ވިޔަފާރި

މިދިޔަ އަހަރު 1.6 ބިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓް

  • 300 މިލިއަން ޑޮލަރުގެ އިތުރުވުމެއް
  • ގިނަ އިންވެސްޓްމަންޓް ޓޫރިޒަމްގެ ދާއިރާއަށް
  • އިންވެސްޓްމަންޓް އިތުރު ކުރަން ގާނޫނީ ބަދަލުތަކެއް

ގާތްގަނޑަކަށް 1.6 ބިލިއަން ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓްތަކަށް މިދިޔަ އަހަރު އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި މައުލޫމާތު ސެޝަނެއްގައި ރަޖިސްޓަރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް މިއަދު ވިދާޅުވީ، ރާއްޖެއަށް އަންނަ ފޮރިން އިންވެސްޓްމަންޓްތައް އަހަރެއް އަހަރަކަށް ވަރަށް ބޮޑުތަން އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަރުވެސް 1.6 ބިލިއަން ފޮރިން ރުފިޔާގެ ބޭރުގެ އިންވެސްޓަމަންޓްތަކަށް ހުއްދަ ދީފައިވާއިރު، އެއީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު 300 މިލިއަން ޑޮލަރުގެ އިތުރުވުމެއް ކަމަށް ވިސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިދިޔަ އަހަރު އިކޮނޮމިކް މިނިސްޓްރީއަށް އެންމެ ގިނައިން ޕްރޮޕޯސަލް ހުށަހަޅަފައިވަނީ ޓޫރިޒަމް ދާއިރާގައި އިންވެސްޓު ކުރުމަށް ކަމަށެވެ. އިތުރަށް ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ލޮޖިސްޓިކް، ކޮންސަލްޓެންސީ އާއި އިމްޕޯޓް އެކްސްޕޯޓް ދާއިރާތަކުގައި ވިޔަފާރި ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރު ލިބުނު އެޕްލިކޭޝަންތަކަށް ބަލާއިރު، އެތަނުން 80 ޕަސެންޓަކީ ޓޫރިޒަމްގެ ވިޔަފާރީގައި ޝާމިލުވުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކެއް. ވިހި ޕަސެންޓްގެ ތެރޭގައި މި ހިމެނެނީ ލޮޖިސްޓިކްސް ކޮންސަލްޓެންސީ އަދި އިމްޕޯޓް އެކްސްޕޯޓް ދާއިރާތަކުގައި އެނގޭޖްވާން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކެއް،" ވިސާމް ވިދާޅުވި އެވެ.

އޭގެ މާނައަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީން މިހާރު ހުއްދަ ދީފައިވާ 1.6 ބިލިއަން ޑޮލަރު ރާއްޖޭގައި އިންވެސްޓްކޮށް އޭގެ ނަތީޖާ ފެންނަން ފަށާނެކަން ކަން ރެޖިސްޓްރާ ފާހަގަ ކުރެއްވި އެވެ.

ފޮރިން އިންވެސްޓްމަންޓްގެ ދާއިރާ ރާއްޖޭގައި ފުޅާވަމުން އަންނަ އިރު އިކޮނޮމިކް މިނިސްޓްރީން ދަނީ، ފޮރިން އިންވެސްޓްމަންޓް ތަކަށް ފަސޭހަ ކުރުމަށް ގާނޫނަށް ވެސް އިސްލާހު ގެންނަމުންނެވެ. މިހާރު އަމަލުކުރަމުންދާ ފޮރިން އިންވެސްޓްމަންޓާބެހޭ ގަވާއިދަކީ ވަރަށް ކުރިއްސުރެ އަމަލުކުރަމުންދާ ގަވާއިދެކެވެ. އެގަވާއިދަށް ވެސް ޒަމާނީ ބަދަލުތަކެއް ގެނެސް، ބޭރުގެ ފަރާތްތަކާއެކު ވިޔަފާރިއަށް ފަހި އެއްބަސްވުންތަކެއް މިހާރަށްވުރެ ފަސޭހައިން އެކުލަވާލެވޭނެ ނިޒާމްތަކެއް ގާއިމްކުރަން އަލަށް ގެންނަ އިސްލާހުތަކުން މަގުފަހިކޮށްދޭނެ ކަމަށް ވިސާމް ވިދާޅުވި އެވެ.

"ސަރުކާރުން ވަރަސް ބޮޑަށް މަސައްކަތް ކުރޭ، ބޭރު ދުނިޔެއާ އެކު ވިޔަފާރިއަށް ފަހި އެއްބަސްވުންތަކެއްގެ ތެރެއަށް ވަނުމަށް. އެހެންވީމަ މިހާރަށްވުރެ ވެސް ބޮޑަށް ހުޅުވިފަ އޮތް ސިޔާސަތުތަކެއްގެ ތެރެއިން ފޮރިން އިންވެސްޓްމަންޓް ރާއްޖެއަށް އެޓްރެކްޓް ކުރެވޭނެ ގޮތްތަކެއް ކަނޑައަޅައިދޭ އިސްލާހުތަކެއް ގެންނަން އެބަ ޖެހޭ. މި އަމާޒުގައި މިކުރާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ފޮރިން އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތްކުރުމާބެހޭ ގަވާއިދުތަކެއް ވުޖޫދަށް އަންނާނެ. އަދި ފޮރިން އިންވެސްޓްމަންޓްތަކަށް ހުއްދަދޭ އުސޫލު މިހާރަށްވުރެވެސް ބޮޑަށް ތަފްސީލުވެގެންދާނެ،" ވިސާމް ވިދާޅުވި އެވެ.