ލައިފްސްޓައިލް

ޒުވާންކަންމަތީ ހުންނާނެ ގޮތުގެ ސިއްރު މިއޮތީ

"އުމުރަކީ ހަމަ އެކަނި ނަމްބަރެކޭ" ބުނާ ބުނުމަކީ ހަމަ ތެދެކެވެ. ބައެއް މީހުންނަކީ އެމީހުންގެ އުމުރަށް ވުރެެ ޒުވާން ކަމަށް ފެންނަ މީހުންނެވެ. ނަމަވެސް މިއީ ވަކި މީހަކަށް ހާއްސަ ކަމެއް ނޫނެވެ. ކޮންމެ ކަމަކަށް ވެސް ބޭނުންވަނީ ހިވާގި ކަމެކެވެ. އޭރުން ކިތަންމެ އުމުރުން ދޮށި ނަމަވެސް، ޒުވާނެއްގެ ގޮތުގައި ހުރެވިދާނެ އެވެ.

މިގޮތުން އަހަރެމެންގެ ކެއުމުގެ ވަށްޓަފާޅިއަށް ގެންނަ ބަދަލަކުން ވެސް މީހާގެ ހަށިގަނޑަށް މުސްކިޅި ކަމާ ދުރުކޮށްދެ އެވެ.

ހާއްސަކޮށް މީހާގެ އުމުރުގެ ޒުވާން ދުވަސްވަރު ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދީ ހަށިގަނޑަށް ފައިދާ ހުރި ކޮންމެހެން މުހިންމު ނިއުޓްރިއަންޓްސް ހިމެނޭ ކެއުންތަކާއި ގިނައިން ފެންބުއިމަކީ މީހާ ޒުވާންކަންމަތީ ދެމިހުރުމަށް އެހީވެދޭނެ ކަމެކެވެ. މީގެއިތުރުން ތަފާތު ކެމިކަލްތައް އެކުލެވޭ އުފެންދުންތައް މޫނުގައ ހޭކުން ދުރުވުން ވެސް ކޮންމެ މުހިންމެވެ. އޭގެ ބަދަލުގައި ގުދުރަތީ އެއްޗެހި ބޭނުންކުރުމަކީ ވެސް މޫނުގައި ރޫޖެހުމުން ދުރުކޮށްދީ ހަން އޮމާންކޮށްދޭނެ ކަމެކެވެ. މީހާ ޒުވާންކަން މަތީ ހުރުމަށް އެންމެ ސަމާލުކަން ދޭން ޖެހޭ ކަމަކީ ބަރާބަރަށް ކޮންމެ ދުވަހަކު ވެސް ރަނގަޅަށް ނިދުމަށެވެ.

މުސްކުޅި ނުވެ، ޒުވާންކަންމަތީ ހުރުމަށް ހަށިގަނޑުގައި އުފެދޭ ވިހަތައް ސާފުކޮށްދޭ ކާއެއްޗިއްސިން ކެއުން ވަރަށް ވެސް މުހިންމެވެ. ތިރީގައި މި އޮތީ މި ގޮތުން ކެވިދާނެ ތަކެތީގެ ލިސްޓެކެވެ. މި ލިސްޓުގައި ހުރިހާ ވައްތަރެއްގެ އޯގަނިކް މޭވާ އާއި ތަރުކާރީ ހިމެނެ އެވެ. މިއީ ހަމައެކަނި ޒުވާންކަންމަތީ ދެމިހުރުމަށް އެހީތެރިވެދިނުމުގެ އިތުރުން، ކެންސަރާއި ހިތުގެ މައްސަލަތަކުގެ އިތުރުން، ލޭ ސާފުކޮށްދީ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ވެސް އެހީތެރިވެދޭ ކާނާ އެވެ. މީގެ ގިނަ ބާވަތްތައް ރާއްޖޭގެ ބާޒާރުން ވެސް ލިބެން ހުންނަ އިރު، ކޮންމެ ދުވަހެއްގެ ކާނާގައި ވެސް މީގެއިން ކޮންމެވެސް ބާވަތެއް ހިމެނުން ކޮންމެހެން މުހިންމެ އެވެ.

