެއް ކުރިމަތިވޭ. އަދި ކުށުގެ ވެށިން ބަރިއްޔަވުމަށް ފަސޭހަވޭ ތިން ހަތަރު ގަޑިއިރު ވީމަ. މިހާރު ސްކޭނެއް ކުރަން ޖެހިއްޖެނަމަ ފަސް ވަރަކަށް ސިކުންތުގެ ތެރޭގައި އެކަން ކޮށްލެވޭ،" ސީޖީ، ޝަރީފު ވިދާޅުވި އެވެ.

ވީއައިއޭގައި ބޮޑީ ސްކޭން މެޝިން ބަހައްޓާފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ސީޖީ، ޝަރީފު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު ތެރޭގައި އެއާޕޯޓުގައި ގާއިމްކުރި "ރެޑް ޗެނަލް" އާއި "ގްރީން ޗެނަލް" ގެ ސަބަބުން ޓޫރިސްޓުންނަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާ ކަމަށެވެ.

"ރާއްޖެއަކީ ޓޫރިޒަމް އޮރިއެންޑެޓް ގައުމެއް. އިންކަމްގެ 80 ޕަސެންޓް މި އޮތީ ޓޫރިޒަމަށް. ޓޫރިސްޓުންގެ 99.9 ޕަސެންޓަކީ ވަރަށް ރަނގަޅު، ހިސްޓްރީގައި ވެސް އެއްވެސް ގޯސްކަމެއް ނުކުރާ މީހުން. އެ މީހުން އެބަޖެހޭ ދޫކޮށްލަދެން. އެމީހުން މިދަނީ ގްރީން ޗެނަލް އިން. ރެޑް ޗެނަލް މި ހަދަނީ އިންޓެލިޖެސް މައުލޫމާތާއި މީސް މީހުންގެ ނިޒާމު ޕްރޮފައިލްއިން. މި ޗެނަލްއަށްދާ ތަކެއްޗާއި މީހުން ބަލާފަ ބޮޑީ ސްކޭން ކުރަނީ،" ޝަރީފު ވިދާޅުވި އެވެ.

ބޮޑީ ސްކޭން މެޝިންގެ ސަބަބުން އަތުލައިގެނެވޭ މަސްތުވާތަކެތި އިތުރުވެފައިވާ ކަމަށް ސީޖީ ވިދާޅުވިއިރު، މިދިޔަ އަހަރަކީ ކަސްޓަމްސް އިން އެންމެ ގިނައިން މަސްތުވާތަކެތި އަތުލައި ގަތް އަހަރެވެ. މިދިޔަ އަހަރު 65 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.