ހަބަރު

މީސްލްސް ނެތް ފުރަތަމަ ގައުމަށްވުމަށް ރާއްޖެ މަސައްކަތް ފަށައިފި

މީސްލްސް ނުވަތަ ހިމަބިހީގެ އަލާމާތެއް ރާއްޖޭން ނުފެންނަތާ ތިން އަހަރު ވެފައިވާތީ، މި ސަރަހައްދުން މީސްލްސް ނައްތާލެވިފައިވާ ފުރަތަމަ ގައުމުގެ ލަގަބު ރަސްމީކޮށް ހޯދަން ހެލްތު މިނިސްޓްރީން މަސައްކަތް ފަށައިފި އެވެ.

މީސްލްސް ނެތް ގައުމެއްގެ ގޮތުގައި ރާއްޖެ ވެރިފައިކުރުމަށް ފުރިހަމަ ކުރަންޖެހޭ ދިރާސާތަކާއި ދާއިރާތައް ކަނޑައަޅައި އެ މަސައްކަތް ފެށުމަށް އެ މިނިސްޓްރީން މިއަދު ވަނީ ވޯކްޝޮޕެއް ބާއްވާފަ އެވެ. ޕަބްލިކް ހެލްތު ޔުނިޓްތަކާއި ހޮސްޕިޓަލްތަކުގައި ވެކްސިން ދިނުމާއި ބަލިތަކާ ގުޅޭ ތަފާސްހިސާބުތައް ބަލަހައްޓާ ފަރާތްތައް ހިމަނައިގެން ކުރިއަށްގެންދިޔަ އެ ވޯކްޝޮޕްގައި ރާއްޖޭގައި މީސެލްސް ނެތްކަން ކަށަވަރު ކުރުމަށް ޝައްކުކުރެވޭ މީހުން ޓެސްޓު ކުރުމާއި، ވެކްސިން ނުލިބި ތިބި މީހުންނަށް ވެކްސިން ދިނުން ފަދަ ކަންކަން މިއަހަރު ތެރޭގައި ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ވަނީ ކަނޑައަޅާފަ އެވެ.

މިސަރަހައްދުން މީސްލްސް ނައްތާލެވިފައިވާ ފުރަތަމަ ގައުމަކަށް ވާން ރާއްޖޭން މިއަދު ފެށި މަސައްކަތްތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، ފާއިތުވި ތިން އަހަރުވެސް ރާއްޖޭން ބަލީގެ އަލާމާތެއް ނުފެނި، ބަލި މުޅިން ކޮންޓްރޯލްކުރެވިފައި ވާތީ، ޑަބްލިޔު އެޗްއޯގެ ވެރިފިކޭޝަން ރާއްޖެއަށް ލިބުމަކީ ވަރަށް ގާތުގައިވާ ކަމެއް ކަމަށެވެ. ހިމަބިހި ފަދަ ގައިން ގަޔަށް އަރާ ބައްޔެއް މުޅިން ނައްތާލެވިފައިވާ ގައުމަކަށް ރާއްޖެ ވެގެން ދިއުމަކީ ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބޭނެ ރީތި ނަމަކަށް ވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީސެލްސް ނައްތާލެވިފައިވާ ކަމުގެ ސެޓްފިކެޓަށް ރާއްޖެ މަސައްކަތް ކުރަމުން ދާއިރު، ރާއްޖެއިން ވަނީ އެންމެ ފުރަތަމަ މި ސަރަހައްދުން މެލޭރިއާ ވެސް ނައްތާލެވުނު ގައުމުގެ ޝަރަފު މިދިޔަ އަހަރު ހޯދާފަ އެވެ.

މީސްލްސް އަކީ ވަރަށް ހަލުވިކޮށް ފެތުރޭ، ބަލިޖެހޭ ކުޑަކުދިންގެ ފުރާނައަށް ވެސް ނުރައްކާ ކުރާ ބައްޔެކެވެ. 2000 ވަނަ އަހަރުން ފެށިގެން މި ބައްޔަށް ވެކްސިން ދީގެން މުޅި ދުނިޔެއިން 20.3 ކުދިންގެ ފުރާނަ ސަލާމަތްކުރެވިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ރާއްޖޭގައި މީސްލްސް އަށް ވެކްސިން ދޭންފެށީ 1981 ވަނަ އަހަރު އެވެ. ވެކްސިންގެ ދެ ޑޯޒް ހަމަކޮށް ވެކްސިން ދޭން ފެށީ 2007 ވަނަ އަހަރު އެވެ.