އެމްއެމްއޭ

އެމްއެމްއޭ އިން މިދިޔަ އަހަރު 995 މިލިއަން ޑޮލަރު ވިއްކި

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރު 995.5 މިލިއަން ޑޮލަރު ވިއްކައިފި އެވެ.

މިއީ އެމްއެމްއޭ އިން 2022 ވަނަ އަހަރު ވިއްކި 994 މިލިއަން ޑޮލަރާ އަޅާބަލާއިރު 0.2 ޕަސަންޓް އިތުރުވުމެކެވެ.

އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުން 69 އިންސައްތަ ޑޮލަރު ވިއްކާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް -- ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ތަކަށެވެ.

އެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 687.8 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މިއީ 2022 ވަނަ އަހަރު އެމްއެމްއޭ އިން އެސްއޯއީތަކަށް ޑޮލަރު ވިއްކި ވަރަށްވުރެ ފަސް ޕަސަންޓް މަދު މިންވަރެކެވެ.

އެމްއެމްއޭ އިން ބޭންކްތަކަށް މިދިޔަ އަހަރު 307.6 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 15 ޕަސަންޓް އިތުރުވުމެކެވެ.

ބޭންކްތަކަށް ވިއްކި ޑޮލަރުގެ ތެރެއިން 85.5 މިލިއަން ޑޮލަރު ވިއްކާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް 500 ޑޮލަރު ވިއްކަ އެވެ.