ކުޅިވަރު

އެތުލެޓިކޯއަށް ޗެމްޕިއަންސް ލީގުން ޖާގަ ނުލިބުމުގެ ބިރު ބޮޑު!

Jan 24, 2017

ޗެމްޕިއަންސް ލީގްގެ އެންމެ ފަހުގެ ރަނަރަފު އެތުލެޓިކޯ މެޑްރިޑަށް ޔޫއެފްއާ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެޓީމުގެ ކޯޗް ޑިއޭގޯ ސިމިއޭނޯ ބުނެފި އެވެ.

މިދިޔަ ހަތަރު އަހަރު ވެސް، އެތުލެޓިކޯ ޗެމްޕިއަންސް ލީގުން ޖާގަ ހޯދީ، ސްޕެނިޝް ލީގްގެ ތިން ވަނަ ޓީމުގެ ގޮތުގަ އެވެ. ނަމަވެސް ވޭތު ވެދިޔަ ހަތަރު އަހަރު އެޓީމުން ދިފާއު ކުރަމުން އަންނަ ގަދަ ތިނެއްގެ މަގާމު މި ސީޒަންގައި ވަނީ ގެއްލިފަ އެވެ.

މި ސީޒަންގައި ގަދަ ތިނެއްގައި ހިމެނިގެން ދަނީ ސެވިއްޔާ އެވެ. އެޓީމު އޮތީ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށްވުރެ އެއް ޕޮއިންޓް މަދު ކޮށް ތާވަލުގެ ދެ ވަނައިގަ އެވެ. ސެވިއްޔާއަށް އަށް ވުރެ އެއް ޕޮއިންޓް މަދުވުމުން، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އޮތީ މިހާރު ތާވަލުގެ ތިން ވަނައިގަ އެވެ. އެތުލެޓިކޯ ހަތަރު ވަނައިގައި އޮތް އިރު، އެ ޓީމާއި ތިން ވަނަ އިގައި އޮތް ބާސާއާ ދެމެދު ހަ ޕޮއިންޓްގެ ފަރަގެއް އެބަ ހުއްޓެވެ.

ޗެމްޕިއަންސް ލީގް މިހާރުގެ ގަވައިދުތައް ބުނާ ގޮތުން ޔޫރަޕްގެ ގަދަ ހަތަރު ލީގްގެ ހަތަރު ވަނަ ޓީމަށް ވެސް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިގެން ދާނެ އެވެ. އެއީ ޗެމްޕިއަންސް ލިގް ކޮލިފައިން ބުރު ކުޅެގެން ނެވެ.

"ސީޒަންގެ ފުރަތަމަ ހާފުގައި އަހަރެމެންނާ ތިން ވަނައާ ދެމެދު ހަ ޕޮއިންޓްގެ ފަރަގު އެބަހުރި، މިއީ ކަންބޮޑުވަންޖެހޭ ކަމެއް. ސިމިއޭނޯ ބުންޏެވެ.

މިދިޔަ ދެ އަހަރުވެސް ސެވިއްޔާ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބެނީ، ޔޫރޮޕާ ލިގްގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުން ނެވެ.

"ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމުގައި ސެވިއްޔާ އަށް މިފަހަރު ބޮޑު އެޑްވާންޓޭޖެއް އެބައޮތް،"

މިދިޔަ އާދިއްތަ ދުވަހު އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅުނު މެޗް ބަލިނުވެ، އެތުލެޓިކޯ ސަލަމަތްވީ އެންޓޯނިއޯ ގްރީޒްމަން ކާމިޔާބު ކޮށްދިން ލަނޑުން ނެވެ. ނަމަވެސް ފަސް ވަނައިގައި އޮތް ރެއާލް ސޮސިއެދާދު އެތުލެޓިކޯއާ ޕޮންޓްގެ ގޮތުން އަރާ ހަމަ ކޮށްފައި ވުމުން، ދެން ކުޅޭ މެޗުތަކުން، އެތުލެޓިކޯ އަށް ހަތަރު ވަނަ ޖަގާ ގެއްލުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ސިމިއޭނޯ ބުނީ އޭނާގެ ޓީމަށް، މެޗަކަށް ފަހު މެޗެއް ކުރިއިރުން ލިބެމުން ދާކަމަށެވެ.

"މިގޮތުގައި ޓީމުގެ ކުޅުން ރަނގަޅުވަމުން ދާނަމަ އެއީ ކުރިއަށް ޖެހިލުމަށް އަހަރެމެންނަށް އޮތް ފުރުސަތެއް." ސިމިއޭނޯ ބުންޏެވެ.

ނަމަވެސް ސިމިއޭނޯއަށް އޮތް ކަންބޮޑުވުމަކީ މިހާތަނަށް ލީގްގެ ގަދަ ހަތް ޓީމު އަތުން މޮޅު ވެވިފައި ނުވުމެވެ.

ރެއާލް މެޑްރިޑާއި ސެވިއްޔާ އަދި ސޮސިއެދާދު އަތުން ބަލިވެފައިވާއިރު، އެތުލެޓިކް ބިލްބާއޯ އައި ވިޔަރެއާލް އަދި ބަސެލޯނާ އަތުން ވީ އެއްވަރެވެ.