ޓެކްސީގެ ހިދުމަތް

އެމްޓީސީސީ ލަސްވުމުން ޕްރިމިއަމް ޓެކްސީގެ ހިދުމަތް އަލުން ހުޅުވާލައިފި

ޕްރިމިއަމް ޓެކްސީގެ ތައާރަފްކޮށް އެ ހިދުމަތް ދޭން ފެށުން ލަސްވާތީ މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަތުން އެ ޕްރޮޖެކްޓް އަތުލައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގައި މިއަދު ބޭއްވި ޕްރެސްކޮންފަރަންސްގައި އެ އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒް ވިދާޅުވީ ޕްރިމިއަމް ޓެކްސީ ހިދުމަތް ފޯރުކޮށްދޭން އިއުލާންކޮށް، އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވީ ނަމަވެސް މިހާތަނަށް އެ ހިދުމަތް ފޯރުކޮށް ދެވިފައި ނުވާ ކަމަށެވެ. އަދި ޕްރިމިއަމް ޓެކްސީގެ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމާ ގުޅިގެން އެ ޕްރޮޖެކްޓު އެމްޓީސީސީ އަތުން އަތުލައި އެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އަލުން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"ޕްރޮޕޯސަލްއެއް ހުށަހަޅާފައި ޕްރޮޖެކްޓް ހަވާލު ކުރީމަ މަސައްކަތް ކުރަން އަޅުގަނޑުމެން މުއްދަތެއް އެބަ ދެން. އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނުކުރެވޭ ކަމަށް ވަނީނަމަ އޭގެ ތެރޭގައި އިތުރު ފުރުސަތެއް ދޭން ވަރަށް އުނދަގޫވާނެ އެއީ ވަކި މުއްދަތެއްގެ ތެރޭގައި ކަންތައްތައް ކުރަން ތިބީ. އެހެންވެ އަބަދު އަބަދު އިތުރު ކުރުމަކީ އުނދަގޫ ކަމަކަށް މިވަނީ،" ނާފިޒް ވިދާޅުވި އެވެ.

ޕްރިމިއަމް ޓެކްސީގެ ހިދުމަތާއެކު ސްކޫލް ބަހުގެ ހިދުމަތް ވެސް ދިނުމަށް އެމްޓީސީސީއަށް ޓްރާންސްޕޯޓުން ވަނީ ހަވާލުކޮށްފަ އެވެ. ނާފިޒް ވިދާޅުވީ ބަހުގެ ހިދުމަތް ދޭ ގޮތް ކައިރިން ބަލަމުން ކަމަށާއި އެކަންތައް ވެސް ރަނގަޅު ފެންވަރަކަށް ކުރިޔަށް ނުދާ ނަމަ އަލުން އިއުލާނު ކުރާނެ ކަމަށެވެ.

ޕްރިމިއަމް ޓެކްސީއަކީ އެގްޒެކެޓިވް ލެވަލްއެއްގައި ހިދުމަތް ބޭނުންވާ ފަރާތްތަކަށް ހާއްސަ ޓެކްސީއެކެވެ. ޑްރައިވަރުން ވެސް ތިބެންޖެހޭނީ ޔުނިފޯމު ލައިގެނެވެ. މި ހިދުމަތް ރާއްޖޭގައި ދޭންޖެހެނީ ހައިބްރިޑް ކާރު ނޫނީ ބެޓެރިން ދުއްވާ ކާރުގަ އެވެ.