ހަބަރު

ލާމު ލިންކުގެ އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާ އެމެޖެންސީގައި މާލެ

  • އޭނާގެ އެތެރެ ހައްޓަށް ލޭ އެޅި ހާލު ސީރިއަސް
  • އޭނާ މާލެ ގެންނަނީ ސިފައިންގެ ހެލި ކޮޕްޓަރުގައި
  • އެ އެކްސިޑެންޓްގައި އެކަކު މަރުވެސް ވި

ލާމު ލިންކްރޯޑުގައި އިއްޔެ ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއްވެ ޒަހަމްވި ޒުވާނާ އެމަޖެންސީގައި މާލެ ފޮނުވާލާފައިވާ ކަމަށް ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ. ހެލިކޮޕްޓަރުގައި އޭނާ މާލެ ގެންނަން ގަމުން ފުރާފައިވަނީ 10:15 ހާއިރު އެވެ.

މާންދޫ ބެންޑު ސަރަހައްދުން ލިންކް ރޯޑްގައި ދެކޮޅަށް ދުއްވި ދެ ސައިކަލެއް ޖެހި ހިނގި އެ ނުރައްކާތެރި އެކްސިޑެންޓުގައި ގަމު ތުނޑީ އަވަށަށް ނިސްބަތްވާ 27 އަހަރުގެ މުހައްމަދު ރިފްޝާން ވަނީ މަރުވެފަ އެވެ. އެކްސިޑެންޓަށްފަހު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ހާދިސާގައި ދެން އަނިޔާވެފައިވަނީ ވެސް ހަމަ އެ އަވަށަށް ނިސްބަތްވާ އިބްރާހިމް ޝަފީގް ނަމަކަށް ކިޔާ 27 އަހަރުގެ ޒުވާނަކަށެވެ.

ގަމު ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި، ހޮސްޕިޓަލްގެ ޑިރެކްޓާ އަބްދުލް ހައްނާން މިއަދު ވިދާޅުވީ، ޒަހަމްވި ޒުވާނާ މާލެ ފޮނުވާފައިވަނީ އޭނާއަށް ގިނަ އަނިޔާތަކެއް ލިބި، ހާލު މާ ބޮޑަށް ގޯސްވަމުން އަންނާތީ ކަމަށެވެ. އޭނާ އަށް ލިބިފައިވާ އަނިޔާތަކުގެ ތެރޭގައި ވާތު ފަޔާއި އަތް ބިންދައިގެން ގޮސް، ބޮލަށްވެސް ގިނަ އަނިޔާތަކެއް ލިބިފައިވެ އެވެ. ހައްނާން ވިދާޅުވީ އޭނާގެ އެތެރަހައްޓަށް ވަރަށް ބޮޑަށް ލޭ ފައިބާފައިވާކަމަށް ހެދި ޓެސްޓުތަކުގެ ނަތީޖާއިން ލަފާކުރެވޭ ކަމަށެވެ.

"ހާލު ވަރަށް ދެރަކޮށް އޭނާ އޮތީ. ގަޑިއެއްހާ އިރު ތެރޭ މާލެ ގެންދެވޭނެ ކަމަށް ލަފާވަނީ،" ހައްނާން ވިދާޅުވި އެވެ.

އިއްޔެގެ އެކްސިޑެންޓަކީ ލ. ލިންކްރޯޑް ޒަމާނީ ފެންވަރަށް ހެދުމަށްފަހު މިދިޔަ އަހަރު އެ މަގު ހުޅުވި ފަހުން ރިކޯޑުކުރެވުނު ފުރަތަމަ ނުރައްކާތެރި އެކްސިޑެންޓެވެ. ނަމަވެސް އެ މަގުގައި ސައިކަލް ސްޓަންޓް ޖެއްސުމާއި ދުއްވަންޖެހޭ ވަރަށް ވުރެ ބާރަށް ދުއްވާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.