ކުޅިވަރު

"މަރު" ވެފައި އޮތުމަށް ފަހު، ބާސާ "ދިރިއްޖެ"

Jan 29, 2017
1

މީގެ ތިން ހަފުތާ ކުރިން މީހުން ހީކުރީ ބާސެލޯނާ އޮތީ "މަރު"ވެފައި ކަމަށާއި ނަމަވެސް މިހަރު ހާލަތު ބަދަލުވެ ޓީމް އަލުން "ދިރިއްޖެ" ކަމަށް އެ ޓީމުގެ ކޯޗް ލުއިސް އެންރީކޭ ބުނެފި އެވެ.

މިދިޔަ އަހަރު، ފަނޑުކޮށް ފެނުނު ވައިސް ކެޕްޓަން ލިއޮނަލް މެސީ، މި އަހަރު ދައްކަމުންދާ ކުޅުމާއެކު، އެންރީކޭ ބުނީ، މިހާރު ބާސާ އޮތީ ތައްޓަށް ވާދަ ކުރާ ފޯމު ގައި ކަމަށެވެ.

މިއަދު ރެއާލް ބެޓިސްއާ ދެކޮޅަށް ނުކުންނަ މެޗްގެ ކުރިން ވާހަކަ ދައްކަމުން، އެންރީކޭ ބުނީ، މީގެ ތިން ހަފުތާގެ ކުރިން ބާސާގެ ޕްރެސް ކޮންފަރެންސްތައް ވެސް ދަނީ ވަރަށް ވަނދު ކޮށް ކަމަށާއި، ނަމަވެސް މިހާރު ހާލަތު ބަދަލު ވެއްޖެ ކަމަށެވެ.

"އެއީ ވަރަށް މަޖާ ބަދަލެއް، ތިން ހަފުތާ ކުރިން ބާސެލޯނާގެ ޕްރެސް ކޮންފަރެންސްތައް ވެސް ހީވަނީ ޖަނާޒާ އެއް ހެން، ނަމަވެސް މިހާރު އެއާ ހިލާފު،" ސަމާސާ ރާގަކަށް އެންރިކޭ ބުންޏެވެ.

ސީޒަންގެ ކުރީ ކޮޅު، ރެއާލު އިން އިތުބާރާއެކު ކުޅެމުން ދިއުމުން، ލީގް ތަށި ރެއާލް އިން ހޯދާނެ ކަމަށް ނޫސްވެރިންނާއި ފުޓްބޯޅައިގެ އެނަލިސްޓުން ވެސް އަންދާޒާތައް ޖެހިއެވެ. ނަމަވެސް، ސީޒަންގެ ދެވަނަ ހާފަށް އެޅުނު ފަހުން، ސެވިއްޔާ އާއި ބާސެލޯނާ ވަނީ، ރެއާލްއާ ޕޮއިންޓްގެ ގޮތުން ގާތް ކޮށްފަ އެވެ.

ދެވަނަ އިގައި އޮތް ސެވިއްޔާ ވަނީ ރެއާލްއާ އެއް ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފަ އެވެ. ބާސާ އާއި ރެއާލް އާ ދެމެދު ހުރީ ދެ ޕޮއިންޓްގެ ފަރަގެވެ. ނަމަވެސް، ރެއާލް އޮތީ އެހެން ޓީމު ތަކަށްވުރެ އެއް މެޗު މަދުން ކުޅެ އެވެ.

"އަހަރެން ހަމަ އެކަނި ވިސްނާ ކަމަކީ، ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗް، މި މެޗުން ތިން ޕޮއިންޓް ލިބިގެން އަހަރެމެންނަށް، ކުރީގައި އޮތް ޓީމާ އަރާ ހަމަ ކުރެވޭނެ، ހަމަ ޔަގީން އިދިކޮޅު ޓީމުތަކަށް ދެން ވާނުވާ އެއް އަހަރެން ބަލާނެ،" ކުރިން އިޓަލީގެ އެއެސް ރޯމާ އާއި ސްޕެއިންގެ ސެލްޓަވިގޯ އަށް ކޯޗް ކޮށްދިން އެންރީކޭ ބުންޏެވެ.

ދެ ވަނައިގައި އޮތް ސެވިއްޔާ މިރޭ ނިކުންނާނި، އެސްޕެނިއޯލް އާ ދެކޮޅަށެވެ. އެއް ވަނައިގައި އޮތް ރެއާލް ނިކުންނާނީ، ރެއާލް ސޮސިއެދާދުއާ ދެކޮޅަށެވެ.

އޮސްޓްރިއާ އަށް އުފަން ކޯޗް ބުނީ، ބާސާގެ މިހާރު އޮތް ހަލަތު ފެންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި، 10 އަހަރު ކުރިން ބާސާ ގައި މި ހިތްވަރު ފެށިއްޖެ ކަމަށެވެ.

ބާސާއިން ދަނީ، އެންރިކޭ އާއެކު އާ އެއްބަސްވުމަކަށް ދިއުމަށް ތައްޔާރު ވަމުން ނެވެ. އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން ތަފްސީލަކަށް ނުގޮސް އެނާ ބުނީ ކޮންޓްރެކްޓް ރަނގަޅު ކަމަށާއި އޭގެ އަގު އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.