ޕީއެސްއެމް

މީހުން ބިނާ ކުރުމުގެ އެއްބަސްވުމެއްގައި ޕީއެސްމާއި އެމްއެންޔޫ ސޮއިކޮށްފި

މީހުން ބިނާކޮށް ހަބަރު ފެތުރުމުގައި ހަރަކާތްތެރިވާ މީހުންނަކީ އެކި ދާއިރާތަކުން މައުލޫމާތު ލިބިފައިވާ މީހުންނަށް ހަދަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އެއްބަސްވެއްޖެ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕީއެސްއެމްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މެނޭޖިން ޑިރެކްޓާ އިބްރާހިމް ހަލީލް އެވެ. އެމްއެންޔޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވައިސް ޗާންސެލާ އަލީ ފަވާޒް ޝަރީފް އެވެ.

މި ރަސްމިއްޔާތުގައި ހަލީލް ވިދާޅުވީ ރާއްޖެ އާއި ބޭރުގައި ހިނގާ ކަންތައްތަކުގެ ފުނަށް ފީނައިގެން ސައްހަ ހަބަރު އާންމުންނާ ހަމައަށް ގެނެސްދޭން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ހަބަރު ގެނެސްދޭ ފަރާތްތަކަކީ އެ ދާއިރާތަކުން މައުލޫމާތު ލިބިފައިވާ ބަޔަކަށް ވެގެން ކަމަށެވެ. މިހާރު ލިބެން ހުރި ވަސީލަތްތައް ބޭނުން ކޮށްގެން އެ ވަސީލަތަކުން އެންމެ ސައްހަކަމާއެކު މައުލޫމާތު ފޯރުކޮށްދެވޭނެ އަދި އެ އިލްމު ފޯރުކޮށްދެވޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

ރާއްޖޭގެ ގައުމީ ޓީވީއަށް 40 އަހަރުވެގެން އައި އިރު އެ ދާއިރާއިން މީހުން ބިނާ ނުކުރެވުމުގެ ހިތި ނަތީޖާ މިހާރު ފެންނަމުންދާ ކަމަށާއި މީގެ އަހަރަކާއި 10 މަސް ކުރިން ޕީއެސްއެމް އުފެދިގެން އައި އިރު އެތަނުގައި މަސައްކަތް ކުރަމުން ދިޔައީ ޑިގްރީ ފެންވަރުގެ 11 މުވައްޒަފުން ނަމަވެސް މިހާރު އެ އަދަދު 38 އަށް އިތުރުވެފައިވާކަން ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ރާއްޖޭގެ މަތީ ތައުލީމާއި ބެހޭ އިދާރާއިން ދޫކުރާ ލޯނު ސްކީމްގެ ދަށުން ޕީއެސްއެމްއަށް 10 ސްކޮލަޝިޕް ލިބިފައިވާ ކަމަށާއި މިއަހަރުގެ ތެރޭގައި 10 މުވައްޒަފުން މަތީ ތައުލީމަށް ފުރާނެ ކަމަށެވެ.

ވައިސް ޗާންސެލާ ފަވާޒް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެމްއެންޔޫއަށްވެސް މިހާރަށްވުރެ އެ ޔުނިވާސިޓީ ތަރައްގީ ކުރަން ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.