ސިއްހަތު

އަބަދު ވެސް ރީތި ދަތްޕިލައަކާއެކު އުޅެވިދާނެ

Mar 18, 2015
1

ރީތި ދަތްޕިލައަކަށް ކޮންމެ މީހަކުވެސް ލޯބި ކުރާނެ އެވެ. ނަމަވެސް ބައެއް ފަހަރު ހެދޭ ގޯސްތަކުގެ ސަބަބުން ދައްތަކުގެ ރީތިކަމާއި ސާފު ތާހިރުކަން ގެއްލި، ދަތްތައް ހަލާކުވާން މަގުފަހިވެ އެވެ. ނޭނގި ނަމަވެސް ކުރެވޭ ކުޑަ ކަމަކުން ތިމާގެ ރީތި ދަތްތައް ހަލާކުވެދާނެ ކަމަށް ގަބޫލުކުރަން ހެއްޔެވެ؟ ދަތްތައް ހަލާކުވާ ކަމަށް ވަނީ ހަމަ އެކަނި ފަނި ކެއުމަކުން ނޫނެވެ. ދިރިއުޅުމުގެ ނުރަނގަޅު އާދަތަކުގެ ސަބަބުން ވެސް ދަތްތަކަށް ލިބޭ ގެއްލުން ކުޑައެއް ނޫނެވެ.

ފުޅި ދަޅު އަދި ޕެކެޓް ފަދަ ތަކެތީގެ މަތި ނަގަން ނުވަތަ ކަނޑަން ދަތް ބޭނުން ކުރަނީ ކިތައް މީހުން ހެއްޔެވެ؟ މިއީ ހަގީގަތުގައި ޑެންޓިސްޓެއްގެ ކައިރިއަށް ދިއުމަށް ކޮށާލެވޭ މަގެކެވެ. މިފަދަ ކަންތައްތައް އާދަވެ ކުރާނަމަ، ދަތުގައި ރެނދުލައި ބިންދައިގެން ދިއުމުގެ ފުރުސަތު ބޮޑުވެ އެވެ. ރެނދުލައި ބިންދައިގެން ދިއުމަކީ ދަތް ފަނިކެއުމަށް ހުޅުވޭ ދޮރެކެވެ. އެންމެ ސީރިއަސް ހާލަތް ތަކުގައި ދަތެއް ބިންދައިގެން ގޮއްފިނަމަ ހަދަންޖެހޭ ގޮތަކީ ދަތް އުފުރާލުން ނުވަތަ އާޓިފިޝަލް ދަތެއް ޖެހުމެވެ. މިއީ ތަކުލީފު ބޮޑު ކަމެކެވެ.

ފެޝަނަށް ލޯބިކުރާ ޒުވާނުން ކޮންމެވެސް ވަރަކަށް މޫނުގެ ތަންތަން ތޮރުފައި ހަދައި އުޅެ އެވެ. މިއީ ބައެއް މީހުންނަށް ކތަންމެ ރީތި ކަމެއް ނަމަވެސް އެކަމުން ސިއްޙަތަށް އެތައް ގެއްލުމެއް ވެއެވެ. ދޫ، ތުންފަތް ފަދް ތަންތަން ތޮރުފުމުގެ ސަބަބުން ކައިރީގައި ހުންނަ ޓިޝޫތައް ދުޅަވެ، ލޭ އައިސް، އިނފެކްޓްވުން ފަދަ ކަންތައްތައް ދިމާވެ އެވެ. މީގެ އިތުރުން ބޭނުންކުރާ ސްޓަޑް ފަދަ ތަކެތީގެ ސަބަބުން އަނގައިގެ ތެރެ، ތުންފަތް އަދި ޓޭސްޓް ބަޑް އަށް ގެއްލުންވެ އެވެ. އޭގެ ސަބަބުން ދަތުގައި ރެނދުލައި، ހިރުގަނޑު ހަލާކުވުމަށް މަގުފަހިވެ އެވެ. ދޫ، ތުންފަތް ތޮރުފައިގެން އުޅޭނަމަ ދަތް އެޅުން ފަދަ ކަންތައްތަކުން ލިބޭ ގެއްލުމުން ސަމާލުވުމަށް ޑެންޓިސްޓުންގެ ލަފާ ހޯދުން މުހިންމެވެ.

ފުޓްބޯޅަ، ނެޓްބޯޅަ، ބާސްކެޓް އާއި ބައިބަލާފަދ ކުޅުވަރުތަކަކީ ދިވެހިންގެ ތެރޭގައި މަގްބޫލް ކުޅިވަރު ތަކެކެވެ. މިއިން އެއްވެސް ކުޅުވަރެއް ކުޅޭނަމަ، ދަތްތަކަށް ސަމާލުވާންޖެހެ އެވެ. ސަބަބަކީ މިފަދަ ކުޅިވަރުތަކުން އަނގަމަތި އަދި ކޯމަތީ ނޭނގި ނަމަވެސް ޖެހިއްގެނަމަ  ދަތްތަކަށް ގެއްލުން ލިބުމަށް މަގުފަހިވާނެތީ އެވެ. ދަތެއް ހަލާކުވެއްޖެނަމަ ހަދަން ދާ ހަރަދު މައުތް ގާޑަކަށް ވުރެން އެތައް ގުނައެއް ބޮޑުވާނެތީ އެވެ.

