ކެންސަ ސޮސައިޓީ އާއި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ގުޅިގެން މިއަހަރުގެ ކެންސަރު ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފި އެވެ.
ކެންސަރު ދުވަހުގެ މައި ހަރަކާތްތައް މިއަދު ހަވީރު 4:15 އިން އިރުއޮއްސި 6:00 އަށް ހެންވޭރު ދަނޑުގައި ވަނީ ކުރިއަށްގެންގޮސްފަ އެވެ. ހަރަކާތްތައް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާއި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. ދާދިފަހުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ވަނީ މިއަދުގެ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.
ރާއްޖޭގެ ކުޅުވަރުގެ މައިދާނުގައި އެކި ފެންވަރުގެ ވަނަތައް ހާސިލްކޮށްފައިވާ މިހާރުގެ ކުޅުންތެރީންނާއި ކުރީގެ ކުޅުންތެރިން މިއަދުގެ ހަރަކާތުގައި ބައިވެރިވެފައިވާއިރު، ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުން ވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.
މިއަހަރުގެ ކެންސަރު ދުވަހުގެ ހަރަކާތްތައް ކުޅިވަރު ތީމަކަށް ބަލައިގެން ކުރިއަށް ގެންދަން ނިންމީ، ކެންސަރަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު މަރާ ކުރިމަތިލާންޖެހޭ ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ހިމެނޭ ބައްޔަކަށް ވެފައި، ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ހެލިފެލިވެ އުޅުން މަދުވުން ކަމަށް ވާތީ އާންމުން ކަސްރަތާއި ކުޅިވަރަށް ހޭލުންތެރި ކުރުމަށް ކަމަށް ކެންސާ ސޮސައިޓީން ބުންޏެވެ.
"މިއަހަރުގެ ޝިއާރާ އެއްގޮތަށް ކެންސަރާ ދެކޮޅަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފި ނަމަ މި ބަލި ރާއްޖޭގައި ޖެހޭ މީޙުންގެ ނިސްބަތް ވަރަށް ބޮޑުތަން މަދުކުރެވިދާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން އިއްތިފާގުވޭ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލުތަކެއް ގެންނަން އެބަ ޖެހޭ، ކުޅިވަރާއި ސިއްހަތަށް ހޭނެން އެބަ ޖެހޭ. ކުޅިވަރުގެ ނަން މަޝްހޫރު ބޭފުޅުންނާއެކު މިފަދަ ޕްރޮގްރާމްތަކެއް ހިންގަން މި ފަށަނީ މިފަދަ ދުޅަހެޔޮ ސިއްހީ އާދަތަކަށް އާންމުން ހޭލުންތެރިކޮށް ޝައުގުވެރިކުރުމަށް،" ކެންސާ ސޮސައިޓީގެ ފައުންޑާ ހުސައިން ރަޝީދު ވިދާޅުވި އެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކެންސަރު ދުވަހުގެ ޝިއާރަކީ "އަހަންނަށް ވާނެ، އަހަރެމެންނަށް ވާނެ" މިއެވެ. މި ޝިއާރުގެ ދަށުން ކެންސާ ސޮސައިޓީން ވަނީ "ވީކޭން އައި ކޭން" ނަމުގައި ހާޢްސަ ކެމްޕޭނެއްވެސް ލޯންޗުކޮށްފަ އެވެ. އެ ކެމްޕޭނުގެ ދަށުން މިއަހަރުގެ ތެރޭގައި ކެންސަރަށް ހޭލުންތެރިކުރުމުގެ ގައުމީ ހަރަކާތްތަކެއް ކުރިއަށްގެންދަން ވަނީ ހަމަޖެހިފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތް ޕްރޮމޯޓް ކުރުމަށް ކެންސަސޮސައިޓީން ކަނޑައަޅާ އެމްބެސެޑަރަކަށް ކުރީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެމްޓަން މުހައްމަދު ކަލީމް ހަމަޖައްސާފަ އެވެ. ކަލީމް އަކީ ކުޅިވަރުގެ މައިދާނުގައި ރާއްޖޭގެ ލޯބި ހޯދާފައިވާ ފަރާތެއްގެ އިތުރުން ގިނަ ދުވަސްތަކަކަށް ކެންސަރު ބައްޔާ ހަނގުރާމަކޮށް އެކަމުން ސަލާމަތްވެފައިވާ ހިއްވަރުގަދަ ފަރާތެއްވެސްމެ އެވެ.