ތިމާވެށި

ފުރަތަމަ ފަހަރަށް "ކުޅި، ފާ، ޗަސް ބިން" ދުވަސް ފާހަގަ ކުރަނީ

Feb 1, 2017
1

ދުނިޔޭގެ "ކުޅި، ފާ، ޗަސްބިން" ދުވަސް ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ނިންމައިފި އެވެ. ދުނިޔޭގެ "ކުޅި، ފާ، ޗަސްބިން" ދުވަހަކީ މާދަމާ އެވެ.

މި އަހަރުގެ އެ ދުވަސް ފާހަގަ ކުރަނީ މި ހަފުތާގެ ބުރާސްފަތި ދުވަހުން ހުކުރު ދުވަހަށް ފުވައްމުލަކުގަ އެވެ.

މިނިސްޓްރީން ބުނީ، އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުވައްމުލަކުގައި 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ކޮށްގެން 30 މީހުން އެކުލެވޭ ގޮތަށް "ކުޅި، ފާ، ޗަސްބިން" ގެ ނަމުގައި އެއްދުވަހުގެ ކޭމްޕެއް ބާއްވާނެ ކަމަށާއި އެ ކޭމްޕުގައި މޫދު ކުޅިވަރުގެ ގިނަ ހަރަކާތްތަކާއި ކުޅި، ފާ އަދި ޗަސް ބިމާ ގުޅޭގޮތުންނާއި އެތަންތަނުގެ ދިރުންތަކާއި ކުނި މެނޭޖްކުރުމާ ބެހޭގޮތުން މީހުން ހޭލުންތެރި ކުރުވާނެ ކަމަށެވެ.

މީގެ އިތުރުން އަންނަ ހުކުރު ދުވަހުގެ ރޭ ޖަލްސާއެއް ވެސް ބާއްވާނެ އެވެ. އެ ޖަލްސާގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ އިސް ވެރިންނާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބައިވެރިވާނެ އެވެ. ޖަލްސާގައި ފުވައްމުލަކުގެ ޒިކުރާ އިންސްޓިޓިއުޓާއި އެމްއައި ކޮލެޖާއި ދެމެދު ކުޅި، ފާ އަދި ޗަސް ބިމާ ގުޅޭ ބަހުސެއް ވެސް ކުރިޔަށް ގެންދާނެ އެވެ.