އައިސްކިއުބް ހަފާނަމަ އެކަން އަވަހަށް ހުއްޓާލާށެވެ. ހަފައިގެން އައިސްކިއުބް ކެއުމުގެ ސަބަބުން ދަތުގެ ބޭރު ފަށަލަ ހަލާކުކޮށް، ދަތް ބިންދައިގެން ދިއުމަށް މަގުފަހިކޮށްދެ އެވެ. ދަތުގައި ފުޓުނި ފަދަ އެއްޗެއް އަޅާއިފައިވާނަމަ އަމުދުން އައިސްކިއުބް ނުކާށެވެ. ފުޓުނީގެ ޓެމްޕަރޭޗާ އަކީ ވަކި ވަރެއްގައި ހުންނަން ޖެހޭ އެއްޗަކަށް ވުމުން، ދަތް އިތުރަށް ހަލާކުވުމުގެ ފުރސަތު ބޮޑެވެ.

ރޯގާ ޖެހިގެން ކަރުތެރެ ސަކަރާތްވެއްޖެނަމަ އެންމެ ފުރަތަމަވެސް ބަލަނީ ކަފް ސިރަޕް ބޮއެގެން ކެއްސުން ކޮންޓްރޯލް ކުރެވޭތޯ އެވެ. ބޭސްފިހާރަ ތަކުގައި ވިއްކަން ހުންނަ ކަފް ސިރަޕް ތަކަކީ ހަކުރު ގިނައިން އެކުލެވިގެންވާ އެއްޗެކެވެ. އާދަކޮށް ރޯގާ ޖެހިގެން ކަފް ސިރަޕް ބޯނަމަ، އަނގައިގެ ތެރޭގައި ހަކުރުގެ މިންވަރު ހިމެނޭލެއް ގިނަވާނެ އެވެ. ހަކުރު ގިނއިން ހިމެނޭ އެއްޗިއްސަކީ ދަތްފަނި ކެއުމަށް ފަހިވާ މަގެކެވެ.

ގޭގައި ވިޔަސް އަދި ޑެންޓަލް ކްލިނިކެއްގައި ވިޔަސް ދަތްތައް ސާފުކުރުމަކީ ރަނގަޅުކަމެކެވެ. އެހެން ނަމަވެސް ދަތް ސާފުކުރުމުގައި ހައްދު ފަހަނަ އަޅާ ދިއުމަކީ ކޮބާކަން އަދިވެސް ވަނީ ހޯދާ ނުގަނެވިފަ އެވެ. ނަމަވެސް، މާގިނައިން ދަތް ސާފުކުރުމަކީ ދަތުގެ ބޭރުގައި ފަށަލަ އާއި ނާރުތަށް ހަލާކު ކުރުމަށް މަގުފަހިކޮށްދެއެވެ. ބައެއް ޑެންޓިސްޓުން ލަފާދޭ ގޮތުގައި، ދަތް ސާފުކުރުމުގެ ފަހުން ހިރުގަނޑު ހިރުވައި ދަތްތަކުގައި ކޮންމެވސް ވަރަކަށް ރިއްސަފާނެ އެވެ. މިހެންވާނަމަ ޑެންޓިސްޓެއްގެ ލަފާ ހޯދުން މުހިންމެވެ.

އޭނާޖީ ޑްރިންކް ފަދަ ބުއިންތައް ބުއިމުގެ ސަބަބުން ދަތުގެ ބޭރުފަށަލަ ހަލާކުވެ، ދަތްތަށް ވަރަށް ނާޒުކުވެ އެވެ. ނަތީޖާ އެއްގެގޮތުން ދަތް ފަނިކެއުމާއި، ދަތް ހަލާކުވުމަށް މަގުފަހިވެ އެވެ. އެހެންކަމުން އެނާޖީ ޑްރިންކް އާއި ސޮފްޓް ޑޮރިންކް ބުއިމަށްފަހު، ތިރީސް މިނިޓް ވަންދެން ދަތްނުއުނގުޅާށެވެ. މި ވަގުތުކޮޅު އަނގައިގެ ތެރޭގައި ކުޅު ދައުރުވެ އަމިއްލަ ޒާތުގައި އަނގައިގައި ހުންނަ އެސިޑް ލެވެލް ދަށްވެ އަނގައިގެ ހާލަތު އާދައިގެ ގޮތަށް ބަދަލުވާނެ އެވެ.

ނޭނގުމުގެ ތެރޭގައިވިޔަސް ހެދޭ މިފަދަ ގޯސްތަކުން ތަހައްމަލް ކުރަންޖެހޭ ވޭނުން ސަލާމަތްވުމަށް މިފަދަ ކަންތައްތަކުން ދުރުހެލިވާށެވެ. ހިނިތުންވެލާއިރު ތިމާގެ ދަތްތައް ހަޑިކޮށް ހުރުމަކީ ކޮންމެ މީހަކުވެސް ލަދުގަންނާނެ ކަމެކެވެ. އެހެންކަމުން ދަތްޕިލަ އަބަދުވެސް ރީތިކޮށް ބެހެއްޓުމަށް ސަމާލުކަންދޭށެވެ.