ވިޔަފާރި

ބީއެމްއެލް އޮންލައިން ޕޯޓަލް އިން 7،000 މީހުން ޑޮލަރު ގަނެފި

Feb 8, 2017

ބޭރަށް ފުރާ މީހުންނަށް ޑޮލަރު ވިއްކުމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ތައާރަފްކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް މަސްދުވަހުގެ ތެރޭގައި 7،000 މީހަކު ޑޮލަރު ގަނެފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

އެ ހިދުމަތަށް އެއްމަސްފުރުމާ ގުޅިގެން ބީއެމްއެލްއިން އާންމު ކުރި ބަޔާނުގައި ބުނީ، ވޭތިވެދިޔަ އެއްމަސް ދުވަހުތެރޭ، 7000 ދަތުރުވެރިއަކު ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ބުކިން ހެއްދި ކަމަށެވެ. އޮންލައިން ޕޯޓަލް މެެދުވެރިކޮށް ޑޮލަރަށް ފައިސާ ދެއްކުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ޓާމިނަލްގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ ހާއްސަ ކައުންޓަރުތަކުން ޑޮލަރު ދޫކުރަމުން ގެންދެ އެވެ.
އެ ކައުންޓަރުންތަކުން އެވްރެޖްކޮށް ދުވާލަކު 200 ކަސްޓަމަރުންނަށް ހިދުމަތްދީފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ. ޑޮލަރު ގަންނަން އޮންނަ ކިޔޫ ނައްތާލުމަށް، އާ ނިޒާމް ބީއެމްއެލް އިން ތައާރަފް ކުރީ، ފަށާފައިވަނީ މިދޔަ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު އެވެ.

ބޭންކުންވަނީ މި ނިޒާމު ބޭނުންކޮށްގެން އެންމެ ފުރަތަމަ ޑޮލަރު ގަތް 10 ދަތުރުވެރިންނަށާއި އެއްހާސް ވަނަ ކަސްޓަމަރަށް ހިލޭ، 100 ޑޮލަރު ދީފަ އެވެ.

ބީއެމްއެލްގެ އޮންލައިން ބުކިން ނިޒާމުގެ ސަބަބުން ޑޮލަރު ގަތުމަށް ބޭންކްތަކުގެ ބޭރުގައި ކިޔޫ ހަދައިގެން ތިބެންޖެހުން ނިމުމަކަށް އައިސް އާންމުންގެ ބޮޑު ތަރުހީބެއް މި ނިޒާމަށް ލިބުނެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އަވަހަށް އެއާރޕޯޓުން ޑޮލަރު ލިބޭނެ ގޮތް ހަމަޖެހިގެން ދިޔައެވެ. އެއާޕޯޓުން ޑޮލަރު ދޫކުރަން ފެށުމުން ނަހަމަގޮތުގައި ޑޮލަރު ހޯދުން ހުއްޓުމަކަށް އައިސް، މިގޮތަށް ދޫކުރާ ޑޮލަރު ލިބެނީ އަސްލު ދަތުރުވެރިންނަށްކަން ވަނީ ކަށަވަރުވެގެން ގޮސްފަ އެވެ.

ބޭންކުން ވަނީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި ދުވަސްވީ މީހުންނަށް ޑޮލަރު ދޫކުރުމުގައި ހާއްސަ އިސްކަމެއް ދެމުންނެވެ.