ހަވާދުގެ ބާވަތްތައް

ގޭގައި ބަދިގޭގައި ކެއްކުމަށް ބޭނުންކުރާ ރީނދުލުން ފެށިގެން ގޮސް ހުރިހާ "ސްޕައިސަސް" އަކީ ވެސް ޒުވާންކަންމަތީ ދެމިހުރުމަށް އެހީތެރިވެދޭ އެއްޗިއްސެވެ. ހަވާދުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ވިހަތައް ސާފުކޮށްދެ އެވެ.

ގްރީން ޓީ

މިއީ އެންމެންގެ މެދުގައި ވެސް އެންމެ މަޝޫހޫރު އެއް ބުއިމެވެ. ހާއްސަކޮށް މިއީ ޑައިޓް ކުރާ ފަރާތްތަކާއި ސިއްހަތައް ބަލައިގެން އުޅޭ މީހުންގެ މެދުގައި ވެސް އެންމެ މަޝްހޫރު ސައެވެ. ދުވާލަކު ތިން ތަށި ގްރީން ޓީ ބޯނަމަ ހަށިގަނޑުގައި ހިމެނޭ ސެލްތަކުގެ އުމުރު ދިގުކޮށްދީ ޒުވާންކަންމަތީ ދެމިހުރުމަށް އެހީތެރިވެދީ ހަށިގަނޑުގައި ހުންނަ ވިހަތައް ސާފުކޮށްދެ އެވެ. މީގެއިތުރުން ގްރީން ޓީ ސަިފަތް ޕެކެޓަކީ ވެސް ލޯ ކައިރި އުޖާލާކޮށް ރީތިކޮށްދިނުމަށް ވެސް އެހީތެރިވެދޭނެ އެއްޗެކެވެ.

ކިވީ

އާންމު ގޮތެއްގައި ކިވީ ބޭނުންކުރާނަމަ މޫނުގައި ރޫޖެހުމުން ދުރުކޮށްދޭނެ އެވެ. ލުނބޯ އަދި އޮރެންޖަށް ވުރެން ގިނައިން ވިޓަމިން "ސީ" ކިވީން ލިއްބައިދެ އެވެ. ވިޓަމިން ސީ އަކީ މީހާގެ ހަން އުޖާލާކޮށް ޒުވާންކަމަށް ދެއްކުމަށް ކޮންމެހެން ވެސް ހަށިގަނޑަށް މުހިންމު ވިޓަމިނެކެވެ.

ފެހިކުލަ ހިމެނޭ ތަރުކާރީ

ފެހިކުލަ ގަދަ ތަރުކާރީގައި ގިނަ އަދަދަކަށް ފައިބާ ހިމެނެ އެވެ. މިއީ ހަޖަމު ކުރަން ފަސޭހަކޮށްދީ ބޮޑުކަމުދާން ފަސޭހަ ކޮށްދިނުމުގެ އިތުރުން ހަށިގަނޑުގައި ހިމެނޭ ވިހަ މާއްދާތައް ސާފުކުރުމަށް އެހީތެރިވެދޭ ކާނާ އެވެ.

ނަޓްސް

މިއީ ކޮންމެ ދުވަހަކު ވެސް ގަވައިދުން ކާން މުހިންމު އެއްޗެކެވެ. ނަޓްސް އަކީ ހަމަ އެކަނި ސިކުނޑީގެ މަސައްކަތް ފުރިހަމަ ކޮށްދޭ އެއްޗެއްނޫނެވެ. ހަށިގަނޑުގެ މަސައްކަތް ހަލުވިކޮށް މީހާ ޒުވާންކަންމަތީ ހުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.