ކުންފުންޏާ ބެހޭ އާ ބިލެއް މިއަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި މަޖިލީހަށް ހުށަހަޅާނެ ކަމަށާއި އެ ބިލް ފާސްކޮށް މިއަހަރުތެރޭގައި އާ ގާނޫނަށް އަމަލުކުރަން ފަށާނެ ކަމަށް ރަޖިސްޓްރާ އޮފް ކޮންޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބައެއް މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް އެ މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވިސާމް ވިދާޅުވީ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާ އެތައް ގުނައަކަށް ފުޅާވެ، ގިނަ ދުވަސްވީ ކާމިޔާބު ކުންފުނިތަކެއް ރާއްޖޭގައި މިހާރު ގާއިމްކުރެވިފައިވާ ކަމަށެވެ. އެ ކުންފުނިތަކާބެހޭ އެކި ކަންކަމުގައި ގާނޫނު ހުއްދަކުރާ ކަންކަން ވަރަށް ސާފުކޮށް ލިޔުމުން ފެންނަން ހުންނަންޖެހޭ ކަމަށް ވިސާމް ވިދާޅުވި އެވެ. ނަމަވެސް މިހާރު ގާނޫނު އޮތްގޮތުން ބައެއް ކަންކަން އުނިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލަށް ޑްރާފްޓްކުރި ގާނޫނު އެކުލަވާލުމުގައި ޒަމާނަށް ފެތޭ އިސްލާހުތަކެއް އިތުރުކޮށްފައިވާ ކަމަށް ވިސާމް ވިދާޅުވި އެވެ. ކުންފުންޏާ ބެހޭ އާ ބިލް ޑްރާފްޓް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ މެދުތެރޭގައި ކަމާ ބެހޭ ފަރާތްތަކާ އެކު ކޮންސަލްޓޭޝަން ޕްރޮގްރާމްތަކެއް ހިންގާފަ އެވެ.
"ކުންފުންޏާ ބެހޭ ގާނޫނެއްގަ ވަރަށް ސަރީހަކޮށް ކުންފުނިތަކާ ގުޅިގެން ކަން ކުރަންޖެހޭ ތަފްސީލުތަކެއް ހުންނަންޖެހޭ ކަމަށެވެ. ނަމަވެސް މިހާރު އޮތް ގާނޫނުގަ ބައެއް ތަފްސީލުތައް އެކަށީގެންވާ މިންވަރަށް ނެތްކަން. ކުންފުންޏެއް ވުޖޫދުގަ އޮންނަ އިރު ކުންފުނީގެ ހިއްސާ ދާރުންނާއި ކުންފުންނާ ގުޅޭ އެހެން މީހުންގެ ފުރިހަމަ ޒިންމާއާ މަސްއޫލިއްޔަތު ގާނޫނުގައި މިހާރު އޮތް ވަރަށްވުރެ ބޮޑަށް ލިޔެވި ތަފްސީލުކޮށްދޭން ޖެހޭ. އެ ބިލާއެކު މެނޭޖިން ޑިރެކްޓަރުގެ މަސްއޫލިއްޔަތާ ޒިންމާތައް މިހާރަށްވުރެ ތަފްސީލުކޮށް ބަޔާންކުރެވޭނެ،" ވިސާމް ވިދާޅުވި އެވެ.
ކުންފުންޏާ ބެހޭ ގާނޫނު މިހާރު އޮތްގޮތުން ވަކި ގާނޫނީ ސަހުސެއްގެ ގޮތުގައި ކުންފުންޏެއް އުފައްދާ ނަމަވެސް ދެވަނަ ހިއްސާދާރެއް ޝާމިލުކުރަން ޖެހެ އެވެ. ނަމަވެސް އާ ގާނޫނަށް އަމަލުކުރަންފެށުމާއެކު ވަކި ފަރުދަކަށް ވެސް ކުންފުންޏެއް އުފެއްދޭނެ ނިޒާމެއް އުފެދިގެންދާނެ ކަމަށް ވިސާމް ވިދާޅުވި އެވެ.
"ހަމަ މިއާއެކު ކޮންމެ ކުންފުނި ވުޖޫދަށް އައިސް، ވިޔަފާރިކުރަމުންދާ ދުވަސްތަކުގައި ކުންފުންޏަށް އަންނަ ބަދަލުތައް އިކޮނޮމިކް މިނިސްޓްރީގައި ދަފްތަރުކުރުމަށްވެސް ހަރުދަނާ ގަވާއިދުތަކެއް އާ ގާނޫނުގެ ތެރޭން އުފެދިގެން އަންނާނެ. އެނގިވަޑައިގަންނަވާނެ، ކުންފުނީގެ އާޓިކަލް އޮފް އެސޯސިއޭޝަނަށް އަންނަ ބަދަލުތަކަކީ ވަރަށް ރަނގަޅަށް ދަފްތަރުކުރެވެންޖެހޭ ބަދަލުތަކެއް،ހަމަ އެއާއެކު ކުންފުންޏެއް އުވާލާ ހާލަތުގައި ލިކުއިޑޭޓާ އަދާކުރަންޖެހޭ ރޯލާއި މިހެން ގޮސް ވަރަށް ގިނަ ކަންތައްތަކެއްގެ ސްޓޭންޑަޑައިޒް މައުލޫމާތުތަކެއް މިހާރުގެ ގާނޫނުން އެބަ އުނިވޭ. މި އުނިކަން އަލަށް ފަރުމާކުރާ ގާނޫނުން ފުރިހަމަ ވާނެ،" ވިސާމް ވިދާޅުވި އެވެ.
ކުންފުންޏާ ބެހޭ އާ ގާނޫނު މިހާރު ވަނީ ޑްރާފްޓްކޮށް، ރިވިއުކުރުމަށް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައެވެ. ބިލް މަޖިލިހަށް ހުށަހަޅަން ނިންމާފައިވަނީ މި އަހަރުގެ ފުރަތަމަ ކުއާޓާގަ އެވެ.