ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ފްރެންޗައިޒް ބްރޭންޑްތައް މި އަހަރު ވީއައިއޭގައި ގާއިމުވާނެ: އެމްޑީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ގެންނަން ނިންމި ފްރެންޗައިޒް ބްރޭންޑްތަކުގެ ރެސްޓޯރެންޓްތައް އަޅާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ އާދިލް މޫސާ ވިދާޅުވީ ވީއައިއޭއަށް ގެންނަ ފްރެންޗައިޒް ބްރޭންޑްތަކުގެ ރެސްޓޯރެންޓްތައް ހިންގަން ޝައުގުވެރިވާ ފަރާތްތައް ޝައުގުވެރިކަން ފާޅު ކުރުމުގެ މުއްދަތު އިއްޔެ ހަމަވި އިރު ހުރިހާ ބްރޭންޑަކަށް ޝައުުގުވެރިކަން ފާޅުކޮށް ގިނަ ފަރާތްތަކަކުން ލިޔުން ހުށަހަޅާފައިވާ ކަމަށެވެ.

އާދިލް ވިދާޅުވީ އެފަރާތްތަކާއެކު ޓެންޑާ ޑޮކިއުމަންޓްތަކުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށާއި ބިޑް ހުށަހަޅަން އެ ފަރާތްތަކަށް ހަ ހަފުތާގެ މުއްދަތެއް ވެސް ދޭނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ބިޑިން ޕްރޮސެސް ނިމި މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ކުންފުނިތަކާއި މަސައްކަތް ހަވާލު ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ރިކްއެސްޓް ކުރި ހުރިހާ ބްރޭންޑަކަށް ޝައުގުވެރިކަން ފާޅުކޮށްފައި އެބަހުރި. ފަހެއް ނޫނީ ހަ ބްރޭންޑެއް މި ގެންނަނީ. އަޅުގަނޑުމެން ރިކުއެސްޓްކުރި ބްރޭންޑްތައް އެއާޕޯޓްގައި މިއަހަރު ގާއިމުވެ ހިދުމަތް ފަށާނެ،" އާދިލް ވިދާޅުވި އެވެ.

ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ ކުރިމަށްޗަށްވާ ގޮތަށް ރެސްޓޯރަންޓް ސްޕޭސްގެ ގޮތުގައި ކަނޑައެޅި ތަންތަނަށް ގެންނަން ހަމަޖެހިފައިވާ ދުނިޔޭގެ މަޝްހޫރު ފޫޑް ބްރޭންޑް ތަކުގެ ތެރޭގައި ކޭއެފްސީ އާއި މެކްޑޮނަލްޑް، ސްޓާބަކްސްގެ އިތުުން ޕިއްޒާ ހަޓް، ބާސްކިން ރޮބިންސް ފަދަ ބްރޭންޑްތައް ހިމެނެ އެވެ.

ގިނަ އަދަދެއްގެ މަޝްހޫރު ރެސްޓޯރަންޓް ބްރޭންޑްތަކެއް އެއާޕޯޓަށް ތައާރަފް ކުރަން އެމްއޭސީއެލުން މަސައްކަތް ފަށާފައިވާއިރު، އެ ވިސްނުމަކީ މީގެ ކުރިން ވެސް ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރި ވިސްނުމެއް ކަމަށް އެމްއޭސީއެލުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމުން އާ ޕެސެންޖާ ޓާމިނަލް ޓާމިނަލްގައި ފްރެންޗައިޒް ހުޅުވަން ވެސް އިސްކަންދޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ވީއައިއޭގައި މިހާރު ވެސް އިންޓަނޭޝަނަލް ފްރެންޗައިޒްގެ ހިދުމަތްދެ އެވެ. މިގޮތުން ހިދުމަތްދޭ ބައެއް ބްރޭންޑްތަކުގެ ތެރޭގައި ނޫޑީ އާއި ބާގާކިންގްގެ އިތުރުން ކޮފީ ކްލަބާއި ތައިއެކްސް ޕްރެސް ހިމެނެ އެވެ.