ކޮންމެ ކުއްޖަކީވެސް ގައުމަށް ބޭނުންތެރި ކުއްޖަކަށް ހެދިދާނެ ކަމަށާއި އެ އުންމީދު ފަނޑުވިޔަނުދީ، އެކަން ހަގީގަތަކަށް ހެއްދެވުމަށް ރައީސް އަބްދުﷲ ޔާމީން ދަނީ ކެނޑިނޭޅި މަސައްކަތްކުރައްވަމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރު ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވެ، ޕްރޮގްރާމް ނިންމި ކުދިންގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ ގިޔާސުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދަސްވާރު ޕްރޮގްރާމަކީ ހަމައެކަނި ފޮތްތަކުގެ މައުލޫމާތަށް ދަށް، އެހެން ނަމަވެސް ހުނަރުން ފުރިފައިވާ އެތަކެއް ދަރިވަރުންނެއް ބާކީވަމުން ދަނިކޮށް އެކުދިންނަށް މުސްތަގުބަލެއް ހޯދައިދިނުމަށް ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ފެށި ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމުގެ ފައިދާ މިހާރު ފެންނަމުންދާ ކަމަށާއި އެކަމުގެ އުފާ މިއަދު މުޅި ރާއްޖެއަށް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.
"މި ކާމިޔާބީގެ ސިއްރަކީ ދަސްވާރު ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ވަކި ވަކި ކުދިންގެ ބޭނުންތަކަށް ބަލައި މަސައްކަތްތެރިކަމުގެ ހުނަރުގެ އިތުރަށް ދިރިއުޅުމަށް ބޭނުންވާ އަސާސީ ހުނަރު ދަރިވަރުންނަށް ފޯރުކޮށް ދެވިގެން،" މިނިސްޓަރު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ވަނީ މިދިޔަ އަހަރު މާލޭގެ 11 ސްކޫލަކުން ދަސްވާރު ފުރިހަމަކުރި 192 ދަރިވަރުންނަށް ސެޓްފިކެޓް ދީފަ އެވެ. އަދި މުޅި ރާއްޖެއިން ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވި 1490 ދަރިވަރުންގެ ތެރެއިން ޕްރޮގްރާމް ނިންމި 1046 ކުދިންގެ ކާމިޔާބީ ފާހަގަކޮށްފަ އެވެ. ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވި ކުދިންގެ ތެރެއިން އަތޮޅުތަކުން 154 ސްކޫލަކުން 826 ދަރިވަރުން ވަނީ ސެޓްފިކެޓް ލެވެލް ތިނެއް ފުރިހަމަ ކޮށްފަ އެވެ.
ސަތޭކަ ހަތް ދަރިވަރުންނާއެކު 2014 ވަނަ އަހަރު ފެށި ދަސްވާރު ޕްރޮގްރާމުން އެ އަހަރާއި ޖެހިގެން އައި 2015 ވަނަ އަހަރު ފުރިހަމަ ކުރި ދަރިވަރުންގެ ތެރެއިން ގިނަ ކުދިންނަކީ މިހާރު އެކުދިން ތަމްރީން ހޯދި ދާއިރާތަކުން މަތީ ތަކުލީމަށް ކިޔަވާކުދިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. ދަސްވާރުގައި ކުދިންނަށް އިހްތިޔާރީ ކޯސްތަކުގެ ގޮތުގައި ހަ ކޯހަށްވުރެ ގިނަ ދާއިރާތަކުން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.