ހަބަރު

ތައުލީމީ ދާއިރާއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދަނީ ރާއްޖެއިން

ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާނަމަ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސް އެންމެ ގިނަ ކުރިއެރުންތަކެއް ހޯދަމުން ދަނީ ރާއްޖެއިން ކަމަށް އިނގިރޭސި ވިލާތުގެ ކެމްބްރިޖް ޔުނިވަސިޓީގެ ޕްރެސްއިން ބުނެފި އެވެ.

ކެމްބްރިޖް ޔުނިވަސިޓީން މިގޮތަށް ބުނެފައިވަނީ މިމަހުގެ 24 އިން 27 އަށް އެޑިއުކޭޝަން މިނިސްޓަރު އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ޔުނިވަސިޓީގެ އިސް ބޭފުޅުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ. ރާއްޖޭގެ ތައުލީމީ ނިޒާމަށް މިވަގުތު ދިމާވެފައިވާ ގޮންޖެހުންތަކާއި، ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު އެ ބައްދަލުވުމުގައި އެ ޔުނިވަސިޓީޏް ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އަދި ރާއްޖޭގެ ސްކޫލްތަކުގެ ފެންވަރާއި، ބޭނުންކުރާ ސިލަބަސްތަކުގެ ފެންވަރާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކެމްބްރިޖް ޔުނިވަސިޓީގެ އިސް ބޭފުޅުންނާއެކު މިނިސްޓަރު ބައިވެރިވެވަޑައިގެންނެވި ބައްދަލުވުންތަކުގައި ދިވެހި މުދައްރިސުންގެ ކިޔަވައިދިނުމުގެ ގޮތްތަކަށް ތައުރީފުކޮށް ތައުލީމީ ދާއިރާއިން ބާރު ސްޕީޑެއްގައި ސަރަހައްދީ ފެންވަރުގައި ރާއްޖޭން ކުރި ހޯދަމުންދާތީ އެ ޔުނިވަސިޓީން ސަރުކާރަށް މަރުހަބާ ކިޔާފައިވާ ކަމަށެވެ. މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ރާއްޖޭން މޮޅު ނަތީޖާތަކެއް ހޯދަމުންދާކަން ކެމްބްރިޖުމް ފާހަގަކޮށްފައިވާއިރު، މިދިޔަ އަހަރު ފާހަގަކޮށްލެވެނީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި މި ފަހުގެ މާޒީއެއްގައި އެންމެ މޮޅު ނަތީޖާތަކެއް ހޯދި އަހަރަށެވެ.

މީގެ އިތުރުންވެސް މިނިސްޓަރުގެ ދަތުރުފުޅުގައި ދިވެހި މުދައްރިސުންގެ އިނގިރޭސި ފެންވަރު މަތިކުރުމަށް މަސައްކަތްކުރުމާ ގުޅޭ ގޮތުން މަޝްހޫރު ޕްރައިވެޓް އެޑިއުކޭޝަން ކުންފުނި، "އެޑިއުކޭޝަން ފަސްޓް" އާ އެކު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މުދައްރިސުންނަށް އިނގިރޭސި ބަހުގެ ތައުލީމު ދިނުމުގެ ޕްރޮގްރާމްތަކެއް ހިންގަން ވަރަށް އަވަހަށް އެ ކުންފުންޏާއެކު އެއްބަސްވުމެއް އެކުލަވާލުމަށް އެ ބައްދަލުކުރެއްވުމުގައި ދެފަރާތުން ނިންމާފައިވާ ކަމަށް ވެސް އެ މިނިސްޓޤރީން ވަނީ ބުނެފަ އެވެ.

އިނގިރޭސިވިލާތަށް ތިން ދުވަހަށް މިނިސްތަރު ކުރެއްވި އެ ދަތުރުފުޅުގައި އެކަމަނާއާ އެކު އެޑިއުކޭޝަންގެ އިސްވެރިންގެ ޓީމަކުން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.