އެމްޑީޕީ

"އަޅުގަނޑަށް ވާދަ ނުކުރެވޭނަމަ އެމްޑީޕީން ކެންޑިޑޭޓެއް ނުނެރޭނެ"

އަންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކުރިމަތިނުލެއްވޭނަމަ އެމްޑީޕީއިން އިތުރު ކެނޑިޑޭޓެއް ނުނެރޭނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޕާޓީގެ ގައުމީ މަޖިލިސް މެންބަރުންނާ ބައްދަލުކޮށް ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ ރިޔާސީ އިންތިހާބަށް ޕާޓީގެ ޕްރައިމަރީ ވަރަށް އަވަހަށް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށެވެ. އަދި ކާމިޔާބުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ޕްރައިމަރީ ބޭއްވުމަށްފަހުގައި ޕާޓީގެ މެންބަރުން އެދޭ ކެނޑިޑޭޓު ކަނޑައެޅިގެން ދާނެ، އަޅުގަނޑު ނިންމައިގެން މިހުރީ އެ ޕްރައިމަރީގައި އަޅުގަނޑު ވާދަ ކުރުމަށް، އަޅުގަނޑު އުއްމީދު ކުރަން އެ ޕްރައިމަރީ އަޅުގަނޑަށް ކާމިޔާބުވާނެ ކަމަށް، އެ ޕްރައިމަރީން އެ ނިންމާ ކެނޑިޑޭޓަކީ އިލެކްޝަން ކޮމިޝަނުން ބަލައި ނުގަންނަ ކެނޑިޑޭޓަކަށް ވެއްޖެނަމަ އެކަން އަޅުގަނޑުމެންނަށް އެނގޭނީ އަންނަ އަހަރުގެ އޯގަސްޓަ މަހާ ހިސާބުގަ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ތިން އަހަރު ވެރިކަން ކުރެއްވި ރައީސް ނަޝީދު ވިދާޅުވީ، ކެނޑިޑެންސީ އިލެކްޝަނުން ގަބޫލު ނުކޮށްފިނަމަ އެމްޑީޕީއިން އަމަލު ކުރާނެ ގޮތް ވެސް ނިންމާފައިވާ ކަމަށެވެ. އެ ހާލަތުގައި އޮތީ ދެ ގޮތެއް ކަމަށާއި އެއްގޮތަކީ އިންތިހާބުގައި އެމްޑީޕީއިން ބައިވެރިނުވުން ކަމަށެވެ. ނަމަވެސް އިންތިހާބުގައި ބައިވެރި ނުވުމަކީ އެމްޑީޕީއަށް ވަރަށް ބީރައްޓެހި ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ދެވަނަ ގޮތަކަށް އޮންނާނީ އެހެން ކެނޑިޑޭޓަކަށް އެމްޑީޕީގެ ތާއީދު ދިނުން، އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީއިން ނިންމާނީ އެހެން ކެނޑިޑޭޓަކަށް ތާއީދު ދިނުމަށް، އެމްޑީޕީއިން ކޮންމެ ގޮތަކަށް ވެސް ބޭނުން ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު އެހެން ބޭފުޅުންނަށް ވެސް އޮންނާނެ ކަމަށާއި އެހެން ލީޑަރެއް ހުންނެވިނަމަ އެ ލީޑަރަކު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ތަބަކަށް ލާފައި އެހެން ކެނޑިޑޭޓަކަށް ޓިކެޓް ދިނުމަކީ އަދި ވާދަވެރި ޕޮލިޓިކްސްއެއް ނޫން، އެމްޑީޕީގެ ކެނޑިޑޭޓް ވާން ޖެހޭނީ ޕާޓީގެ ތެރެއިން އިންތިހާބުތަކުގައި ބައިވެރިވެގެން ޕާޓީ މެންބަރުންނަށް އެ ބޭފުޅެއްގެ ލީޑަޝިޕް ސާފުވެގެން އެ މެންބަރުން ވޯޓު ދީގެން ލިބޭ ކެނޑިޑޭޓަކަށް، އަޅުގަނޑު ކުރިމަތިލައިގެން އަޅުގަނޑަށް ތާއިދު ލިބުމަކީ އަޅުގަނޑުގެ ކުށެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެމަނިކުފާނު ފަތަށް ޖެހިވަޑައިގެންނެވިނަމަ ޕާޓީގެ އެތޭގައި ބައިބައިވުން އުފެދުމަކީ ވަރަށް ކައިރި ކަމެއް ކަމަށެވެ. އަދި އެމްޑީޕީއާ ދެކޮޅު ފަރާތްތަކުން ބޭނުންވާ ކެނޑިޑޭޓެއް އެމްޑީޕީގެ ތެރެއިން ނިކުތުމަކީ ވެސް ކައިރި ކަމެއް ކަމަށް ވިދާޅުވި އެވެ.