ކުޅިވަރު

އާސެނަލްގެ ކުރީގެ ތަރި ކޭމްބެލް ޓްރިނިޑާޑްގެ ކޯޗަކަށް

Jan 31, 2017

އާސެނަލްގެ ކުރީގެ ތަރި، ސޯލް ކޭމްބެލް، ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އެ ގައުމުގެ ގައުމީ ޓީމާއެކު މަސައްކަތް ކުރަން ތައްޔާރު ވެއްޖެ އެވެ.

ދާދި ފަހުން، ކޯޗިން ލައިސެސްސްތައް ފުރިހަމަ ކުރި، ކޭމްބެލް ހުރީ، ހެޑް ކޯޗެއްގެ މަސްއޫލިއްޔަތުތައް ވެސް އުފުލުމަށް ތައްޔާރަށެވެ. އޭނާ އެސިސްޓެންޓް ކޯޗަކަށް ހުންނައިރު، ހެޑް ކޯޗްގެ މަގާމު އުފުލާނީ، ކުރިން ސްވަންސީ ސިޓީ އަށް ކުޅުނު، ޑެނިސް ލޯރެންސް އެވެ. މިއީ، ކޭމްބެލް،42 ކޯޗެއްގެ މަސްއޫލިއްޔަތު އުފުލާ ފުރަތަމަ ފަހަރެވެ.

"މިއީ އަހަންނަށް ވެސް ޗެލެންޖެއް، ނަމަވެސް އަހަރެން މިހުރީ މި ޗެލެންޖް ނެގުމަށް އަތުކުރި އޮލާލައިގެން،" ކޭމްބެލް ބުންޏެވެ.

ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ކޯޗަކަށް ވުމަށް، ކޭމްބެލްއަށް އިރުޝާދު ދިނީ، އާސެނަލްގައި އޭނާ އާއެކު ކުޅުނު ކުރީގެ ތަރި ތިއޮރީ އޮންރީ އެވެ.

ސްޕެއިންގެ ރޮބާޓޯ މާޓިނޭޒްގެ ދަށުން، ބެލްޖިއަމްގެ އެސިސްޓެންޓް ކޯޗުކަން ކުރަމުންދާ، އޮންރީ ވަނީ ފުރަތަމަ އެސިސްޓެންޓް ކޯޗެއްގެ މަސްއޫލިއްޔަތު އުފުލުމަށް ކޭމްބެލް ގާތު ބުނެފަ އެވެ. އެގޮތުން، އޭނާ ވަނީ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ކޯޗްކަމާ ހަވަލުވުމަށް، ނަސޭހަތް ދީފަ އެވެ.

ޓްރިނިޑާޑް ގައުމީ ޓީމު އެސިސްޓެންޓް ކޯޗުކަން، އެ ގައުމުގެ އެފްއޭއިން، ކޭމްބެލް އަށް ހުށަހެޅީ ލޯރެންސްގެ އެދުމުގެ މަތިން ނެވެ.