މިއީ ބައެއް މީހުން ނުދަންނަ ކަމަކަށް ވެދާނެ އެވެ. ސައިކަލުގައި ނުވަތަ ހިނގާފައި ދާއިރު، ވަރަށްގިނަ މީހުން ތިމާއަކީ ކިހާ ސާފުތާހިރު މީހެއްކަން ދެނެގަތުމަށް ބަލާލާނީ ފައިތިލަ އަށެވެ. ކިތަންމެ ބޯކޮށް ފުށްޖަހައި މޭކަޕްކޮށްގެން ހުއްޓަސް ފައިތިލަ ބަލާލަން ނުކުރެވޭ ވަރަށް މުޑުދާރު މީހުން ވެސް އުޅެ އެވެ.
މިއީ މީހުން ތިމާއާ ދޭތެރޭ ދެކޭގޮތް ބަދަލު ކުރުވާ ކަމެކެވެ. އެހެން ކަމުން ރީތި ސާފުތާހިރު ފަޔަކަށް އިސްކަންދޭންޖެހެ އެވެ. ތިމާއަށް ނޭންގުނު ނަމަވެސް އެހެންމީހުން ތިމާ ޖަޖު ކުރާއިރު ފަޔަށް ބަލާކަން ވިސްނަންވާނެ އެވެ.
އެގޮތުން މަދުވެގެން ދުވާލަކު އެއްފަހަރު ރަނގަޅަށް ފައިތިލަ ދޮންނަން އާދަ ކުރަންވާނެ އެވެ. ސަބަބަކީ ދުވާލުގެ ބޮޑުބައި ބޫޓުގައި ނުވަތަ ފައިވާނުގައި އުޅޭއިރު، ފައިން ހިއްލާ ދަލާއި އުނގުޅޭ ހަޑި ރަނގަޅަށް ނުފިލުވާނަމަ ފައިތިލަ ހިކި ކުރަކިވެ ނުވަތަ ނިޔަފަތިތައް ހަލާކުވެ ފަންގަސް ޖަހާ ގޮތްވެ އެވެ.
ބޫޓުގައި ކިތަންމެ ގިނަ ވަގުތު ހޭދަ ކުރި ނަމަވެސް ފައިތިލަ ރަނގަޅަށް ދޮންނަން އާދަ ކުރަންވާނެ އެވެ.
ހާއްސަކޮށް ބޫޓަށް އަރައިގެން ގިނަ ވަގުތު އުޅެންޖެހޭނަމަ ފައިތިލަ ރަނގަޅަށް ދޮވެ ހިއްކުމަށްފަހު ނޫނީ އިސްޓާކީނަށް ނާރައްޗެވެ. ސަބަބަކީ މިއީ ފައިގަ ޖަރާސީމު އުފެދެން ދިމާވާނެ އެއް ސަބަބަށްވާނެތީ އެވެ.
ފައިތިލަ ރީތިކޮށް ބެހެއްޓުމަށްޓަކައި ފައި ދޮވުމަށްފަހު އަބަދުވެސް ރަނގަޅު މޮއިސްޗަރައިޒާއެއް ބޭނުން ކުރަން އާދަކުރަންވާނެ އެވެ. މިއީ ހަމައެކަނި މޫނާއި އަތަށް ހާއްސަ ކަމެއް ނޫނެވެ. ފައިތިލަ މަޑުކޮށް ރީތިކޮށް ބެހެއްޓުމަށް ކޮންމެ ދުވަހަކު މޮއިސްޗަރައިޒާ އެއް ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ. އަދި ފައިތިލަ ރީތިކޮށް ބެހެއްޓުމަށްޓަކައި މޫނެކޭ އެއްގޮތަށް ފައިތިލަ ވެސް ސްކްރަބްކޮށް ރީތި ކުރެވިދާނެ އެވެ.
މީގެ އިތުރުން ގަވައިދުން މަހަކު ދެ ފަހަރު ފައިތިލަ ރަނގަޅަށް ތެއްމާލުމަށްފަހު، މަރުވެފައި ހުންނަ ހަންތައް ސާފުކޮށް ފައި ރަނގަޅަށް ދޮންނަން އާދަކުރަންވާނެ އެވެ. އަދި ފަޔާއި ގުޅޭ މާސްކެއް ބޭނުންކޮށްލެވިދާނެ އެވެ.
މިގޮތުން ދޮންކެޔޮވަކެއް ރަނގަޅަށް ޗަސްކޮށްލުމަށްފަހު އޭގެ ތެރެއަށް ލުނބޯ ހުތް އެއްކޮށްލުމަށްފަހު މާސްކެއް ގޮތެއް ފައިތިލަގައި އަޅާލުމަށްފަހު ވިހި މިނެޓް ފަހުން ފައިދޮވެލާށެވެ. އަދި ރަނގަޅު ފޫޓް މޮއިސްޗަރައިޒާއެއް ބޭނުން ކުރުމުން ފައިތިލަ މަޑުކޮށް ރީތި ކޮށްދޭނެ އެވެ.
އަވީގައި މާގިނަ ވަގުތު އުޅޭނަމަ މޫނެކޭ އެއްފަދައިން ފަޔަށް ވެސް ބަލަންޖެހެ އެވެ. ސަން ސްކްރީން އެއް ބޭނުން ކުރުމުގެ ބަދަލުގައި އިސްޓާކީނަކަށް ވެސް އަރައިގެން އުޅެވިދާނެ އެވެ.
ކަސްރަތު ކުރާއިރު ވެސް ފަޔަށް މާބާރު ނޫން ބޫޓަކަށް އަރަން އާދަ ކުރާށެވެ. ސަބަބަކީ ފަޔަށް ބާރު ބޫޓަކަށް އަރާނަމަ ފައިގެ އިންފެކްޝަން އުފެދި ނުބައި ވަސް ދުވަން މެދުވެރިނާ އެވެ.