މާލެ އާއި ހުޅުމާލެ ދެމެދު އެމްޕީއެލްއިން ދެމުން ގެންދާ ބަސް ދަތުރުގެ ހިދުމަތް އެމްޓީޓީސީގެ ބެލުމުގެ ދަށަށް ގެންދަން ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.
އެމްޕީއެލްއިން ބްރިޖް ބަހުގެ ހިދުމަތް ދެމުން އަންނައިރު ހުޅުމާލެ ތެރޭގައި ބަހުގެ ހިދުމަތް ދެމުން ދަނީ އެމްޓީސީސީއިންނެވެ. ހުޅުމާލެ އާއި މާލެ ދެމެދެގެ ފެރީގެ ހިދުމަތް ވެސް ދެމުން އަންނަނީ އެމްޓީސީސީއިންނެވެ.
މިއަދު އެ މިނިސްޓްރީން ބޭއްވިި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ، އެއް ފަރާތަކުން ބަހުގެ ހިދުމަތް ދޭނަމަ މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލުވާނެ ކަމަށެވެ.
ބަސް ދަތުރުތަށް ފަށައިގެން އައިރު ގިނަ ދަތިތަކެއްގެ ޝަކުވާ ލިބިފައިވާތީ އަމިއްލައަށް ގްރޭޓާ މާލޭ ބަސް ޓާމިނަލް އަށް ގޮސް އެކަން ތަޖުރިބާ ކުރެއްވި ކަމަށާއި ބަސް ދަތުރުގެ ހިދުމަތް ހޯދުމުގައި ގިނަ ވަގުތުތަކެއް ހޭދާވާކަން ފާހަގަކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރިންގް ރޯޑްގައި އެކަން ހައްލު ކުރުމުގެ ގޮތުން ބަސް ވެއިޓިން ޕޮއިންޓްތަކެއް ހަދާފައިވާނެ ކަމަށެވެ. އަދި އެ ވެއިޓިން އޭރިއާތަކުގައި މިހާރު ކޮޅަށް ތިބެން ޖެހުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިށީދެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު ވަނީ ދަތިތަށް އޮޅުން ފިލުވުމުގެ ގޮތުން ގޮސްފަ، ބަސްތައް ލަސްވުމުގެ ސަބަބު ކަމަށް ލަފާކުރެވެނީ ދެ ފަރާތަކުން އެކަން ކުރުން، އެކަމަކު މިހާރު އަޅުގަނޑުމެން ނިންމާފައިވަނީ އެމްޓީސީސީއަށް ބަސް ދަތުރުތަށް ހަވާލު ކުރުމަށް،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަލޭއަށް ހާއްސަކޮށްގެން ބަހުގެ ހިދުމަތް ދިނުމުގެ ގޮތުން "މިނީ ބަސް" ތައާރަފް ކުރުމަތް ވެސް ނިންމާފައިވާ ކަމަށެވެ. މިނީ ބަސް ތައާރަފް ކުރުމަކީ މީގެކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމެކެވެ.
އެކަމަށް މިހާރު ވެސް ދިރާސަތަށް ހެދުމުގެ ގޮތުން ބަސް ދަތުރު ކުރަން އެކަށީގެންވާ މަގުތަށް ބަލަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ އަލަށް ތައާރަފް ކުރެވޭ މިނީ ބަސްތަކުން ވެސް ހިދުމަތް ދޭނީ އެމްޓީީސީސީއިން ކަމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން ވެސް ރައްޔިތުންގެ ހިޔާލު ހޯދުމަތް ހުޅުވާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.