ފިނިޕޭޖް

އާއިލާއާއެކު ރިތިކް ރޯޝަން ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ

Mar 19, 2015

ޗުއްޓީ ހޭދަކުރުމަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ރިތިކް ރޯޝަން އާއިލާއާއެކު ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ރިތިކް އާއިލާއާއި އެކު ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނު ޔޫއެލް ފްލައިޓުންނެވެ.

ރިތިކްގެ މި އާއިލީ ދަތުރުގައި އޭނާގެ ދެ ދަރިން ކަމަށްވާ ރިހާން އާއި ރިދާންގެ އިތުރުން، މަންމަ ޕިންކީއާއި ދައްތަ ސުނޭނާ ވެސް ބައިވެރިވެ އެވެ. މީގެ ކުރިން ރިތިކްގެ ބައްޕަ، ޑައިރެކްޓަރު-ޕޮރޮޑިއުސަރު ރާކޭޝް ރޯޝަން އައުމަށް ހަމަޖެހިފައިވީ ނަމަވެސް ފިލްމެއްގެ މަސައްކަތުގައި ބުރަކޮށް އުޅުމުގެ ސަބަބުން މިދަތުރުގައި ބައިވެރިއެއްނުވެ އެވެ.

އިންޑިޔާގެ ނޫސްތަކުން ވަނީ ރިތިކް އާއިލާ އާއެކު ރާއްޖެ ފުރަން ގޮސް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށްފަ އެވެ. 

ރިތިކް ޗުއްޓީ ނަގާފައި މި ވަނީ އާޝުތޯޝް ގޯރްވާރްކަރްގެ " މޮހެންޖޯ ދަރޯ"ގެ ޝޫޓިންގައި ގިން ދުވަސްތަކެއް ވަން މެދުކެނޑުމެއް ނެތި އުޅުމަށްފަހުގައި ކަމަށްވެ އެވެ.

ރިތިކް ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައިކަން ހާމަކޮށްފައިނުވާއިރު، ރާއްޖޭގައި ފަސް ދުވަސް ހޭދަކުރުމަށް ނިންމާފައިވާ ކަމަށްވެ އެވެ.

މީގެ ކުރިންވެސް ރިތިކް ވަނީ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އަދި 2010 ވަނަ އަހަރު ނުކުތް ރިތިކް އާއި ބާބަރާ މޯރީ ލީޑް ރޯލުން ފެނިގެންދިޔަ  "ކައިޓްސް"ގެ މަންޒަރުތަކެއްވެސް ވަނީ ރާއްޖޭގައި ނަގާފަ އެވެ.

ބޮލީވުޑްގެ މަޝްހޫރު ފަންނާނުންގެ އެންމެ މަގްބޫލު މަންޒިލަކަށް ރާއްޖެވެފައި ވާއިރު މިދިއަ ދުވަސްތަކުގައި ބޮލީވުޑްގެ މަޝްހޫރު ތަރިންގެ އިތުރުން، ޕްރޮޑިއުސަރު-ޑައިރެކްޓަރު ފަރާ ޚާންވެސް ވަނީ އޭނާގެ އާއިލާއާއެކު މިދިއަ ހަފްތާގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.