ހަބަރު

ދޮގު މައުލޫމާތުދިން ކުރީގެ ކަތީބަކަށް ދައުވާކުރަން ޕީޖީ އަށް

ދެހާސް އަށް ވަނަ އަހަރު ދޫކުރި ގެދޮރުވެރިކުރުމުގެ ލޯނު ސްކީމުން ލޯނު ލިބުނު މީހަކަށް ދެވަނަ ޕޭމަންޓް ހޯދަދޭން ދޮގު މައުލޫމާތު ސަރުކާރަށް ދިން މައްސަލައެއްގައި ހދ ކުޅުދުއްފުށީގެ އޭރުގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހދ. ކުޅުދުއްފުށީގެ ކުރީގެ ކުޑަކަތީބުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކުރަން ފޮނުވާފައިވަނީ، 2008 ވަނަ އަހަރު ސަރުކާރުން ދޫކުރި ގެދޮރުވެރިކުރުމުގެ ލޯނުން ފުރަތަމަ ޕޭމަންޓް ނަގައިގެން އިމާރާތުގެ އެއްވެސް މަސައްކަތެއް ނުކުރި ނަމަވެސް، ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދީގެން އެ ލޯނުގެ ދެވަނަ ޕޭމަންޓް ހޯދަން މީހަކަށް އެހީތެރިވެދިން މައްސަލައެއްގައި ކަމަށެވެ.

އޭރުގެ މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ތައާރަފްކުރި ގެދޮރުވެރިކުރުމުގެ ލޯނު ދޫކުރީ، ލޯނު ލިބުނު ފަރާތްތަކުން އިމާރާތް ކުރަމުންދާ މިންވަރަށް ބަލައިގެން ބައިބަޔަށެވެ.

އޭސީސީން ބުނީ، ގެދޮރު ހަދަން ދޫކުރި ލޯނަށް ފައިސާ ދޫކުރަމުން ދިޔައީ އިމާރާތްކުރެވޭ މިންވަރަށް ބަލައި، ބައިބަޔަށް ބަހާލައިގެންކަން ލޯނު ލިބުނު ފަރާތާއި އެޗްޑީއެފްސީއާ ދެމެދު ހަދާފައިވާ އެއްބަސްވުމުން އެނގެން އޮތް އިރު، ފުރަތަމަ ޕޭމަންޓްގައި ލިބުނު 30,000 ރުފިޔާ އިން ގޯތީގައި ކޮންކްރީޓް ފައުންޑޭޝަން އަޅާ ނިމިފައިވާކަމަށް ބުނެ އެޗްޑީއެފްސީއަށް ފޯމު ހުށަހަޅައިގެން އެ ފަރާތުން ލޯނުގެ ދެވަނަ ޕޭމަންޓަށްވާ 70,000 ރުފިޔާ ނަގާފައިވާ ކަމަށެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ޖޫންމަހާ ހަމައަށްވެސް އެ ގޯތީގައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން އެ އަހަރު ތައްޔާރުކޮށްފައިވާ ލިޔުމުންނާއި، ތަހުގީގުން އެނގިފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.

އެޗްޑީއެފްސީ އިން ދޫކުރި ލޯނަށް އެދުނު ފަރާތުން ހުށަހެޅި ފޯމުގައި އޭނާ ރަނގަޅަށް ދަންނަ މީހެއްގެ މައުލޫމާތު ފުރަންޖެހޭ ގޮޅީގައި ޖަހާފައިވަނީ އެރަށުގެ އޭރުގެ ކުޑަކަތީބުގެ ނަމެވެ. ނަމަވެސް ލޯނަށް އެދުނު ފަރާތަށް ދޫކުރާ ލޯނަށް ގެރެންޓީ ދޭ ފަރާތުގެ ގޮތުގައި ހަމަޖައްސައިދިނުމަށް ކުޑަކަތީބު އެޗްޑީއެފްސީ ގައި އެދިފައިވާތީ، ލޯނަށް އެދުނު ފަރާތަކީ ކުޑަކަތީބާ ގުޅުމެއް އޮންނަ ދެފަރާތްކަން އެނގޭ ކަމަށް އޭސީސީން ބުންޏެވެ. އަދި ބުނެފައިވަނީ ލޯނުގެ ދެވަނަ ޕޭމަންޓަށް ވާ ފައިސާ ދޫކުރުމުގެ ކުރިން އެޗްޑީއެފްސީ އިން މައުލޫމާތު އެއްކުރާ ފޯމު ފުރިހަމަކުރި އިރު، ކުޑަކަތީބު އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ލޯނަށް އެދުނު ފަރާތަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވާތީ އެއީ ކޮރަޕްޝަން ހިމެނޭ ކަމެއްކަމަށް ނިންމާފައިވާ ކަމަށެވެ.

"ތަހުގީގަށް ލިބުނު ކިތާބީ އަދި ޝަފަހީ ހެކިތަކުން އެނގެން އޮންނާތީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ވާފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ގާނޫނު ނަންބަރު 2/2000 ގެ 12 ވަނަ މާއްދާގެ ދަށުން ހދ. ކުޅުދުއްފުށީ އޭރުގެ ކުޑަކަތީބުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިޔުޓަރ ޖެނެރަލްއަށް ވަނީ ފޮނުވިފައެވެ،" އެވެ. އޭސީސީން ބުނެފައިވެ އެވެ.