ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ މާދަމާ ބާއްވާ ގޮތަށް ހަމަޖައްސަފި އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މިއަދު އެކަން އިއުލާން ކުރެއްވީ މި އަހަރަށް މަޖިލިސް ހުޅުވައި ދެއްވައި ރިޔާސީ ބަޔާން އިއްވެވި ޖަލްސާގަ އެވެ.
މަޖިލީހުގެ ތަޅުމުގެ އަމަލީ މަސައްކަތްތައް މާދަމާ ފަށާއިރު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް ވިދާޅުވެފައި ވަނީ އެންމެ ފުރަތަމަ އިސްލާހު ކުރާނެ ބިލުތަކުގެ ތެރޭގައި އެނާޖީ ޑްރިންކާއި ސިނގިރޭޓުން ނަގާ ޓެކްސް ބޮޑު ކުުރުމުގެ މަސައްކަތް ހިމެނެ އެވެ. އޭގެ އިތުރުން މި އަހަރަކީ މުހިންމު ބިލުތަކެއްގެ މަސައްކަތް ކުރާނެ އަހަރެއް ކަމަށް ވެސް ނިހާން ވަނީ ވިދާޅުވެފަ އެވެ.
މަޖިލީހުން މިދިޔަ އަހަރު ކުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހެއް ގާއިމްކޮށް ޖިނާއީ ކުށެއް ކޮށްފައިވާ ކުރީގެ ރައީސަކަށް އިނާޔަތްތައް ކަނޑާލުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމަށް ފިންގާ ޕްރިންޓު ހުށަހަޅަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރުމުގެ އިތުރުން ކައުންސިލަރުންގެ އަދަދު މަދުކުރުން ހިމެނެ އެވެ.
އަދި އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ބިލު ހަރުކަށި ގޮތަކަށް ބަދަލު ކުރުމުގެ އިތުރުން ޖިންސީ ހަމަހަމަ ކަން ގާއިމް ކުރުމުގެ ގޮތުން ޖެންޑާ އީކުއަލިޓީ ބިލެއްވެސް ވަނީ ފާސްކޮށްފަ އެވެ. އޭގެ އިތުރުން ތޮއްޖެހިފައިވާ މާލޭގެ މަގުތަކުގައި މުޒާހަރާ ނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެއުމާއި އެއާޕޯޓުން ފުރާ ފަސިންޖަރުން އަތުން ޑިވަލޮޕްމަންޓު ޗާޖެއް ނަގަން ވެސް މިދިޔަ ދައުރުގައި ވަނީ ފާސް ކޮށްފަ އެވެ.