ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ގަންނަން ރަޖިސްޓްރީ ކުރުމަށް މިއަދު ހުޅުވާލި ފުރުސަތުގައި 300 އަށް ވުރެ ގިނަ ފަރާތުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.
ދެވަނަ ފިޔަވަހިން ބިން ގަތުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީކުރުމަށް ފުރުސަތު ހުޅުވާލައި މިއަދު ހެނދުނު 9:00 އިން ހަވީރު 3:00 އަށް ހޮޓެލް ޖެންގައި މޭޒު ބެހެއްޓުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ރަޖިސްޓްރީވާން ކިޔޫ ހަދާފަ އެވެ.
އެޗްޑީސީން މިއަދު ބުނީ، ބިން ގަތުމަށް ރަޖިސްޓްރީ ކުރި މީހުންގެ ފޯމްތައް އެންޓާކުރުމުގެ މަސައްކަތް އަދިވެސް ކުރަމުންދާތީ ސީދާ އަދަދު އަދި ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް މިހާތަނަށް އެންޓާ ކުރި ފޯމްތަކުގެ އަދަދު 350 އަށްވުރެ ގިނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަލަށް ހިއްކި ސަރަހައްދުން ބީލަމުގެ އުސޫލުން ވިއްކަން އެޗްޑީސީން ނިންމާފައި ވަނީ 2000 އަކަފޫޓާއި 6000 އަކަފޫޓާ ދެމެދުގެ ބިންތަކެވެ. އެންމެ ބޮޑެތި އަގު ހުށަހަޅާ ފަރާތްތަކަށް ބިންތައް ވިއްކަން ނިންމާފައިވާ އިރު ބިމުގެ އަގު އެއްފަހަރާ ހަލާސްކުރާ ފަރާތްތަކަށް އިސްކަން ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ބިން ގަންނަން ރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު ރަޖިސްޓްރީކޮށްފައިވާއިރު އެ ފަރާތްތަކުން ބިންތަކަށް އަގު ހުށަހެޅުމަށް މިމަހުގެ ހަވަނަ ދުވަހު ހޮޓަލް ޖެންގައި ބީލަށް އޮންނާނެ އެވެ. ބީލަން ފެށޭ އަގަކީ އަކަފޫޓެއް 3000ރ ގެ ރޭޓުންނެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި، 2،000 އަކަފޫޓަށް ތިން ލައްކަ ރުފިޔާ އަދި އިތުރުވާ ކޮންމެ 1،000 އެކަފޫޓަކަށް އިތުރު 100،000 ރުފިޔާ ދައްކަން ޖެހެ އެވެ. ބީލަން ކާމިޔާބު ކުރާ ފަރާތްތަކުން އެކުއިޒިޝަން ފީގެ ގޮތުގައި ބިމުގެ ފަސް ޕަސެންޓް ދައްކަން ޖެހޭ އިރު ތާޑް ޕާޓީ ފައިނޭންސް މެދުވެރިކޮށް ބިމަށް އަގު ދައްކާ ނަމަ ތިން މަސްތެރޭ ދައްކާ ނިންމަން ޖެހެ އެވެ. އެއްފަހަރާ ފައިސާ ދައްކާ ފަރާތްތަކަށް ތިން ހަފްތާ ލިބޭނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.