އއ. ރަސްދޫގެ އއ. އަތޮޅު ތައުލީމީ މަރުކަޒުގައި ގުރުއާން ކިޔަވައިދޭ މުދައްރިސަކު މޫނު ނުފެންނަ ގޮތށް ބުރުގާ އަޅާތީ ވަޒީފާއިން ވަކި ކޮށްފި އެވެ.
ރަސްދޫގެ އެ މުދައްރިސު ވަޒީފާއިން ވަކި ކޮށްފައިވާއިރު، މޫނުބުރުގާ އަޅާތީ އެ އަތޮޅު މަތިވެރީގައި ކިޔަވައިދޭ ޓީޗަރަކަށް ވެސް ވަނީ މޫނު ފޮރުވޭ ގޮތަށް ބުރުގާ އަޅައިގެން ވަޒީފާއަށް ނުނުކުންނަންއަންގާފަ އެވެ. އެކަމާ ހިތްހަމަ ނުޖެހިގެން މަތިވެރީގެ ބައެއް ބެލެނިވެރިން މިއަދު ވަނީ އެމީހުންގެ ކުދިން ސްކޫލުން ގެއަށް ވެސް ގެނެސްފަ އެވެ.
ރަސްދޫގެ ކައުންސިލް މެންބަރަކު ވިދާޅުވީ، އެ ރަށުގެ އެ ޓީޗަރު މިއަދު ވަޒީފާއިން ވަކި ކޮށްފައިވާއިރު، އޭނާ އަކީ އެރަށު ސްކޫލުގައި ގުރުއާން ކިޔަވައިދޭ ހަމައެކަނި މުދައްރިސް ކަމަށެވެ. އޭނާ ވަކިކޮށްފައި ވަނީ މިއަދު މެންދުރު ކަމަށާއި ވަޒީފާއިން ވަކި ކޮށްފައިވަނީ މޫނު ނިވާކޮށްގެން ސްކޫލަށް ނައުމަށް ދެ ފަހަރެއްގެ މަތިން އަންގާފައި ވަނިކޮށް އެއަށް އަމަލު ނުކުރުމުން ކަމަށެވެ.
މޫނު ނުފެންނަ ގޮތަށް ބުރުގާ އަޅައިގެން އޭނާ ވަޒީފާއަށް ނުކުންނާތީ މީގެ ކުރިން އޭނާއަށް ސްކޫލުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ސިވިލް ސާވިސްގެ ގަވާއިދާ އެއްގޮތަށް ހެދުން އެޅުމަށް އަންގާ ކަމަށެވެ. ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީ ޒިންމާދާރުކަމާއެކު ޖަވާބުދާރީވާންޖެހޭ ހިދުމަތަކަށް ވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާ މުއާމަލާތުކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެތީ މަސައްކަތު ގަޑީގައި އެދުން އަޅަން ވާނީ ކާކުކަން އެނގޭ ގޮތަށް ކަމަށެވެ.
"އެ ޓީޗަރު ވަޒީފާއިން ވަކި ކުރުމުން މި ރަށުގަ ދެން ނެތް ގުރުއާން ކިޔަވައިދޭނެ މުދައްރިސެއް. އެޑިއުކޭޝަނުން ވެސް އަދި މުދައްރިސަކު ނުފޮނުވާ،" ކައުންސިލަރު ވިދާޅުވި އެވެ.