ޓޫރިޒަމް

ރައީސް، ހުރަވަޅި އައިލެންޑް ރިސޯޓް ހުޅުވައިދެއްވައިފި

  • ކަނޑު އަޑީ ރެސްޓޯރެންޓް 5.8 ހުޅުވައި ދެއްވީ މެޑަމް
  • ރައީސް ޔާމީނަކީ "ކަށީގެ ބުއްދި" ނެރުއްވާ ބޭފުޅެއް: އުއްޗު
  • ހުރަވަޅީގައި 90 ލަގްޒަރީ ވިލާ ހުރޭ

ކަނޑު އަޑީގައި ގާއިމުކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ޒަމާނީ ރެސްޓޯރެންޓާއެކު ތަރައްގީކުރި ޅ. ހުރަވަޅި އައިލެންޑް ރިސޯޓް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ހުޅުވައި ދެއްވައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ހިއްސާ އޮންނަ ޗަމްޕާލާސް ހޯލްޑިން ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއި ދިވެހި ސަރުކާރު ގުޅިގެން ތަރައްގީކުރި 90 ރޫމް ގެ މި ރިސޯޓް މިރޭ ރަސްމީކޮށް ރައީސް ހުޅުވައި ދެއްވި ނަމަވެސް ޑިސެމްބަރު 1، 2016 ގައި ވަނީ އޮޕަރޭޝަނަށް ގެނެސް ހިދުމަތް ފަށާފަ އެވެ. ސީޕްލޭންގައި މާލޭން ފުރައިގެން 40 މިނެޓުން ދެވޭ ހުރަވަޅީގައި ހިމެނޭ 90 ވިލާގެ ތެރޭގައި 60 އޯޝަން ވިލާ އާއި 30 ބީޗް ވިލާ ހިމެނެ އެވެ.

ފަސް ތަރީގެ މި ރިސޯޓް ފާހަގަ ކުރެވެނީ ރިސޯޓުގެ އެއްގަމާއި މޫދުގައިވާ ގާއިމްކޮށްފައިވާ ލަގްޒަރީ ވިލާތަކުގެ އިތުރަށް ރަށުގެ ކަނޑުގެ އުރަފަށުގައި ބަހައްޓާފައިވާ ރާއްޖޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރަންޓެވެ.

ހުރަވަޅީގެ ކަނޑު އަޑީގެ 5.8 މީޓަރު އަޑީގައި ވާ ކަނޑު އަޑީގެ އެންމެ ބޮޑު ރެސްޓޯރަންޓަށް ނަން ދީފައި ވަނީ ވެސް "5.8" ގެ ނަމުންނެވެ. މިރޭ "ފައިވް ޕޮއިންޓް އެއިޓް" ހުޅުވައި ދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ، މެޑަމް ފާތުމަތު އިބްރާހީމް އެވެ.

ހަތްދިހަ ހަތަރު ފޫޓުގެ ދިގު މި ހާއްސަ ރެސްޓޯރެންޓް ވެސް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރެންޓް ކަމަށްވާ ކޮންރެޑް މޯލްޑިވްސްގެ "އިތާ" ވެސް ރެސްޓޯރެންޓް ފަރުމާކުރި ނިއުޒީލޭންޑްގެ ކުންފުނިންނެވެ. -- މި ރިސޯޓްގެ އެއްގަމުގައި ވެސް އިތުރު ދެ ރެސްޓޯރެންޓް ހުރެ އެވެ.

ރިސޯޓްގެ ވެރިޔާ އުއްޗު ވިދާޅުވީ އޭނާގެ އާއިލާ ރިސޯޓް ޗޭނުގެ ރިސޯޓް ރަށް ކޮންރަނޑް ރަންގަލީގައި ކަނޑުއަޑީގެ "އިތާ" ރެސްޓޯރެންްޓް ހުރުމާއެކު އޭނާ ހުރަވަޅި ތަރައްގީ ކުރަން ފެށި ހިސާބުން ފެށިގެން ކަނޑު އަޑީގައި "އިތާ" އަށްވުރެ ބޮޑު، ރެސްޓޯރެންޓެއް ހަދަން ޝައުގުވެރިވަޑައިގެން އެކަން ކުރައްވަން ނިންމެވި ކަމަށެވެ.

"އާއިލާގެ ވިޔަފާރީގައި ކޮއްކޮމެން [ޗަންޕާ ހުސައިން އަފީފު] މިހާރު އެބައުޅުއްވާ ކަނޑު އަޑީގެ ރޫމެއް އަޅަން. އެހި ސާބުން އަޅުގަނޑަށް ޖެހޭނެ އެކަން ވެސް ކުރަން، އެއީ ދެން އަނެހެން ވާދަވެރިކަން،"

އޭނާ ވިދާޅުވީ އޭނާ ވިޔަފާރީގައި އަބަދުވެސް ބާރަށް ކުރިއަރައިދާ ކަމަށާއި ނަމަވެސް މިހާރު ވިޔަފާރީގައި ވެސް އަދި ރާއްޖޭގެ ތަރައްގީގައި ހިއްސާވެ ވަޑައިގަތުމުގައި ވެސް ކުރިއަރާދާ ދިއުމުގެ ސިއްރަކީ ރައީސް އަބްދުﷲ ޔާމީން ދެއްވާ ލަފާ ކަންކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަކީ ކުރިއެރުމަށާއި ތަރައްގީ އަށް "ކަށީގެ ބުއްދި" ނެރެން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. -- ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރުގައި މިހާރު ވަނީ 20 ރިސޯޓް ހުޅުވާފަ އެވެ

އެއް ފަހަރާ ގާތްގަނޑަކަށް 24 މީހުންނަށް ކެއުމަށް އިންސާފު ކުރެވޭ މި ރެސްޓޯރެންޓުގެ އޮނިގަނޑުގައި 400 ޓަނު ހުންނައިރު ރާއްޖެ ގެންނައީ "ގްލޯބަލް ޝިޕިން އެންޑް ލޮޖިސްޓިކްސް" ގެ ބޯޓެއްގަ އެވެ. ރެސްޓޯރެންޓްގައި ކެއުމަށް އިންސާފު ކުރާއިރު ކަނޑުއަޑީގެ ރީތި މަންޒަރުތައް ފެންނާނެ އެވެ.

މިރޭ 5.8 ރެސްޓޯރެންޓް ހުޅުވުމަށް ފަހު ރައީސްގެ ދެކަނބަލުން ވަނީ 5.8 ގައި ރޭގަނޑުގެ ފަރިއްކޮޅަކަށް އިންސާފު ކުރެއްވި އެވެ. ރައީސްގެ ދެކަނބަލުންނާއެކު އުއްޗު އާއި ރިސޯޓްގެ ބައެއް ވެރިންނާއި ސަރުކާރުގެ ބައެއް ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.