މޫސާ ޒަމީރު

ތިން އަހަރުގެ ހައިރާން ކުރުވަނިވި ޓޫރިޒަމް ތަރައްގީއާ ފައިހަމަވާ މާކެޓިން ހޯދަންޖެހޭ: ޒަމީރު

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެ، ދާއިރާއަށް ތައާރަފްވާ ރިސޯޓްތަކުގެ އާބާދީ އިތުރުވާ މިންވަރަށް ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓް ކުރަން ގިނަ، އަދި އާ ގޮތްތަކެއް ހޯދަން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މުޅި ދުނިޔޭގައި ވެސް މިހާތަނަށް ހުޅުވާ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރަންޓް ބަހައްޓާފައިވާ ޅ. ހުރަވަޅި އައިލެންޑް ރިސޯޓް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްތަރު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފާއިތުވި ތިން އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ހައިރާންކުރުވަނިވި ތަރައްގީއެއް ގެނުވި ތިން އަހަރު ކަމަށެވެ. އެ ތިން އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 3000 އެއްހާ އެނދުގެ 20 ރިސޯޓް މުޅިން އަލަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ތައާރަފްވެފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާގެ ދެމެހެއްޓެނިވި ތަރައްގީއަށް ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާ ތަސައްވުރަށް ތައުރީފުކުރަން ޖެހޭ ކަމަށެވެ. އެ ހިޔާލާ ފައި ހަމަ ކުރުމަށް މާކެޓް ކުރާ އާ ހިޔާލު ވެސް އުފައްދަން ޖެހޭ ކަމަށެވެ.

"ފަތުރުވެރިކަން މިއަދު މިވަނީ ދިވެހި އިގްތިސޯދުގެ މައި ނާރަށް ވެފައި. މި ދާއިރާގެ ދެމެހެއްޓެނިވި ތަރައްގީއަކީ ރައީސް ޔާމީންގެ މައި ވިޝަންތަކުގެ ތެރޭން ހިމެނޭ ކަންތައް. ދާއިރާއަށް ރިސޯތްތައް އަހަރެއް އަހަރަކަށް އިތުރު ވަމުންދާއިރު، އަޅުގަނޑުމެން ހޯދަން އެބަޖެހޭ ދުނިޔޭގެ ފެންވަރުގައި އަޅުގަނޑުމެންގެ ފަތުރުވެރިކަން މާކެޓްކުރާނެ ގޮތްތަކެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ މިހާރަށްވުރެ ބޮޑަށް ތަމްސީލުކޮށް ރާއްޖޭގެ ޓޫރިޒަމް ވިއްކުމަށްޓަކައި ސްޓްރެޓެޖީތައް ކަނޑައެޅުމަށް އެހީތެރިކަން ހޯދުމަށް މިހާރުވެސް ބައިނަލް އަގުވާމީ މާކެޓިން ކޮންސަލްޓުންނާއި ޕީއާރް ފާމްތަކާ މަޝްވަރާކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ޒަމީރު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަހަރު ތެރޭގައި ހުޅުވަން ކުރިއަށް ހުރި ރިސޯޓްތަކާއި އަންނަ އަހަރަށް ޕްލޭންކޮށްފައި ހުރި ދާއިރާގެ މަޝްރޫއުތައް ނިމުމާއެކު ރައީސް ޔާމީންގެ މެނިފެސްޓީގައި ފަތުރުވެރިކަމުގެ ދާއިރާއަށް ކަނޑައަޅުއްވާފައިވާ ކަންކަމުގެ 100 ޕަސެންޓް ހާސިލްވާނެ އެވެ.

ފަތުރުވެރިކަމުގެ ވިޔަފާރި މިހާރުވެސް ފުޅާކުރައްވަމުން ގެންދަވާ ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ހިއްސާ އޮންނަ ޗަމްޕާލާސް ހޯލްޑިން ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއި ދިވެހި ސަރުކާރު ގުޅިގެން ތަރައްގީކޮށް މިރޭ ހުޅުވި ރިސޯޓާ ގުޅޭގޮތުން ޒަމީރު ވަނީ އުއްޗުއަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި، ސިއްހީ އަދި އެނޫންވެސް ދާއިރާތަކަށް އޭނާ ކުރައްވަމުން ގެންދަވާ ހިދުމަތަށް ޝުކުރު ދަންނަވާފަ އެވެ.